އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޙާން (ވ) އަދި އންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ---

ނިޔުޔޯކް (ސެޕްޓެމްބަރު 28) : ޖަންމޫ ކަޝްމީރުގައި އިންޑިއާގެ މައި ސަރުކާރުން ހިންގާފައި އޮތް ކާފިއު އުވާލުމާއެކު އެ ސަރަހައްދުގައި ބޮޑު ލޭއޮހޮރުވުމެއް ހިންގާފާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދިނުމުން އިންޑިއާއިން ޕާކިސްތާނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ނިއުޔޯކްގައި ކުރިޔަށްދާ އދ. ގެ 74 ވަނަ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގައި ތަގްރީރު ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ވިދާޅުވީ ޖެނެރަލް އެސެމްބްލީގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ހުކުރުދުވަހު ދެއްވި ތަގުރީރަކީ ހަގީގަތް އޮޅުވާލުމުގެ ތަގްރީރެއްކަމަށެވެ އަދި އިމްރާންޚާން ވަނީ ޖެނެރަލް އެސެމްބްލީގައި އޭނާއަށް ލިބިވަޑައިގެންނެވި ފުރުސަތުގެ ބޭނުން "ނާޖާއިޒު" ގޮތުގައި ހިއްޕަވައިގެން ދުނިޔޭގެ ކުރިމަތީގައި އިންޑިއާ ބަދުނާމު ކުރަން މަސައްކަތް ކުރައްވާފައި ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

ޖެނެރަލް އެސެމްބްލީގައި ކުރެއްވި ތަގްރީރުގައި އިމްރާން ޚާންވަނީ އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަނެ ރައްޔިތުންގެ މިނިވަންކަން ނަގާލައި އެމީހުން ގޭ ބަންދުގައި ތިބެން މަޖްބޫރުކޮށް ބިރު ދައްކައި އެމީހުން އަސާސީ ޚިދުމަތްތަކުން މަހްރޫމުކޮށް އިންޑިއާގެ މައި ސަރުކާރުން ހިންގަމުންދާ ހަރުކަށި އަމަލުތަކަކީ ޓެރަރިޒަމް ކަމަށް ސިފަކުރައްވާފައެވެ.

އެ އަނިޔާވެރި އަމަލުތަކުގެ ބަދަލު ޖަންމޫ ކަޝްމީރުގެ ރައްޔިތުންގެ ފަރާތުން ވޭންދެނިވި ގޮތެއްގައި އިންޑިއާއަށް ދޭނެކަމުގެ ބިރު އޮތްކަމަށާ އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު ލޭއޮހޮރުވުމެއް ހިންގާފާނެ ކަމުގެ އިންޒާރު އިމްރާންޚާން ވަނީ ދެއްވާފައެވެ.

އިމްރާންޚާން ވިދާޅުވީ ޖަންމޫ ކަޝްމީރުގެ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަނެ އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަނެ ބިރުދެއްކުމަށް އިންޑިޔާ ސިފައިންގެ ނުވަ ލައްކައެއްހާ މީހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމުގައެވެ. އިންޑިއާ ސިފައިން ޖަންމޫ ކަޝްމީރުގައި ހަރަކާތްތެރިވަނީ އެސަރަހައްދުގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ އެތަން ތަރައްގީ ކުރަން ނޫންކަމަށާ އޭގެބަދަލުގައި ބާރުގެ ބޭނުންކޮށްގެން އިންޑިއާގެ އަޅުވެތިކަމުގައި އެސަރަހައްދު ބޭއްވުމުގެ ބޭނުމުގައި ކަމަށްވެސް އިމްރާން ޚާން ތުހުމަތު ކުރެއްވިއެވެ.

