އދ.ގެ ތިން މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖެއިން ބައިވެރިވި މުއާހަދާތަކުގެ ލިޔުންތައް ހަވާލު ކުރުމަށް އދ.ގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އދ.ގެ ތިން މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ރާއްޖެއިން އިއްޔެ ބައިވެރިވެފައި ވަނީ "ޔޫއެން އާމް ޓްރޭޑް ޓްރީޓީ" އާއި "ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން" އަދި "ދަ ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މި ތިން މުއާހަދާގައެވެ. އދ.ގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތިން މުއާހަދާގެ ލިޔުންތައް އދ.ގެ އޮފީސް އޮފް ލީގަލް އެފެއާޒްއާ ހަވާލު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޔޫއެން އާމް ޓްރޭޑް ޓްރީޓީ އަކީ ގަވައިދާ ހިލާފަށް ހަތިޔާރުގެ ވިޔަފާރި ކުރުން ހުއްޓުވުމަށް އެކުލަވާލި ޓްރީޓީއެކެވެ. އެ ޓްރީޓީގައި ބައިވެރިވުމަށް ރާއްޖެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ޔޫއެން ކްލަސްޓާ މިއުނިޝަން ކޮންވެންޝަން އަކީ ހަނގުރާމައާ ނުބެހޭ އާންމުންނަށް ގެއްލުންވާ ގޮތަށް ބޮޑެތި ސަރަހައްދުތަކަށް ގެއްލުންދޭ ބޮމުގެ ބާވަތެއް ކަމަށްވާ "ކްލަސްޓާ ބޮމް"ގެ ވިޔަފާރި ކުރުމާއި ގެންގުޅުން ހުއްޓުވުމަށް އދ.އިން އެކުލަވާލި މުއާހަދާއެކެވެ. އެ މުއާހަދާގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ.

"ދަ ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އަކީ ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ ދަށުން ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައެއް ބާވަތުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ދޭ އޮޕްޝަނަލް ޕްރޮޓޮކޯލެކެވެ. މި ޕްރޮޓޮކޯލްގައިގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.

މި ތިން މުއާހަދާފައި ރާއްޖެއިން ބައިވެރިވެފައިވާ އިރު މި ހަފްތާގެ ތެރޭގައި ރާއްޖެއިން ވަނީ ނިއުކްލިއާ ހަތިޔާރު މަނާކުރުމާ ބެހޭ އދ.ގެ މުއާހަދާގައިވެސް ބައިވެރިވެފައެވެ.

comment ކޮމެންޓް