ޖެންޑާއަށް ހުށަހެޅި މައްސަލަތައް 21 ޕަސެންޓު ދަށްވެއްޖެ

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހުސްވި އޯގަސްޓު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ އަދަދު، ޖުލަައި މަހާ އަޅާބަލާއިރު 21 ޕަސެންޓު ދަށްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، އޯގަސްޓް މަހު އެ މިނިސްޓްރީއަށް 168 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލަ ހިމެނެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން 40 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީންގެ ތަފާސްހިސާބުތައް ދައްކައެވެ.

އޭގެ އިތުރުން އިހުމާލުވުމުގެ 23 މައްސަލައާއި ޖިސްމާނީ ހާނީއްކައިގެ 23 މައްސަލައިގެ އިތުރުން ނަފްސާނީ ހާނީއްކައިގެ އަށް މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލަވެސް ވަނީ ހުށަހަޅައިފައެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމާ ގުޅޭގޮތުން ހުށަހެޅި ދެ މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީން ވަނީ ބަލައިފައެވެ. އެއީ އައިޑީކާޑު/ޕާސްޕޯޓް/އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ ދެ މައްސަލައެވެ.

އާއިލީ 14 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ ހަ މައްސަލަ، ކުދިން ބެލުމުގައި ދިމާވާ ފަސް މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ތިން މައްސަލައެކެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލަ އާއި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ހަތަރު މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ތިން މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ މައްސަލައެއް ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 25 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.
މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައާއި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލައެވެ. އެ ގޮތުން ކޮންމެ ދާއިރާއަކުން އަށް މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ބާރާއި ނުފޫޒު ފޯރުވުމުގެ ތިން މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ ދެ މައްސަލަ، ރޭޕްކުރުމުގެ ދެ މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ދެ މައްސަލަ ވަނީ ހުށަހަޅައިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.

އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ނުވަ މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ އެއް މައްސަލައެވެ.

އޭގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

comment ކޮމެންޓް