ޖަންމޫ ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގާ ހަރުކަށި އަމަލުތައް ސިފަކުރައްވަމުން އިމްރާންޚާންވަނީ އިންޑިޔާއިން އެސަރަހައްދުގައި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމަށް ވިދާޅުވެ އެކަން ބައިނަލްއަގްވާމީ މުޖްތަމައަށް ސިފަކޮށްދެއްވާފައެވެ. މިގޮތުން އެއްވެސް ތަނަކަށް ނުދެވޭގޮތަށް ޖަންމޫ ކަޝްމީރުގެ ރައްޔިތުން ގޭ ބަންދުގައި ބައިތިއްބާކަމަށާ އިންޑިއާ ސިފައިން ޖަންމޫ ކަޝްމީރުގެ ގެތަކަށް ވަދެ މުސްލިމް އަންހެނުންގެ އިއްފަތްތެރިކަން ފޭރެމުންދާކަމަށްވެސް އިމްރާންޚާން ތުހުމަތު ކުރެއްވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޖަންމޫ ކަޝްމީރުގައި ޓެރަރިޒަމް އުފެދެނީ އިންޑިއާއިން ހިންގާ މިބާވަތުގެ އަނިޔާވެރި އަމަލުތަކަށް ބަދަލު ހިފުމުގެ ގޮތުން ގޮތްހުސްވެގެން ކަމަށާއި ކަޝްމީރުގެ ރައްޔިތުން ހައްދު ފަހަނަޅައި ދިޔުމަށް މަޖުބޫރުކުރަނީ އިންޑިއާއިން ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ.

ޖެނެރަލް އެސެމްބްލީގައި ތަގުރީރުކުރައްވަމުން އިމްރާންޚާން ވަނީ އިންޑިއާގެ އަމަލުތައް މިހާ އަނިޔާވެރިކޮށް ހުރުމުން ޕާކިސްތާނާއި އިންޑިއާއާ ދެމެދު ހަނގުރާމަ އެއް ފެށިދާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ. ޕާކިސްތާނާއި އިންޑިއާ ނިއުކުލިއާ ދެބާރުކަމަށްވާތީ އެދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ އަސަރުކުރާނީ ހަމައެކަނި އެދެގައުމަށް ނޫންކަމަށްވެސް އިމްރާންޚާން ވިދާޅުވިއެވެ.

އިމްރާންޚާން ގެ ތަގްރީރަށްފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ދެއްވި ތަގްރީރުގައި ޖަންމޫ ކަޝްމީރުގެ ނަންވެސް ގެންނަވާފައެއް ނުވެއެވެ. މޯދީގެ ތަގްރީރުގައި ކަޝްމީރުގައި އިންޑިއާ ހިންގާ ހަރުކަށި އަމަލުތަކަށް އިޝާރާތް ނުކުރައްވައި އޭނާ ވަނީ އިންޑިއާއިން އާއްމުކޮށް ނަގާ މައްސަލަ ކަމަށްވާ ޓެރަރިޒަމްގެ މައްސަލަ ނަގައި ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު ޕާކިސްތާނުގެ މައްޗަށް ކުރައްވާފައެވެ.

މޯދީ މިހެން ވިދާޅުވިނަމަވެސް، ޖަންމޫ ކަޝްމީރުގައި ޓެރަރިޒަމްގެ އަމަލުތައް ހިނގަންމެދުވެރިވަނީ އިންޑިއާގެ ހަރުކަށި އަމަލުތަކުގެ ސަބަބުންނާއި ކަޝްމީރުގެ ރައްޔިތުން ގެ މުސްތަގްބަލް އަމިއްލައަށް ކަނޑައެޅުމުގެ އިޚްތިޔާރު އެމީހުންނަށް ދިނުމަށް އދ. ން ފާސްކޮށްފައިވާ ގަރާރަށް އަމަލު ކުރުމަށް އިންޑިއާ ދެކޮޅު ހަދަމުން ދިޔުމުގެ ސަބަބުން ކަމަށް ދުނިޔޭގެ އެތަށް ގައުމަކުން ގަބޫލުކުރެއެވެ.

ޕާކިސްތާނުން ސިފަކުރަނީ ކަޝްމީރުގެ އިންޑިއާ ފަޅިކަމަށްވާ ޖަންމޫ ކަޝްމީރަކީ އިންޑިޔާ އިސްތިއުމާރީގޮތުން ވެރިވެގަނެގެން އުޅޭ ސަރަހައްދެއްގެ ގޮތުގައެވެ. 1947 ވަނަ އަހަރު ކަޝްމީރުގެ މައްސަލަ ބައިނަލްއަގްވާމީ މައްސަލައެއްގެ ގޮތުގައި ހެދީވެސް އަދި 1974 ވަނަ އަހަރު އެއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައިވާ މައްސަލައަކަށް ހެދީވެސް އަދި އެންމެފަހުން 2019 ވަނައަހަރު އެއީ އިންޑިއާގެ ދާޚިލީ މައްސަލައެއްގެ ގޮތުގައި ހެދީވެސް އިންޑިއާއިންނެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް