ބޫޓާން ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމު ތިންވަނަ ހޯދައިފި

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާއި ބޫޓަން ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-1 ކާމިޔާބު ކުރީ ރާއްޖެ --- ފޮޓޯ// އެފްއޭއެމް

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މިއަދު ބޫޓާން ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

މިއަދު ހެނދުނު ބޫޓާނާއި ރާއްޖެ ބައްދަލުކުރި އެ މެޗުން ރާއްޖެ ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. މިއީ ބައިނަލްއަގުވާމީ ފުޓުބޯޅަ މުބާރާތެއްގެ ގުރޫޕް ސްޓޭޖުން ރާއްޖޭގެ ޒުވާން ޓީމަކު މެޑައްޔެއް ހޯދި ފުރަތަމަ ފަހަރެވެ. މިހާތަނަށް ސާފު 18 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ތިން ފަހަރަކު ބައިވެރިވެފައިވެއެވެ.

18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާއި ބޫޓަން ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-1 ކާމިޔާބު ކުރީ ރާއްޖެ --- ފޮޓޯ// އެފްއޭއެމް

މިފަހަރުގެ މުބާރާތުގައި ރާއްޖެ ހަތަރު މެޗު ކުޅުނު އިރު ބަލިވީ ސެމީ ފައިނަލުގައި އިންޑިއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެ މުބާރާތުގައި އެންމެ ފުރަތަމައިން ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އަތުން ރާއްޖެ އެއްވަރުކޮށްލި އިރު ދެވަނަ މެޗުގައި ބޫޓާން އަތުން ވެސް ވަނީ އެއްވަރުވެފައެވެ. އެހެން ކަމުން މިފަހަރުގެ ސާފް މުބާރާތަކީ ރާއްޖެއަށް ކާމިޔާބު މުބާރާތެކެވެ.

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި މިއަދު ރާއްޖެއާއި ބޫޓާން ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފަހުބައިގައި ދެ ޓީމުން ވަރަށް ނުރައްކާކުރި އެވެ. މި މެޗުގައި ރާއްޖޭގެ ހަމައެކަނި ގޯލް ޖެހީ 75 ވަނަ މިނެޓުގައި އިބްރާހިމް އިމްރާނެވެ. ރާއްޖޭގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އުފެއްދި ކައުންޓާ އެޓޭކެއްގައި އިބްރާހިމް ސާވީ ދިން ޕާހަކަށް އޭރިއާ ތެރެއިން އިމްރާން އަރައި ބޫޓާނުގެ ގޯލްކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ވައްދާލީ އެވެ.

ރާއްޖެއިން ވަނީ އެ މުބާރާތަށް ދިއުމުގެ ކުރިން ރަނގަޅު ތަމްރީންތަކެއް ހަދައިފަ އެވެ. އެގޮތުން ދުރާލައި ޓީމެއް އެކުލަވާލާ ގިނަ ފަރިތަކުރުންތަކެއް ރާއްޖޭގައި ކުރުމަށްފަހު މުބާރާތާއި ގާތްކޮށް ޓީމު ވަނީ ގަތަރުގައިވެސް ކޭމްޕް ކޮށްފައެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޒުވާން ޓީމަށް ކޯޗުކަން ކޮށްދީފައިވަނީ މުހައްމަދު ޝާޒްލީއެވެ. އަދި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަނީ ޒުވާން މެނޭޖަރު މުހައްމަދު ފަވާޒްއެވެ.

comment ކޮމެންޓް