ވިކްޓަރީ އަތުން ޗެމްޕިއަން ޓީސީއަށް އުނދަގޫ މޮޅެއް

ޓީސީ ސްޕޯޓްސް ކުލަބުން ދިރާގު ދިވެހި ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// ޑީޕީއެލް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން ވިކްޓްރީ ސްޕޯޓްސް ކްލަބާ ވާދަކޮށް މޮޅުވެއްޖެ އެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުން ޓީސީ ކުރި ހޯދީ 0-3 ގެ ނަތީޖާ އަކުންނެވެ. ކުޅުންތެރިން ހަމަވަންދެން ފަނަރަ ވަރަކަށް މިނެޓު މަޑު ކުރުމަށްފަހު ވިކްޓަރީން މެޗަށް ނުކުތީ އެއް ބަދަލާ އެކު އެވެ. ޑަބަލް ކީޕަރެއް އެކަނި ބެންޗުގައި އިނދެ ވިކްޓަރީން ކުޅުނު އެ މެޗުގައި އެ ޓީމުން އެންމެ ފަހުގެ ޗެމްޕިއަން ޓީސީއަށް ވަނީ ގިނަ އުނދަގޫތަކެއް ކުރިމަތިކޮށްފަ އެވެ.

ޓީސީ ސްޕޯޓްސް ކުލަބުން ދިރާގު ދިވެހި ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// ޑީޕީއެލް

މާލީ ގޮތުން ބޮޑު އަނދަވަޅެއްގައި މިވަގުތު އޮތް ޓީސީން މިއަދުގެ މެޗަށް ނުކުތް އިރު އެ ޓީމުގެ ގޯލް ކީޕަރެއްގެ ގޮތުގައި މި ސީޒަނަށް ގުޅުނު މުހައްމަދު އިމްރާން (އިންމަ) ވަނީ ޓީމު ދޫކޮށްލާފަ އެވެ. އަދި އޭގެ ކުރިން އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް ވެސް ވަނީ ޓީމާ އެކު ކުރިއަށް ނުދާނެ ކަމަށް ބުނެ އިސްތިއުފާ ދީފަ އެވެ. ޓީމަށް އެކި ގޮތް ގޮތުން ލިބުނު ދަތި ކަމާ އެކު ވެސް އެ ޓީމުގެ ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި ކަމަށް އެ ޓީމުގެ ކޯޗެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުންދާ މުހައްމަދު އަބީރު ވަނީ ބުނެފަ އެވެ.

މިއަދުގެ މެޗަށް ޓީސީން ނުކުތީ ޖުމްލަކޮށް ވަރުގަދަ ސްކޮޑަކާ އެކު އެވެ. މެޗު ފެށިގެން އެ ޓީމުން ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ އިރު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އެ ޓީމަށް ވަނީ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުގެ އިބްރާހިމް ޝަފްރާޒް އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ނޭޕާލްގެ ފޯވާޑް ގަރްތީ މަގަރް ބިމާލް ފައި ދަށުން ލައްވައި ނުލަ އެވެ. އޭގެ އިރަކޮޅެއް ފަހުން ޝަފްރާޒް ޖެހި ގޯލު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފަ އެވެ.

ގޯލު ޖަހާނެ ހުސް ގިނަ ފުރުސަތުތަކެއް އެހާފުގައި ޓީސީން އުފެއްދި ނަމަވެސް ގޯލެއް ނުޖެހުނެވެ. ވިކްޓަރީން ޓީސީގެ ހަމަލާތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެ ހާފުގައި އެ ޓީމަށް ޓީސީގެ ކީޕަރާ ހަމައަށް ބޯޅައެއް ގެންދެވޭ ގޮތެއް ނުވި އެވެ.

ދެވަނަ ހާފު ފެށިގެން 49 ވަނަ މިނަޓުގައި ޓީސީން ވަނީ ލީޑު ނަގައިފަ އެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އިޝާން އިބްރާހިމް (ސައްޓު) ހުސްކޮށްލާފައި ޖައްސާލި ބޯޅ ގޯލުގެ ތެރެއަށް ފޮނުވާލީ އަކްރަމް އަބްދުލް ޢަނީ (އަކޫ) އެވެ. އަކޫގެ ގޯލާ އެކު ވިކްޓަރީން ޓީމު ކުޑަކޮށް ކުރިއަށް ޖައްސާލާ ހަމަލާއެއް އުފެއްދުމަށް މަސައްކަތް ކުރި އެވެ. އެގޮތުން ނަތީޖާ ހަމަހަމަ ކުރުމަށް ވިކްޓަރީން އުފެެއްދި ނުރައްކާތެރި ހަމަލާއެއް ޓީސީގެ ކީޕަރު އާދަމް އިމާން ވަނީ ހިފަހައްޓައިފަ އެވެ.

ވިކްޓަރީން ކުރިއަށް ޖައްސާލި ވަގުތުގެ ފައިދާ ނަގައި ސައްޓު ވަނީ ވަރަށް ބުރަ މަސައްކަތުން އޭރިއާ ތެރެއަށް ވަދެ ގޯލެއް ޖަހައި ޓީސީގެ ލީޑު ފުޅާ ކޮށްފަ އެވެ. އޭނާ ވަނީ އޭގެ ތިން މިނަޓު ފަހުން އިތުރު ގޯލެއް އަނެއްކާ ވެސް ވިކްޓަރީގެ ގޯލަށް އަމާޒުކޮށްލާ ތަފާތު ބޮޑު ނަތީޖާ އަކުން ޓީސީ މޮޅުކޮށްދީފަ އެވެ.

comment ކޮމެންޓް