އައިފޯނުގެ ކީބޯޑުގައި މިހާރު ދިވެހިބަސް!

އައިއޯއެސް 13 ގައި ދިވެހި ކީބޯޑު ---

އެޕަލްގެ ފޯނުތަކަށް ހާއްސަ އޮޕަރޭޓިން ސިސްޓަމް އައިއޯއެސްގެ އެންމެ ފަހުގެ އަޕްޑޭޓާއެކު ދިވެހީންނަށް އުފާވެރި ޚަބަރެކެވެ. އެއީ އައިއޯއެސް 13 އަޕްޑޭޓާއެކު އައިފޯންގެ ނޭޓިވް ކީބޯޑަށް ދިވެހިބަސް އައުމެވެ.

އައިއޯއެސް 13 އަޕްޑޭޓާއެކު އެޕަލްގެ ކީބޯޑަށް ވަނީ ދިވެހިބަސް ހިމެނޭ ގޮތަށް 30 އަށްވުރެ ގިނަ ބަސްތައް އެއްކޮށްފައެވެ.

އައިއޯއެސް 13ގައި ހިމެނޭ ކީބޯޑާއެކު ދިވެހި ބަސް ބޭނުންކުރެވޭނެއެވެ. ކީބޯޑުގައި ދިވެހި ބަސް ބޭނުންކުރަން ބޭނުންވާނަމަ ފުރަތަމަ ޖެނެރަލް ސެޓިންއަށް ގޮސް ކީބޯޑަށް ދާށެވެ. ކީބޯޑަށް ދިޔުމަށްފަހު "އެޑް ނިއު ކީބޯޑް"އަށް ގޮސް ދިވެހިބަސް ސެލެކްޓްކޮށްލާށެވެ.

ދިވެހި ކީބޯޑް އައިއޯއެސް 13 އަށް އައިސްފައިވާއިރު ތާޑް ޕާޓީ ކީބޯޑް ބޭނުންކޮށްގެން މީގެކުރީން އައިއޯއެސްއަށް ދިވެހި ކީބޯޑް ބޭނުންކުރެވެއެވެ.

އެޕަލްއިން ވަނީ 2014 ވަނަ އަހަރުގައި ތާޑް ޕާޓީ ކީބޯޑްތައް ބޭނުންކުރެވޭނެ ހިދުމަތް ތައާރަފުކޮށްފައެވެ. އެގޮތުން ދިވެހިބަސް ބޭނުންކުރަން އެންމެ މަގުބޫލު އެއް ކީބޯޑަކީ މައިކްރޮސޮފްޓް "ސްވިފްޓް ކީބޯޑް"އެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ ނޭޓިވް ކީބޯޑަކީ ގޫގަލް ކީބޯޑް ނުވަތަ "ޖީބޯޑް" އެވެ. ޖީބޯޑުގައި ދިވެހިބަސް ވަނީ މީގެ ކުރިންވެސް ހިމަނާފައެވެ. އަދި ދިވެހިބަސް އޮޓޯކަރެކްޓް ކުރުމާއި ޕްރިޑިކްޓިވްވެސް ދިވެހި ބަހުގައި ޖީބޯޑުން ލިބެއެވެ. ޖީބޯޑުން ދިވެހިބަސް ސްވައިޕް ވެސް ބޭނުންކުރެވެއެވެ.

comment ކޮމެންޓް