ދެ މިލިއަނެއްހާ ރުފިޔާގެ ބޭރު ފައިސާ ރާއްޖޭން ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެފި!

ޑޮލަރާއި ޔޫރޯ: ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅެނިކޮށް ވަނީ ހިފަހައްޓާފައި --

ގިނަ އަދަދެއްގެ ޔޫރޯ އާއި ޑޮލަރު ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ހިފަހައްޓައިފި އެވެ. މި ފައިސާތަކުގެ ޖުމްލަ އަދަދު 1.7 މިލިއަން ރުފިޔާ އަށް އަރައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، އެ ފައިސާތައް އަތުލައިގަތީ ދެފަހަރެއްގެ މަތިން އިންޑިއާގެ ރައްޔިތެއްގެ އަތުންނާއި ދިވެހި މީހެއްގެ އަތުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އެމީހުން ފުރަންގޮސް ތިއްބާ ކަމަށެވެ.

އެގޮތުން ފުރަތަމަ އަތުލައިގަނެވުނު އިންޑިއާގެ 33 އަހަރު މީހާ އަތުލައިގަތީ، މި މަހު 15 ވަނަ ދުވަހުއެވެ. އޭނާގެ އަތުން ފެނިފައިވަނީ، 60،000 ޑޮލަރާއި 5،400 ޔޫރޯ އެވެ. އެއީ 1.01 މިލިއަން ދިވެހި ރުފިޔާ އެވެ.

ދެވަނައަށް އަތުލައިގަތް 43 އަހަރުގެ މީހާ އަތުލައިގަތީ، މިދިޔަ ހޯމަ ދުވަހުއެވެ. އޭނާގެ އަތުން ފެނިފައިވަނީ، 4،600 ޑޮލަރާއި 37،500 ޔޫރޯ އެވެ. އެއީ 703،141 ދިވެހި ރުފިޔާއެވެ.

އެ ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އެ ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

އެމްއެމްއޭގެ ހުއްދައަކާ ނުލައި ރާއްޖެއިން އެތެރެކޮށް އަދި ބޭރު ކުރެވޭނީވެސް އެންމެ ގިނަވެގެން 20،000 ޑޮލަރު (308،400 ރުފިޔާ) އެވެ.

ގިނަ އަދަދެއްގެ ފައިސާތަކެއް ރާއްޖެއިން ބޭރު ކުރަން އުޅެނިކޮށް ހިފަހެއްޓި އިރު، އިމިގްރޭޝަނުން ވަނީ ދާދި ފަހުން ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝްގެ އަބޫ ހަނީފް ނަމަކަށް ކިޔާ މީހަކު ޑިޕޯޓުކޮށްލާފައެވެ. އޭނާގެ މައްޗަށް ރާއްޖޭގައި ވިޔަފާރި ހިންގުމާއި އަދި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވެ އެވެ.

https://sun.mv/124341

comment ކޮމެންޓް