ފުކެއް ބޮޑުވަރު! ބިދޭސީ މީހާގެ މޫނަށް ފެން ބާލިދީއެއް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ދޭތެރޭ ބައެއް ދިވެހީން ކަންތައް ކުރަނީ ވަރަށް އިހާނެތި ގޮތަކަށެވެ. އެމީހުންނަށް ހަދަނީ ހަދާނެ ގޮތެކެވެ.

މި މަހުގެ ކުރީކޮޅު، މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަ އިއްބެގެ ފަރާތުން ވެސް މިފަދަ ވިޔާނުދާ އަމަލެއް ފެނި، މީހުން ރުޅިގަދަވި އެވެ. ކުޑަ އިއްބެގެ ސައިކަލު މަތީގައި ބިދޭސީއަކު އިށީނދެ އިންދައި އެ މަންޒަރު ވީޑިއޯކޮށް، ސޯޝަލް މީޑިއާއަށް ނެރެ އެ މީހުންނަށް ވަރުފަށެއް ބޭލި އެވެ.

މިފަހަރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން މި އުޅޭ ވީޑިއޯގެ މަންޒަރު މާ ހިތްދައްޗެވެ. ބިދޭސީއަކު ސައިކަލެއްގެ މަތީގައި އިށީނދެލައިގެން އިންދާ، ދިވެއްސަކު އައިސް އޭނާގެ ގަޔަށް ފެން ބާލިދީއެއް ޖަހަނީ އެވެ. ބެލެވޭ ގޮތުން އެއީ ސައިކަލުގެ ވެރި މީހާ އެވެ.

ދިވެހި މީހާ އައިސް ބިދޭސީ މީހާގެ ގަޔަށް ބޮޑު ފެން ބާލިދީއެއް ޖެހުމުން، އޭނާ ސައިކަލު މަތިން ތެދުވެގެން ދުރަށް ދެއެވެ. އޭނާ ތެދުވުމުން ދިވެހި މީހާ ގޮސް ސައިކަލު ފޮހެން ފަށަ އެވެ.

ބިދޭސީ މީހާގެ މޫނަށް ބާލިދީ ޖެހި އިރު، ސައިކަލު މަތިން ތެދުވަން އޭނާ ގާތު ބުނާތަނެއް އެ ވީޑިއޯއިން ނުފެނެ އެވެ. އަދި ފެން ބާލިދީ ޖެހި އިރު، ބިދޭސީ މީހާ އިނީ އޭނާގެ ފޯނު ވެސް ހިފައިގެންނެވެ.

ފެން ޖެހި އިރު ކައިރީގައި ހުރި އެހެން ސައިކަލުތަކުގައި ވެސް އެހެން ބިދޭސީން އިށީންދެލައިގެން ތިއްބެވެ. ފެން ޖެހުމުން ބިދޭސީ މީހާއަށް ވެސް އަދި ކައިރީގައި ތިބި އެހެން މީހުންނަށް ވެސް ޝޮކެއް ލިބުނުކަން ވީޑިއޯ ބެލުމުން އެނގެ އެވެ.

އެ އެންމެން ވެސް ތިބީ ހަރަކާތް ކުރަން ނޭނގިފަ އެވެ. ނަމަވެސް ފެން ޖެހި ދިވެހި މީހާ އެއްވެސް ފަރުވާލެއް ނެތި ސައިކަލު ފޮހެން ހުރެ އެވެ.

މިކަން ކުރި މީހާއަށް މިއީ ވަރަށް ގަދަ ކަމަކަށް ވެދާނެ އެވެ. މަގުމަތީ ޕާކް ކޮށްފައި ހުންނަ ސައިކަލުތައް މަތީގައި އިށީނދެގެން ތިބުމަކީ ހަމައެކަނި ބިދޭސީން ކުރާ ކަމެއް ނޫނެވެ. މިއީ ގިނަ ދިވެހީންގެ ފަރާތުން ވެސް ފެންނަ ކަމެކެވެ. ހަމަ ގައިމުވެސް އެ ސައިކަލު މަތީގައި ދިވެއްސަކު އިށީނދެގެން އިން ނަމަ، އެގޮތަށް ކަންތަކެއް ނުކުރާނެ އެވެ. ކުރަން ނުވެސް ކެރޭނެ އެވެ.

