ހަރުކަށި ވިސްނުމަށް ޒުވާނުން ހޭލުންތެރި ކުރަން ޖެހޭ: މިނިސްޓަރު

އދ.ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޓިވެޓް އިންސްޓިޓިއުޓްސް ގުޅިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ---

ހަރުކަށި ވިސްނުމާ ދިމާއަށް ދަނީ އެކަށީގެންވާ ރަނގަޅު ތައުލީމާއި މައުލޫމާތު ލިބިފައި ނުވާތީކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އދ.ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ޓިވެޓް އިންސްޓިޓިއުޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މުޖުތަމައެއްގައި ހަމަޖެހުމާއި އަމާންކަން އޮންނާނީ ހަރުކަށި ވިސްނުންތަކާއި ހައްދުފަހަނަ އަޅައިދިއުމާ ދެކޮޅަށް މަސައްކަތްކޮށްގެން ކަމަށެވެ.

އދ.ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޓިވެޓް އިންސްޓިޓިއުޓްސް ގުޅިގެން ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު

މިނިސްޓަރު ވިދާޅުވީ ޒުވާނުންނަށް އެކަށީގެންވާ މައުލޫމާތު ލިބިފައި ނެތުމަކީ ޒުވާނުން ހައްދުފަހަނަ އަޅައިދިއުމަށް މެދުވެރިވާ ސަބަބެއް ކަމަށާއި ހައްދުފަހަނަ އަޅައިދިއުމާއި ޓެރަރިޒަމާ ގުޅޭ މައުލޫމާތު އެމީހުންނަށް ދީ ހޭލުންތެރިކުރުވުމަކީ އެފަދަ ކަންކަން ހުއްޓުވަން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މުޅި މުޖުތަމައު މަސައްކަތްކުރުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު ވިދާޅުވީ ޓިވެޓް އިންސްޓިޓިއުޓްތަކުން ގުޅިގެން އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. އެގޮތުން ޓެރަރިޒަމާއި މަސްތުވާތަކެތި ފަދަ މައްސަލަތައް އޭނާ ފާހަގަކުރެއްވިއެވެ.

އަދި މިއަދު ދުނިޔޭގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ތިމާވެއްޓާ ރަހުމަތްތެރި، ދެމެހެއްޓެނިކަން ކުރިއެރުވުމާއި ސުލްހަވެރި މުޖުތަމައުތަކެއް ބިނާކުރުމުގެ ވާހަކަތައް ކަމަށާއި، ޓިވެޓް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް މިކަންކަމަށް ހައްލު ހޯދޭނެ ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.

މި ވޯކްޝޮޕް ކުރިއަށް ދިޔައީ މި މަހުގެ 26 އިން 29 އަށެވެ.

comment ކޮމެންޓް