ގާނޫނާ ހިލާފަށް ބަލައި ފާސް ކުރުމުން އުމުރު ދުވަހުގެ ޖަލު ހުކުމަކުން މީހަކު ސަލާމަތްވެއްޖެ

ފުލުހުން މިޙަކު ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ/ ފުލުހުން

މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު، ފުލުހުން ގާނޫނާ ހިލާފަށް ބަލައި ފާސް ކުރުމުން އެ މީހާގެ މައްޗަށް ކުރި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ބ. ތުޅާދުއަށް ނިސްބަތްވާ އަންހެނަކު ހައްޔަރު ކުރި އެވެ. އެ އަންހެން މީހާ މާފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ކޯޓު އަމުރެއްގެ ދަށުން އޭނާގެ ހަށިގަނޑު ބަލައި ފާސް ކުރަން ފެށުމުން އޭނާ ވަނީ ލައިގެން ހުރި ޖަންގިޔާގެ ތެރެއިން ދެ ކޮންޑަމް ނަގައި ފުލުހުންނާ ހަވާލުކޮށްފަ އެވެ. އެ ދެ ކޮންޑަމްގެ ތެރޭގައި އޮތް ދެ ރަބަރު ޕެކެޓުން ވަނީ ނުވަ ގްރާމުގެ ޑައިމޯފިން ފެނިފަ އެވެ.

އެ މައްސަލާގައި އެ އަންހެން މީހާގެ މައްޗަށް ދައުލަތުން ކުރީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމެއް އަންނާނެ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވީ ގާޒީ އިސްމާއީލް ރަޝީދެވެ. އެ މައްސަލަ ބައްލަވައި މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ފުލުހުން އެ އަންހެން މީހާ ބަލައި ފާސްކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 38 ވަނަ މާއްދާއާ ހިލާފަށް ކަމަށް، ހެކިވެރިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ 38 ވަނަ މާއްދާ އަކީ، ޖިނާއީ ކުށްތަކާ ގުޅިގެން މީހުން ހުއްޓުވައި، މީހުންގެ ހަށިގަނޑާއި ފޭރާން ބަލައި ފާސް ކުރުމާ ބެހޭ އިޖުރާއަތްތައް ބަޔާން ކުރާ މާއްދާ އެވެ.

އެ އަންހެން މީހާ ބަލައި ފާސް ކުރީ ގާނޫނާ ހިލާފަށް ކަމުން، ގާނޫނު އަސާސީގެ 52 ވަނަ މާއްދާ އާއި ހައިކޯޓުގެ 2017 ވަނަ އަހަރުގެ 189 ވަނަ ގަޝިއްޔާގެ ހުކުމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ނިންމީ އެ އަންހެން މީހާގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށެވެ.

މީހަކު ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާރު ފިޔަވައި އެހެން އިއުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައިވެ އެވެ. އަދި ގާނޫނާ ހިލާފަށް ހޯދާ ހެކި ޝަރީއަތަށް ގަބޫލު ނުކުރެވޭނެ ކަމަށް އެ މާއްދާގައިވެ އެވެ.

comment ކޮމެންޓް