އެފްއޭއެމުން ގަސްތުގައި ލީގުގެ ޝެޑިއުލް އޮޅުވާލި ކަމުގެ ތުހުމަތުތަކެއް ސުޒެއިން ކޮށްފި

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަކި ކުލަބުތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ލީގުގެ ޝެޑިއުލް ބަދަލު ކުރި ކަމުގެ ތުހުމަތުތަކެއް ގްރީން ސްޓްރީޓުގެ ކޯޗު އަލީ ސުޒެއިން ކޮށްފި އެވެ.

ދާދި ފަހުން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ އެފްއޭއެމުން ފުރަތަމަ ނެރުނު ޝެޑިއުލްގެ ބައެއް މެޗުތައް އެއްވެސް އެންގުމަކާ ނުލައި އިސްފަސް ކުރި ސަބަބެއް ބުނެފައި ނުވާ ކަމަށާއި އެއީ ކިހިނެތް ވެގެން ހިންގި ކަމެއް ކަން ވެސް ނޭނގޭ ކަމަށެވެ.

ސުޒެއިން ބުނީ، ފުރަތަމަ ނެރުނު ޝެޑިއުލުގައި ގްރީންސްޓްރީޓުން ލީގުގައި ފުރަތަމަ ކުޅެން އޮތީ މިފަހަރުގެ ލީގަށް އަލަށް ކޮލިފައިވި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ކަމަށެވެ. ނަމަވެސް ފަހު ވަގުތު ޝެޑިއުލަށް ގެނައި ބަދަލަކާ އެކު އެ ޓީމުން ދަ ގްރާންޑޭއާ ކުޅެން އޮތް މެޗުގެ ބަދަލުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހުމަކީ ކިހިނެތް ވީ ކަމެއް ކަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އަސްލު ހަގީގަތުގައި ބޭނުމެއް ނުވާނެ ނޫންތޯ އެންމެ ފުރަތަމަ މެޗުގައި މާޒިޔާއާއި ކުރިމަތިލާކަށް. އެހެން ނަމަވެސް އޭރުގަ އެފްއޭއެމުން އެހެން ކަންތައް ކުރި ސަބަބެއް ވެސް ނޭނގެ،" ސުޒެއިން ބުންޏެވެ.

އޭނާ ބުނީ މާޒިޔާއާއި އީގަލްސްއާއި ކުޅެން އޮތް މެޗު މާދުރުން ވަކި ތާކަށް ލައިފައި ލީގުގެ ޝެޑިއުލަށް ބަދަލު ގެނައީ އެ ޓީމުތަކަށް ފައިދާ ބޮޑު ކުރުމަށް ކަމަށެވެ. އެގޮތުން މާޒިޔާއާއި އީގަލްސް މެޗު ބަދަލު ކޮށްފަ ވަނީ މެޗުތައް ނެތް ދުވަސްކޮޅަކަށް ވުމުން ދެ ޓީމަށް ވެސް މެޗަށް ތައްޔާރުވާން ފުރުސަތު ލިބޭގޮތަށް ކަމަށް ސުޒައިން ބުންޏެވެ.

ގްރީނުން ލީގުގެ ފުރަތަމަ މެޗުގައި ވާދަ ކުރުމަށް ޓީމު ތައްޔާރު ކުރީ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުމަށް ކަމަށާއި ނަމަވެސް މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހުމުން ޓީމު އެންމެ ރަނގަޅަށް ތައްޔާރުނުވެވުނީ ކަމަށް ސުޒައިން ބުންޏެވެ.

މީގެ އިތުރުން އަދިވެސް އެފްއޭއެމްއަށް ލީގުގެ ފުލް ޝެޑިއުލް އެކުލަވާ ނުލެވުމަކީ އެ އިދާރާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާ ނުކުރެވޭ ކަމުގެ ހެއްކެއް ކަމަށް ސުޒައިން ބުންޏެވެ.

comment ކޮމެންޓް