ނޭމާގެ ހަމައެކަނި ގޯލުން ޕީއެސްޖީ ހަނިގޮތަކަށް މޮޅުވެއްޖެ

ޕީއެސްޖީން ރޭ ފްރެންޗް ލީގުގައި ކުޅުނު މެޗުގައި ނޭމާ ޖެހި ގޯލަށްފަހު އުފާފާޅު ކުރަނީ -- ފޮޓޯ// ނިކޮލަސް މެގީ

ވޭތުވެ ދިޔަ ޓްރާންސްފާ މާކެޓަށްފަހު ސަޕޯޓަރުންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނޭމާ ޖޫނިއާ މެޗުގައި ޖަހައިދިން ހަމައެކަނި ގޯލުން މޮޅުވެ، ފްރާންސް ލީގުގެ އެއްވަނައަށް ޕީއެސްޖީ ޖެހިލައިފި އެވެ.

ރަށުން ބޭރުގައި ބޯޑެޔަކްސްއާ ދެކޮޅަށް ރޭ ޕީއެސްޖީން ކުޅުނު މެޗުން އެ ޓީމު ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ޕީއެސްޖީ މިވަގުތު ފްރެންޗް ލީގުގެ އެއްވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. އެ ޓީމުން މި ސީޒަނާއި ކުރިމަތިލި އިރު ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންތަކެއް އަނިޔާގައި ތިބި ނަމަވެސް އެ ކުޅުންތެރިން އަންނަނީ މިހާރުގެ މެޗުތަކަށް ފިޓުވެ ކުޅުމުގައި ބައިވެރިވަމުންނެވެ.

އެގޮތުން ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބައްޕޭ ވަނީ ރޭގެ މެޗުގައި ކުޅެން ނުކުމެފަ އެވެ. މެޗުގެ ދެވަނަ ހާފުގައި އޭނާ ކުޅެން ނުކުތްތާ 10 މިނަޓުގެ ތެރޭގައި އޭނާ ވަނީ މެޗުގައި ޖެހި ހަމައެކަނި ގޯލު ނޭމާ ޖެހުމަށް އެސިސްޓް ކޮށްދީފަ އެވެ.

ޕީއެސްޖީ މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް އެ ޓީމުން މެޗުގައި ދެއްކި ކުޅުމާ ބަލާއިރު ނެރެވުނު ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓަޗެލް ވަނީ ބުނެފަ އެވެ. ނަމަވެސް މެޗުން ތިން ޕޮއިންޓް ލިބި ތާވަލުގެ އެއްވަނައަށް އެރުމުން ހިތްހަމަ ޖެހުމެއް ލިބުނު ކަމަށް ޓްޗެލް ބުންޏެވެ.

މިރޭގެ މެޗުގައި ވެސް ޕީއެސްޖީއަށް ގޯލު ޖަހައި މޮޅު ކޮށްދިން ނޭމާ ވަނީ މިފަހުން ޕީއެސްޖީ ކުޅުނު ތިން މެޗެއްގައި ވެސް އެ ޓީމަށް ގޯލު ޖަހައިދީ މޮޅު ކޮށްދީފަ އެވެ. މިދިޔަ ސީޒަނަށް ފަހު އޭނާ ޕީއެސްޖީ ދޫކޮށް ބާސެލޯނާއަށް އެނބުރި ދާން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވުމުން ޕީއެސްޖީގެ ސަޕޯޓަރުން އަދިވެސް އަންނަނީ ނޭމާއަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

ނޭމާ ބުނީ އޭނާއަށް ފުރައްސާރަ ކުރި ނަމަވެސް ޓީމާ އެކު ކުރިއަށް ދާނެ ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ޕީއެސްޖީއާ އެކު މި ސީޒަނުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށެވެ. އެހެން ނަމަވެސް ސަޕޯޓަރުންގެ އުނދަގުލާ އެކު އަމިއްލަ ދަނޑުގައި ކުޅުނަސް އޭނާއަށް އިހުސާސް ވަނީ ރަށުން ބޭރުގައި ކުޅެވޭ ކަމުގެ އިހުސާސް ކަމަަށް އޭނާ ވަނީ ބުނެފަ އެވެ.

ޕީއެސްޖީއަށް ދެން ކުރިއަށް އޮތީ ޗެމްޕިއަންސް ލީގުގައި ގަލަސަތަރާއީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ޓީމުން ވަނީ އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑް ބޮޑު ބައްޔަކުން ބަލިކޮށްފަ އެވެ.

comment ކޮމެންޓް