ވަގަށް ނެގި ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން ވަގަށް ނަގާފައިވާ ފޯނުތަކެއް

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލު އަދި އެ ދުއްވި މީހާ އަތުން ފެނުނު ފޯނުތައް --- ފޮޓޯ: ފުލުހުން

މާލޭގައި ވަގަށް ނަގާފައިވާ ސައިކަލެއް ގައި ދިޔަ މީހަކު ހުއްޓުވައި ބެލިއިރު ވަގަށް ނަގާފައިވާ ފޯނުތަކެއް ފެނި، އެ މީހާ ފުލުހުން ހައްޔަރު ކޮށްފި އެވެ.

އުމުރުން 26 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނެވެ.

ފުލުހުން ބުނީ މަގުމަތި ޕެޓްރޯލް ކުރަމުން ދިނިކޮށް އެ މީހާ ހުއްޓުވައި ބެލިއިރު އޭނާގެ އަތުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން ފޯނާއި އެކްޓާނަލް ހާޑެއް ފެނިފައިވާ ކަމަށެވެ.

އޭގެ އިތުރުން ވަގަށް ނަގާފައިވާ ކޮމްޕިއުޓަރު ސިސްޓަމަކާ އެކު ވެސް އިއްޔެ ވަނީ ދެ މީހަކު ހައްޔަރު ކޮށްފަ އެވެ. އެގޮތުން ދެ މީހެއްގެ އަމަލުތައް ހުރި ގޮތުން އެ މީހުން ހުއްޓުވައި ބެލިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސީޕީޔޫ އަކާއި ކީބޯޑަކާއި މޮނީޓަރެއްގެ އިތުރުން މައުސްއެއް އަދި ޕްރިންޓަރެއް ވެސް ވަނީ ފެނިފަ އެވެ.

ފުލުހުން މިއަދު ވަނީ ހަތަރު މޯބައިލް ފޯނާއި ޕަވާ ބޭންކެއްގެ އިތުރުން ހަ ސިމް ކާޑާ އެކު ވެސް މީހަކު ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 34 އަހަރުގެ ފިރިހެނެކެވެ.

އެ ތިން މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް