އިންޑިއާގެ ސިފައިންގެ ވެރިޔާ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ސިފައިންގެ އެންމެ އިސް ވެރިޔާ ބިޕިން ރާވަތުއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔުމުގެ ތެރެއިން -- ފޮޓޯ/ އެމްއެންޑީއެފް

އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ވަޑައިގަންނަވައިފިއެވެ.

މިއަދު މެންދުރުފަހު ރާވަތުއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

އިންޑިއާގެ ސިފައިންގެ އެންމެ އިސް ވެރިޔާ ބިޕިން ރާވަތު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ރާވަތުގެ ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުފުޅެކެވެ. އޭނާގެ ދަތުރުފުޅުގައި ރާއްޖޭގެ ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވާނެއެވެ. އަދި އޭނާ އިތުރު ވަޒީރުންތަކަކާވެސް ބައްދަލުކުރައްވާނެ ކަަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ރާވަތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއާޓާ ޅ. މާފިލާފުށި، ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް