"ފޮރެވާ 21" ބޭންކްރަޕްސީ އަށް ފައިލްކޮށްފި

ފޮރެވާ 21 ގެ އައުޓްލެޓް އެއް ---

ޒުވާނުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ މަޝްހޫރު ހެދުން އަދި ފެޝަން ކުންފުނި "ފޮރެވާ 21" ބޭންކްރަޕްސީއަށް ފައިލްކޮށްފިއެވެ.

ފޮރެވާ 21ގެ ވިޔަފާރިއަށް މާލީ ގެއްލުން ލިބި އެ ކުންފުނި ބޭންކްރަޕްޓް ވާން އުޅޭ ކަމުގެ ވާހަކަތައް ވަނީ މީގެ ކުރީންވެސް އިވިފައެވެ. ނަމަވެސް އެކުންފުނީން ވަނީ އެންމެ ފަހުން އެމެރިކާގެ ބާބު 11 ބޭންކްރަޕްސީއަށް އަށް އިއްޔެ ހުށަހަޅާފައެވެ.

ވިޔަފާރިއަކުން ކްރެޑިޓަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ނުކުޅެދޭނަމަ އެމެރިކާގެ ބާބު 11 ބޭންކްރަޕްސީއަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ވިޔަފާރި ސަލާމަތްކުރުމަށް ނުވަތަ ވިޔަފާރި އުވާލުމަށް އެމެރިކާއިން އެކުލަވާލާފައިވާ ބާބެކެވެ.

ފޮރެވާ 21އިން ބުނެފައިވަނީ އެ ކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ފޮރެވާ 21ގެ 178 އެއްހާ ފިހާރަ ބަންދުކުރާނެ ކަމަށެވެ.

އެ ކުންފުނިން ބުނެފައިވަނީ އެމެރިކާގައި ހުރި ބައެއް ސްޓޯތައް ކުރިއަށް އޮތްތަނުގައި ބަންދުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާއިން ބޭރު ވިޔަފާރިތައް ކުރިއެކޭ އެއްގޮތަށް ހިންގާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ބާބު 11 އާ ގުޅޭގޮތުން އެކުންފުނީގެ އެގްޒެކިއުޓިވް ވައިސް ޕްރެޒިޑެންޓް ލިންޑާ ޗޭންގް ވިދާޅުވީ އެއީ ކުންފުނީގެ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިއީ ކުންފުނީގެ މިސްރާބު އަލުން ވަރުގަދަކޮށް ކުރިއަށް ދިއުމުގައި ކޮންމެހެން އަޅަން މުހިންމު ފިޔަވަޅެއް ކަމުގައި އަޅުގަނޑުމެން ދެކެނީ،" ޗޭންގް ވިދާޅުވިއެވެ.

comment ކޮމެންޓް