އެމްޕީ ޔައުގޫބް ހިފެހެއްޓި ޕެނަލްޓީން ދާންދޫއަށް އަތޮޅު ޗެމްޕިއަންކަން

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ދާންދޫއާއި ކޮނޑޭ ބައްދަލު ކުރި މެޗުން ދާންދޫ މޮޅުވުމަށްފަހު ތަށި އުފުލާލަނީ --- ގޯލްޑެން ފުޓްސަލް

ހުޅުމާލޭ ރެހެންދި ޓާފުގައި މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ގއ. އަތޮޅުގެ ފައިނަލުގައި ދާންދޫ ދާއިރާގެ މަޖިލިސް މެމްބަރު ޔައުގޫބް އަބްދުﷲ ހިފެހެއްޓި ޕެނަލްޓީން އެ ޓީމު މޮޅުވެ އަތޮޅު ޗެމްޕިއަންކަން ލިބިއްޖެ އެވެ.

ފައިނަލުގައި ވާދަވެރި ކޮނޑޭއާ ދެކޮޅަށް ރޭގެ މެޗުގައި ދާންދޫ ވާދަ ކުރި އިރު އެ މެޗު ނިމުނީ 3-3 ލަނޑުން އެއްވަރުވެގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން ދާންދޫ ކުރި ހޯދީ ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ކޮނޑޭއަށް އެ ޕެނަލްޓީ ޝޫޓުގައި ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.

މިފަހަރުފެ މުބާރާތުގެ އަތޮޅު ބުރުގެ ފައިނަލަށް ދާންދޫއާއި ކޮނޑޭ ދަތުރު ކުރި އިރު ދެ ޓީމަށް ވެސް ވަނީ ޒޯން ބުރުން ފުރުސަތު ލިބިފ އެވެ. އެއީ ގއ. ގެ ޓީމުތައް ގިނަވުމުން އެ އަތޮޅުގެ މެޗުތައް ކުޅުނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ދާންދޫއާއި ކޮނޑޭ ފައިނަލަށް ދަތުރު ކުރީ ވާދަކުރި ދެ ގުރޫޕުގެ އެއްވަނައިގެ ގޮތުގަ އެވެ.

އަތޮޅު ޗެމްޕިއަންކަން ކަމުގެ ޝަރަފް ހޯދުމަށް މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ފައިނަލް މެޗުގައި ދާންދޫ ޓީމުގެ ކެޕްޓަންކަން ކުރީ ކީޕަރު ޔައުގޫބް އެވެ. މިއީ ދާންދޫ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ޔައުގޫބް ކުޅުނު ފުރަތަމަ މެޗެވެ.

މެމްބަރު ޔައުގޫބް ގޯލުގައި ހުރެ ރޭ ތަފާތު ދެއްކިއިރު މިދިޔަ ތިން އަހަރު ވެސް ދާންދޫ ފުޓްސަލް ޓީމުގެ ގޯލު ބެލެހެއްޓީ ޔައުގޫބް އެވެ. ޔައުގޫބް ވަނީ ރޭގެ މެޗުގައި ވެސް މޮޅެތި ސޭވްތަކެއްކޮށް ދާންދޫ މެޗުން މޮޅުވުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ރޭ ދާންދޫއާއި ކޮނޑޭ ބައްދަލު ކުރި މެޗުން ދާންދޫ މޮޅުވުމަށްފަހު ތަށި އުފުލާލަނީ --- ގޯލްޑެން ފުޓްސަލް

ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް ދާންދޫންނެވެ. މެޗު ފެށިގެން މިނަޓެއް ތެރޭ ދާންދޫން ގޯލު ޖެހި ނަމަވެސް އޭގެ އިރަކޮޅެއް ފަހުން ކޮނޑޭއިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ދެރަށުގެ ސަޕޯޓަރުންނާއެކު ފޯރިއާއެކު ކުރިއަށްދިޔަ އެ މެޗުން ދެން ފެނުނީ ދާންދޫން އިތުރު ދެ ގޯލު ޖަހައި 3-1 އަށް ނަތީޖާ ބަދަލުކޮށްލިތަނެވެ. އެއާ އެކު ކޮނޑޭއިން ކުޅުން ރަނގަޅުކޮށް އިތުރު ހިތްވަރެއް ލައި ކުޅެން ފެށުމުން ލީޑުގައި އޮތް ދާންދޫއަށް އުނދަގޫތަކެއް ދިމާވެ ޕްރެޝަރާ ކުރިމަތިލާން ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމުމުގެ ކުރިން ކޮނޑޭއިން ވަނީ ދެ ގޯލު އިތުރަށް ޖަހައި މެޗު ޕެނަލްޓީއާ ހިސާބަށް ގެންގޮސްފަ އެވެ.

އެ މެޗުގައި ދާންދޫގެ ތިން ގޯލު ޖަހައިދިނީ ހަސަން ސައީދު އާއި އިހުސާން އަބްދުﷲ އަދި އަހުމަދު ހަސަން އެވެ. ކޮނޑޭގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޖަމްޝާދު ރާމިޒު އާއި މުހައްމަދު އިންޝާއު އަހުމަދު އަދި މުހައްމަދު އިމްތިޔާޒު އަހުމަދު އެވެ.

މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ކޮނޑޭ ޓީމުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ. ދާންދޫން ވަނީ މެޗުގައި ޖެހި ދެ ޕެނަލްޓީ ވެސް ވައްދާލައިފަ އެވެ. ކޮނޑޭގެ ކެޕްޓަން ޝިނާޒް މުހައްމަދު ފޮނުވާލި ޕެނަލްޓީ މެދަށް ދިޔައިރު ޔައުގޫބް އެ ޕެނަލްޓީ މަތަކުރީ ފައިންނެވެ. ޔައުގޫބް ވަނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ދާންދޫ އާއި ކޮނޑޭ ދެން ވާދަކުރާނީ ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ގަން ފުޓްސަލް ޓީމާއި ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މަޑަވެލި ފުޓްސަލް ޓީމާ އެވެ. ޒޯން ބުރުގައި މި ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ލީގު ބުރަށް ފަހު އެންމެ ކުރި ހޯދާ ދެ ރަށަކަށް ގަދަ 16 އިން ފުރުސަތު ލިބޭނެ އެވެ.

comment ކޮމެންޓް