ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ނިސްބަތް އިތުރުވާނެ: ނައިބު ރައީސް

ނައިބުރައީސް ފަރުކޮޅުފުއްޓަށް ޒިޔާރަތްކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކުރިމަގުގައި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ވަޒީފާ އަދާކުރާ ނިސްބަތް އިތުރުވެގެންދާތަން ފެނިގެން ދާނެކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދަޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ފަރުކޮޅުފުށީގައި ކުރިއަށްދާ ޖޮބްފެއާއަށް ޒިޔާރަތްކުރައްވާ ރޭ ނައިބު ރައީސް ވިދާޅުވީ ދިވެހި ޒުވާނުންނަށް، ހާއްސަކޮށް ދިވެހި އަންހެނުންނަށް ވަޒީފާގެ ބާޒާރުގައި ފުރުސަތު ލިބުން ބޭނުން ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ކުރާ އިގްތިސޯދީ ކޮންމެ މަސައްކަތެއްގައިވެސް ދިވެހިންނަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

މިހާރު ކުރިއަށްދާ ޖޮބްފެއާ އަކީ ފެށުމެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރުން ގުޅިގެން ދާއިރާގައި ހުރި ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ފަރުކޮޅުފުށީގައި ކުރިއަށްދާ ޖޮބްފެއާގައި 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތާ ގުޅޭ މައުލޫމާތު ހިއްސާކުރާއިރު 100 އަށްވުރެ ގިނަ އިންޓާންޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މި ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ޓްރާންސްފާގެ ހިދުމަތް ލިބޭނެއެވެ.

comment ކޮމެންޓް