އދ ގެ ސެކްރެޓަރީ ޖެނެރަލް އާ ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައިފިއެވެ.

އދ ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހު މިހާރު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދޭދޭ ގައުމުތަކުގެ ގުޅުން ބަދަހިކުރުމާއި، ގައުމުތަކުގެ އާންމު ޙާލަތާ ދިރިއުޅުމުގެ ހާލަތު ބަދަލުކުރަން ސެކްރެޓަރީ ޖެނެރަލް ކުރައްވަނީ ތައުރީފު ހައްގު މަސައްކަތެއް ކަމަށެވެ.

އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ސެކްރެޓަރީ ޖެނެރަލް ދެއްވާ އަހަންމިއްޔަތުކަމަކީ ޝުކުރު ހައްގު މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ދާހިލީ އަދި ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި އދ.ގެ ދައުރު ވަރަށް މުހިއްމު ކަމަށް ވިދާޅުވެ ރައީސް ވަނީ އދ ގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްޕުޅަށް ތައުރީފު ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހާއި ސެކްރެޓަރީ ޖެނެރަލްވަނީ، ރާއްޖެއާއި އދ.އާއި ދެމެދު މުހިއްމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި ކަންތައްތަކަށް ތާއީދުކުރައްވައި، ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ. ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

comment ކޮމެންޓް