ލިވަޕޫލް ރެކޯޑް ދެމެހެއްޓި އިރު ސިޓީ، ޗެލްސީ އަދި ޓޮޓެންހަމަށް ވެސް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ޝެފީލްޑް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގެ ހަތްވަނަ މެޗު ވީކުގެ މެޗުތައް އިއްޔެ ފެށި އިރު ވާދަވެރި ބޮޑެތި މެޗުތަކެއް ވެސް ވަނީ ކުޅެފަ އެވެ. އެގޮތުން މިވަގުތު ޔޫރޮޕުގެ ޗެމްޕިއަންގެ ގޮތުގައި އޮތް ލިވަޕޫލުން ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ 100 ޕަސެންޓު މޮޅުވުމުގެ ރެކޯޑް ދެމެހެއްޓި އިރު، ޗެލްސީ އަދި ޓޮޓެންހަމްގެ އިތުރުން މެންޗެސްޓާ ސިޓީ ވެސް ރޭ ކުޅުނު މެޗުތަކުން ވަނީ މޮޅުވެފައެވެ.

ލިވަޕޫލް - ޝެފީލްޑް ޔުނައިޓެޑް

ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން އިއްޔެ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 0-1 ގެ ނަތީޖާ އަކުންނެވެ. އެ ޓީމުން މިފަހަރުގެ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ވަނީ މޮޅުވެފައެވެ. އަދި މިރޭގެ މެޗުން ލިބުނު މޮޅާއެކު އެ ޓީމުން ވަނީ އެއްވަނައިގައި ފަސް ޕޮއިންޓުގެ ފަރަގެއް ގާއިމުކޮށްފައެވެ.

މިރޭގެ މެޗަށް ވެސް ލިވަޕޫލުން ވަރުގަދަ ސްކޮޑަކާއެކު ނުކުމެ މެޗު ފެށުނީއްސުރެން ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެ ޓީމުން މުޅި މެޗު އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް މެޗުގައި ނެރެވުނު ސްކޯ ޝީޓަކީ އެ ޓީމުން އެންމެ ބޭނުންވި ނަތީޖާއެއް ނޫނެވެ. މެޗުގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ހަމަލާތައް ވަނީ ޝެފީލްޑްގެ ޑިފެންޑަރުންނާއި ކީޕަރު ދިފާއު ކޮށްފައެވެ.

އެ މެޗުގައި ލިވަޕޫލުގެ ތަފާތަކަށް ވެގެން ދިޔައީ މެޗުގެ 70 ވަނަ މިނަޓުގައި އެ ޓީމުގެ ނެދަލެންޑު މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ޖަހައިދިން ގޯލެވެ.

ޗެލްސީ - ބްރައިޓަން

ގިނަ މައްސަލަތެކެއް ކުރިމަތިވެ އުނދަގޫ ހާލަތެއްގައި އޮތް ޗެލްސީން ރޭ ކުޅުނު މެޗުން ވަނީ މޮޅުވެފައެވެ. ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން އެ ޓީމުން މިރޭ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ.

ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ --- ފޮޓޯ// އޭޕީ

މިރޭގެ މެޗުން ލިބުނު މޮޅަކީ ޗެލްސީއަށް އަލަށް ހަވާލުވި ކޯޗު ފްރޭންކް ލަމްޕާޑް އެ ކުލަބާއި ހަވާލުވީ ފަހުން ސްޓެމްފޯޑް ބްރިޖުގައި ލިބުނު ފުރަތަމަ މޮޅެވެ. އެ މެޗުގައި ޗެލްސީއަށް ގޯލުތައް ޖަހައިދިނީ ޖޯޖީނިއޯއާއި ވިލިއަމްއެވެ.

ޓޮޓެންހަމް - ސައުތެމްޓަން

ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕްކަން ހޯދި ޓޮޓެންހަމުން ރޭ ސައުތެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-2 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޓޮޓެންހަމް މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި އޮތީ 11 ޕޮއިންޓާއެކުއެވެ. މިވަގުތު 11 ޕޮއިންޓް ލިބިފައި އޮތް ހަ ޓީމެއް އޮތް އިރު ޓޮޓެންހަމަށް އެ ޓީމުތަކުގެ ތެރެއިން ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ޓޮޓެންހަމުން އެ މެޗުގެ ކުރީ ކޮޅު ލީޑު ނެގީ މި ސީޒަނަށް އެ ޓީމާއި އަލަށް ގުޅުނު ޓެންގުއޭ އެންޑޮމްބެލޭގެ ގޯލުންނެވެ. އޭގެ އިރަކޮޅެއް ފަހުން އެ ޓީމުގެ ޑިފެންޑަރު ސާޖް އަރިއާއަށް ދެކާޑު ހަމަވެ ދެއްކި ރަތްކާޑުގެ ފައިދާ ނަގައި ސައުތަމްޓޮނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޓޮޓެންހަމަށް އެ މެޗުން މޮޅު ކޮށްދިނުމަށް ޖެހި ގޯލު ޖަހައިދިނީ ވޭތުވެ ދިޔަ ހަތަރު ވަރަކަށް އަހަރުގައި ވެސް އެކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދެމުން އަންނަ ހެރީ ކޭން އެވެ.

މެންޗެސްޓާ ސިޓީ - އެވަޓަން

މެންޗެސްޓާ ސިޓީގެ ފޯވާޑް ރިޔާދް މަހްރެޒް ގޯލު ޖެހުމަށްފަހު ---- ފޮޓޯ// އޭޕީ

މީގެ އިތުރުން ވޭތުވެ ދިޔަ ދެ ސީޒަނުގެ ވެސް ޗެމްޕިއަންކަން ހޯދި ސިޓީން ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ. ލީގުގެ ދެވަނައިގައި 16 ޕޮއިންޓާއެކު އޮތް ސިޓީން އެ މެޗުގައި ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ ގެބްރިއަލް ޖީސުސްއާއި ރިޔާދް މަހްރެޒްގެ އިތުރުން ރަހީމް ސްޓާލިންގްއެވެ.

އެވަޓަންއިން މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ޑޮމިނިކް ކެލްވާޓް ލެވިންއެވެ.

comment ކޮމެންޓް