އާސެނަލާއި ޔުނައިޓެޑް މެޗު އެއްވަރުވެގެން ނިމިއްޖެ

އާސެނަލާއި ޔުނައިޓެޑް ބައްދަލު ކުރި މެޗުގައި ގޯލު ޖެހުމަށްފަހު އޮބަމަޔެންގް އުފާފާޅު ކުރަނީ --- ފޮޓޯ// ޖޭމީ ސްމިތް

މެންޗެސްޓާރ - (1 އޮކްޓޯބަރ) އިނގިރޭސި ޕްރިމިއާ ލީގުގައިި ރޭ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ވާދަވެރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން އާސެނަލް ފަހަތުން އަރައި އެއްވަރު ކުރީ 1-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު އާސެނަލުން ތާވަލުގެ ގަދަ ހަތަރަކަށް ޖެހިލި އިރު ޔުނައިޓެޑް އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. މިފަހަރުގެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވަނީ ކުޅުނު ހަތް މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ ތިން މެޗުން އެއްވަރު ވެފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިނުނު ރޭގެ މެޗު ފެށިގެން ދެ ޓީމުން ވެސް ކުޅުނީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުން ވެސް ވަރުގަދަޔަށް އެޓޭކް ކުރަމުން ދިޔައިރު ޑިފެންޑަރުންގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ނަމަވެސް އެ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ޔުނައިޓެޑުން މެޗުގެ ލީޑު ވަނީ ނަގައިފަ އެވެ. އާސެނަލް އޭރިއާ ތެރޭގައި ގިނަ އިރުތަކެއް ވަންދެން ބޯޅަ ސާފު ނުކޮށްލެވިގެން އުޅެނިކޮށް އޭރިއާ ބޭރަށް މާކަސް ރަޝްފޯޑް ދަމާލި ބޯޅަ ގޯލަށް އަމާޒު ކޮށްލީ ސްކޮޓް މެކްޓޮމިނޭ އެވެ.

ދެވަނަ ހާފު ފެށިގެން އާސެނަލުން ދިޔައީ ޓީމު އިތުރަށް ކުރިއަށް ޖައްސައި ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ލޫކަސް ޓޮރޭރާއަށް ލިބުނު އިރު އެ ބޯޅަ ދިޔައީ އޭނަގެ ފަޔަށް ނާރަ އެވެ. އޭގެ އިރަކޮޅެއް ފަހުން ޓޮރޭރާގެ ބަދަލުގައި ޑެނީ ކެބަޔޯސް ވަނީ ކުޅެން ނުކުމެފަ އެވެ. އޭނާ ކުޅެން ނުކުތުމުން އާސެނަލްގެ ކުޅުންގަނޑު އިތުރަށް ހަލުވިވެ އެޓޭކް ގިނަވި އެވެ.

ނަތީޖާއެއްގެ ގޮތުން އޭގެ އިރަކޮޅެއް ފަހުން ޔުނައިޓެޑުގެ ޑިފެންސުން ހެދި ގޯހެއްގެ ފައިދާ ނަގައި އާސެނަލްގެ އެރިކް އޮބަމަޔެންގެ ވަނީ ގޯލެއް ޖަހައިފަ އެވެ. އެ ގޯލު އޭނާ ޖެހީ އޮފްސައިޑްގައި ހުރެގެން ކަމަށް ރެފްރީ ފުރަތަމައިން ނިންމަ ނަމަވެސް ވީއޭއާރު ބެލުމަށްފަހު ފަހުން ވަނީ ގޯލެއް ކަމަށް ނިންމާފަ އެވެ. އޮބަމަޔެންގް މިފަހަރުގެ ޕްރިމިއާ ލީގުގެ އެއް މެޗު ފިޔަވާ އެހެން ހުރިހާ މެޗެއްގައި ގޯލު ޖަހާފައި ވާ އިރު އެންމެ ފަހުން އޭނާ ކުޅުނު 13 މެޗުގައި ވަނީ 15 ގޯލު ޖަހައިފަ އެވެ.

އާސެނަލުގެ ގޯލަށް ފަހު ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރުގަދަޔަށް ކުޅެ ގިނަ ފައުލުތަކެއް ކުރި މަންޒަރެވެ. އެގޮތުން މެޗު ނިމެން ގާތް ވެފައި ވަނިކޮށް ލިބުނު ހިލޭ ޖެހުމެއް ރަޝްފޯޑް ސީދާ ގޯލު ކަނަށް އަމާޒުކޮށްލި އިރު އާސެނަލުގެ ގޯލް ކީޕަރު ބާޑް ލެނޯ ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

comment ކޮމެންޓް