ޝިމްހާގުގެ ދިފާއުގައި މިނިސްޓަރު ޔުމްނާ!

ލަވަކިޔުންތެރިޔާ އޭރޮން ކާޓާ ---

ދިވެހި އާޓިސްޓެއްކަމަށްވާ އަލީ ޝިމްހާގު ކުރެހި ކުރެހުމެއް، އޭނާގެ ހުއްދަނެތި ލަވަކިޔުންތެރިޔާ އޭރޮން ކާޓާ ބޭނުންކުރި މައްސަލައިގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންވެސް ތެދުވެވަޑައިގެންފިއެވެ.

ޔުމްނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުއްދަނެތި ރާއްޖޭގެ އާޓިސްޓެެއްގެ މަސައްކަތް މީހަކު ނަކަލުކުރުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"މިއީ ތެދު ކަމުގައި ވަނީނަމަ ވަރަށް ދެރަވެއްޖެ. ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް މިގައުމުގައިވެސް ވަރަށް ހުނަރުވެރި ކުރެހުންތަރިން އުޅޭ. އެމީހުންގެ ހައްގުތައް ރައްކާތެރިކުރަން ޖެހޭ" މިނިސްޓަރުގެ ޓުވީޓުގައި ވެއެވެ.

އޭރޮން ވަނީ ޝިމްހާގު 2014 ވަނަ އަހަރު ކުރެހި ސިންގާގެ ޑިޖިޓަލް އާޓު އޭނާގެ އަމިއްލަ އާޓު ކަމަށްބުނެ އިންސްޓަގްރާމްގައިވެސް ޕޯސްޓްކޮށްފައެވެ.

އޭރޮން މަސައްކަތްކޮށްފައިވަނީ އެ ފޮޓޯގައި ފެންނަ ސިންގާގެ ސިފައަށް ފަށު ފުލެއް ހަދައި އޭނާގެ ޖުވެލަރީ ވިޔަފާރީގައި ވިއްކުމަށެވެ.

ޝިމްހާގުގެ ކުރެހުން -- ފޮޓޯ ޝިމްހާގު/ އިންސްޓަގްރާމް

ނަމަވެސް އެ އާޓްއަކީ ދިވެހި އާޓިސްޓެއް އަސްލު ކުރަހާފައިވާ އާޓްއެއްކަމަށް ބުނެ ގިނަ ދިވެހިން ވަނީ އޭރޮންގެ އަމަލާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އެ މައްސަލަ ހޫނުވުމުން އޭރޮން ވަނީ ނަކަލުކުރި އާޓް ޑިލީޓްކޮށްލައިފައެވެ. އޭނާ ބުނީ ދެން އެ އާޓް ޖުވެލަރީ ވިޔަފާރީގައި ބޭނުންކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

comment ކޮމެންޓް