ރައީސް މާލެ ވަޑައިގެންނެވި ގޮތަށް އަލިފާން ރޯވި ސަރަހައްދަށް

ރައީސް ސޯލިހު އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން މާލެ ވަޑައިގަތުމަށްފަހު މިއަދު ހެނދުނު އަބަދަށްފެހިމަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އދ. ގެ 74 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން އެނބުރި މާލެ ވަޑައިގެންނެވި ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސެޕްޓެމްބަރު 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެންފި އެވެ.

ނިއުޔޯކްގައި ކުރިއަށް ދިޔަ އދ.ގެ އާންމު މަޖިލީހުގެ ސެޝަންތައް ނިމުނީ އިއްޔެ އެވެ. ރައީސް ސޯލިހު ފުރަތަމަ ފަހަރަށް އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން އެ މަޖިލީހުގައި ތަގުރީރުކުރެއްވި އިރު، އެނބުރި މާލެ ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމެވެ.

އެއަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަވެސް ވަޑައިގަތީ މާލޭގެ އަބަދަށް ފެހި މަގުގައި ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށެވެ.

ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި ހާދިސާ ހިނގި އިރު ރައީސުލްޖުމްހޫރިއްޔާ ހުންނެވީ މާލޭގަ އެވެ. އެ ހާދިސާ ހިނގި ރޭވެސް އެ ސަރަހައްދަށް ރައީސް ވަޑައިގަތެވެ. އަދި ގެއްލުން ލިބުނު ގެތަކުގެ މީހުންގެ ހާލަތު ވަރަށް ގާތުން އެމަނިކުފާނު ބެއްލެވި އެވެ.

https://sun.mv/124667

މީގެ އިތުރުން 21 ސެޕްޓެމްބަރު ވީ ހޮނިހިރު ދުވަހު އެމަނިކުފާނު ނިއުޔޯކަށް ވަޑައިގަތުމުގެ ކުރިން ކެބިނެޓާ ބައްދަލުކުރައްވައި، މާލެއިން ހުރިހާ ކެމިކަލް ގުދަންތައް ބޭރުކުރުމަށް އެންގެވި އެވެ.

ހަ އަހަރުދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވި އިރު، އެންމެ ފަހުން އެ މަޖިލީހުގައި ތަގުރީރުކުރެއްވި ރައީސަކީ 2012 ވަނަ އަހަރު، އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކެވެ.

މި އަހަރުގެ ތަގުރީރުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާއި، އިންޑިއާ ކަނޑުގެ ހަމަޖެހުމާއި، ފަލަސްތީނުގެ މައްސަލައާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަތަކަށް ރައީސް ސޯލިހު އަލިއަޅުއްވާލެއްވި އެވެ.

އަދި 2023 ގެ ކުރިން ރާއްޖެއިން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާނެކަންވެސް އެމަނިކުފާނު އިއުލާނުކުރެއްވި އެވެ.

މީގެ އިތުރުންވެސް ރައީސް ސޯލިހު ވަނީ އދގެ އާންމު މަޖިލީހުގެ ހަވާސާގައި އޮތް ގިނަ ބައްދަލުވުންތަކެއްވައި ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އދގެ ސެކްރެޓަރީ ޖެނެރަލްގެ ކްލައިމެޓް ޗޭންޖް އެކްޝަން ސަމިޓް، ސިޑްސް އެކްސެލެރޭޓެޑް މޮޑަލިޓީސް އޮފް އެކްޝަން (ސަމޯއާ) ޕާތުވޭގެ މަލްޓިސްޓޭކްހޯލްޑާ ކޮންފަރަންސް، އަދި ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް ފަދަ ބައްދަލުވުންތައް ހިމެނެ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ދުނިޔޭގެ ބައެއް ލީޑަރުންނާ ބައްދަލުކުރައްވާފަ އެވެ. އޭގެ ތެރޭގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަދި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ބިން އަބްދުލްއަޒީޒް އަލް އައްސާފް ހިމެނެ އެވެ.

comment ކޮމެންޓް