ހަމަ އެ އުސޫލުން، ސައިކަލު މަތިން ތެދުވުމަށް ރީތިކޮށް ބިދޭސީ މީހާ ގާތުގައި ބުނެވޭނެ އެވެ. އޭނާ ސައިކަލު މަތީގައި އިނުމުން ހިތްހަމަނުޖެހޭ ނަމަ، ރީތިކޮށް ބުނުމަކީ ވެސް ކުރެވޭނެ ކަމެކެވެ. ނިކަމެތި މީހަކު އިތުރަށް ނިކަމެތި ކޮށްލުމަށް، މިފަދަ ކަންކަން ކުރާކަށް ނުޖެހެ އެވެ. އަދި ފޯނު ފަދަ އަގުބޮޑު ތަކެއްޗަށް ގެއްލުންވާ ފަދަ އަމަލެއް ކުރުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

މި ވީޑިއޯއާ އެކު ދިވެހި މީހާގެ އަމަލު ކުށްވެރި ކުރާ ދިވެހިން ގިނަވެއްޖެ އެވެ. އަދި ބިދޭސީ މީހާ ގަޔަށް ފެން ޖެހި މީހާ ހޯދާ، އަދަބު ދިނުމަށް ގިނަ ބަޔަކު އަންނަނީ ފުލުހުންނަށް ގޮވާލަމުންނެވެ.

"މިއީ ލަދުވެތި މަންޒަރެއް. ފެން ޖެހި މީހާ ހޯދާ ފިޔަވަޅު އަޅަންޖެހޭ،" ޓުވިޓާގައި މީހަކު ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ ބަލާ ކަމަކަށް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

މި ހާދިސާއަށްފަހު، އެ ބިދޭސީ މީހާ އަކީ ކާކުކަން ހޯދައި އޭނާއަށް އެހީވާން ދިވެހީންތަކެއް ވަނީ މަސައްކަތް ފަށައިފަ އެވެ. "ފިލިކޯޅި" ކިޔާ ފޭސްބުކް ޕޭޖަކުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އެ ބިދޭސީ މީހާގެ މައުލޫމާތު އެނގޭ މީހަކު ހުރި ނަމަ އެ މައުލޫމާތެއް ހިއްސާކުރުމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން މި ބިދޭސީ މީހާއަށް ފޯނެއް، ޓީޝާޓް އަދި ސޯޓެއް ހަދިޔާ ކުރާނެ،" އެ ޕޭޖުގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ޕޯސްޓުގައި ހަމަ އެ މެސެޖު ބަންގާޅު ބަހުން ވެސް ވަނީ ލިޔެފަ އެވެ.

ނަމަވެސް މި އަމަލު ދިފާއުކޮށް ވާހަކަ ދައްކާ ބަޔަކުވެސް އެބަ ތިއްބެވެ. މިނިވަން ނޫހުގެ ކުރީގެ އެޑިޓަރު އަދި މިނިވަން ރޭޑިއޯގެ ޕްރެޒެންޓަރު އައިޝަތު އާނިޔާ ކުރި ޓުވީޓެއްގައި ބުނީ ސައިކަލްތަކަކީ އަގުބޮޑު މުދާ ކަމަށާއި، ސައިކަލްތައް މަތީގައި ބިދޭސީން ތިބޭ މަންޒަރު ވަރަށް ގިނައިން ފެންނަ ކަމަށާއި "މަ ނަމަވެސް ރުޅި އަންނާނެ" ކަމަށެވެ.

"މީސްމީހުންގެ ސައިކަލަކީ އެމީހުންގެ އަގުބޮޑު މުދާ. އެ އެއްޗެހި ދުއްވަނީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދައްކައިގެން. ޕާކު ކޮށްފައި ހުންނަ ސައިކަލަކީ މީހެއްގެ ސިޓިން ރޫމުގައި ބަހައްޓާފައި ހުންނަ ކައުޗެއް ނޫން. އެ ސައިކަލް ތަކަށް ބިދޭސީން އަރާ ތިބޭތަން ވަރަށް ގިނައިން ފެނޭ. މަ ނަމަވެސް ރުޅި އަންނާނެ،" އާނިޔާ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އަދިވެސް މިޒާތުގެ ބައެއް ކޮމެންޓުތައް ސޯޝަލް މީޑިއާއިން ފެނުމުން ބައެއް ދިވެހިންގެ ވިސްނުމާއި، އިންސާނިޔަތުކަމާއި އަހްލާގު ހުރި ހިސާބު ވަރަށް ރަނގަޅަށް ހާމަވެ އެވެ. މިއީ ހިތާމަކޮށް، ލަދުގަންނަން ޖެހޭ ދަރަޖައިގެ ކަންކަމެވެ.

comment ކޮމެންޓް