ބާ ކައުންސިލްގެ ބައި އިލެކްޝަން ފަށައިފި

ބާ ކައުންސިލްގެ ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ އިން ހުސްވެފައިވާ ޖާގައަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ފަށައިފި އެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ޖާގައެއް ހުސްވީ އެ ކޮމެޓީއަށް އިންތިހާބުވެލެއްވި އާއިޝަތު ޝުޖޫން އިސްތިއުފާ ދެއްވުމުންނެވެ. ޝުޖޫން އިސްތިއުފާދެއްވީ ސުޕްރީމު ކޯޓުގެ ފަނޑިޔާރަކަށް އެކަމަނާ އައްޔަނު ކުރެއްވުމާއި ގުޅިގެންނެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ އަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން 3:00 އަށް ބާ ޖަމާލުއްދީނުގައި ކުރިއަށް ދާނެ އެވެ.

މި އިންިހާބުގައި ދެ ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ ނޫރުބާން ފަހުމީ އާއި އަބްދުއްސަލާމް އާރިފް އެވެ.

ބާ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ފިޔަވާ އެކްޒެކެޓިވް ކޮމިޓީގައި ދެން ތިއްބަވަނީ އަހުމަދު މުއިއްޒާއި އަނާރާ ނައީމާއި އަނަސް ޢަބުދުއްސައްތާރާއި މުޙައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން އެވެ.

އެކައުންސިލްގެ ރައީސް އަކީ މައުމޫން ހަމީދެވެ. ނައިބު ރައީސް އަކީ އަބްދުﷲ މުއިއްޒެވެ.

ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ މެދު ވިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ގާނޫނީ ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.

comment ކޮމެންޓް