ހަތަރު ވޯޓުގެ ތަފާތުން ނޫރުބާން ބާ ކައުންސިލް އިންތިހާބު ކާމިޔާބުކޮށްފި

އިންތިހާބު ކާމިޔާބު ކުރި ނޫރުބާން -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ބާ ކައުންސިލުގެ ހުސްވެފައިވާ މަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު ހަތަރު ވޯޓުގެ ތަފާތުން ގާނޫނީ ވަކީލު ނޫރުބާން ފަހުމީ ކާމިޔާބު ކޮށްފި އެވެ.

ބާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމު ހުސްވީ، ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި އައިޝާ ޝުޖޫން މިމަހު ތިން ވަނަ ދުވަހު ބާ ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ބާ ކައުންސިލްގެ މެމްބަރުކަމުގެ އިންތިހާބު ނޫރުބާން ފަހުމީ ކާމިޔާބުކުރީ، 107 ވޯޓުންނެވެ.

ނޫރުބާން އާއެކު އިންތިހާބުގައި ވާދަ ކުރި ހަމަ އެކަނި ކެންޑިޑޭޓު ވަކީލު އަބްދުއްސަލާމް އާރިފަށް ލިބިވަޑައިގަތީ، 97 ވޯޓެވެ.

އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 1،487 މީހުންގެ ތެރެއިން ވޯޓުލީ މީހުންގެ އަދަދަކީ، 202 އެވެ. އެއީ އެންމެ 13.8 ޕަސަންޓެވެ.

އިންތިހާބު ކާމިޔާބު ކުރި ނޫރުބާން ފަހުމީ އަކީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ޑިރެކްޓަރެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެންމެފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެވަަޑައިގެންވި، އަލްހާން ފަހުމީގެ ކޮއްކޮއެވެ.

ގާނޫނަކުން ބާރުލިބިގެން މިއަހަރު އުފެއްދި ބާ ކައުންސިލުގައި ބަންޑާރަނައިބާއެކު ޖުމްލަ ނުވަ މެމްބަރުން ތިއްބަވައެވެ. ބަންޑާރަ ނައިބު ފިޔާވައި ދެން ތިބި މެމްބަރުން އިންތިހާބުކުރަނީ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އެކައުންސިލްގެ ރައީސް އަކީ މައުމޫން ހަމީދެވެ. ނައިބު ރައީސް އަކީ އަބްދުﷲ މުއިއްޒެވެ.

ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ މެދު ފިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ގާނޫނީ ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.

comment ކޮމެންޓް