އިންޑިއާ އަތުން ބަލިވެ ސާފް ޗެމްޕިއަންޝިޕުގެ ސެމީއިން ރާއްޖެ ކަޓައިފި

ރާއްޖެއާއި އިންޑިއާ މިއަދު ސާފް ޗެމްޕިއަންޝިޕުގެ ސެމީގައި ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-4 އިން ކާމިޔާބު ކުރީ އިންޑިއާ --- ފޮޓޯ// އެފްއޭއެމް

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އަވަށްޓެރި އިންޑިއާ އަތުން ބަލިވެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ އެވެ.

މިއަަދު ހަވީރު ވަރުގަދަ އިންޑިއާއާ ދެކޮޅަށް މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލު ކުރި މެޗުން ރާއްޖެ ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރު ކުރި އިރު އެ ޓީމުން އެ މެޗުގައި ވާދަ ކުރާނީ މިއަދު 0-4 އިން ބޫޓާން ބަލި ކުރި ބަންގްލަދޭޝްއާ އެވެ. ރާއްޖެ ފައިނަލަށް ނުގޮސް މުބާރާތުން ކެޓި ނަމަވެސް މިއީ ޔޫތް ޓީމެއް މިފަދަ ބޮޑު މުބާރާތަކުން ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެއާއި އިންޑިއާ މިއަދު ސާފް ޗެމްޕިއަންޝިޕުގެ ސެމީގައި ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-4 އިން ކާމިޔާބު ކުރީ އިންޑިއާ --- ފޮޓޯ// އެފްއޭއެމް

ރާއްޖެއިން މިފަހަރުގެ ސެމީއަށް ދަތުރު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް ކަޓުވާލުމަށްފަހު އެވެ. ގުރޫޕުގެ ދެވަނައިގައި ރާއްޖެ އެ ހިސާބަށް ދަތުރު ކުރީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ނަމަވެސް މިއަދު ކުޅުނު މެޗުން ބަލިވުމާ އެކު ރާއްޖެ ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފަ އެވެ.

މިއަދުގެ ސެމީ ފައިނަލް މެޗުގައި އިންޑިއާ އިން ވަނީ ރާއްޖޭގެ މައްޗަށް ހުރިހާ ގޮތަކުން ކޮންޓްރޯލް ހޯދައި މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން ދެ ވަނަ ހާފުގައި މެޗުގެ ތެރެއަށް ވަދެ އިންޑިއާ އަށް ކޮންމެވެސް ވަރަކަށް ނުރައްކާކުރި އެވެ.

އިންޑިއާއިން އެ މެޗުގައި ހަތަރު ގޯލު ޖެހި އިރު އެ ޓީމުން މެޗުގައި ޖެހި ފުރަތަމަ ގޯލު ޖެހީ އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ރަފީ ކޯނަރަކުން ނެގި ހުރަހެއް ކެޕްޓަން ނަދެންދާ އެވެ. އޭގެ ފަހުން އިންޑިއާގެ ދެ ވަނަ ގޯލް ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައަކުން ޖެހީ ރަފީ އެވެ.

ރާއްޖެއާއި އިންޑިއާ މިއަދު ސާފް ޗެމްޕިއަންޝިޕުގެ ސެމީގައި ކުޅުނު މެޗުގެ ތެރެއިން: އެ މެޗު 0-4 އިން ކާމިޔާބު ކުރީ އިންޑިއާ --- ފޮޓޯ// އެފްއޭއެމް

އެ ޓީމުގެ ތިން ވަނަ ގޯލް 78 ވަނަ މިނެޓުގައި މަންވީރް ސިންގް ޖެހީ ރާއްޖޭގެ ގޯލްކީޕަރު ހަސަން އަލީފް ހިފި ބޯޅައެއް އަތުން ދޫވި ގަޑީގަ އެވެ. އިންޑިއާގެ ހަތަރު ވަނަ ގޯލް 81 ވަނަ މިނެޓުގައި ޖެހީ ނިންތޯއީ އެވެ. އިންޑިއާ ޓީމަށް 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި ކުޅުނު ނިންތޯއީ މި ގޯލް ޖެހީ އޭރިއާ ބޭރުން ލިބުނު ބޯޅާއެއް ވޮލީއަކުން ގޯލަށް ވައްދާލައިގެންނެވެ.

comment ކޮމެންޓް