ވަކީލުން ގައިދީންނާ ބައްދަލުކުރަން އޮންލައިންކޮށް އެދެވޭނެ ގޮތް ހަދަނީ

މާފުށި ޖަލުގައި ސެކިއުރިޓީން ތަކެއް ހަރަކާތްތެރި ވަނީ: ސަން ފައިލް ފޮޓޯ

ޖަލުގައި ބަންދު ކުރާ ގައިދީންނާ ވަކީލުން ބައްދަލުކުރުން އޮންލައިންކޮށް އެދެވޭނެ ގޮތް ހަދަން ނިންމައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ މާފުށީ ޖަލުގައި ބޭއްވި ހަފްލާގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ ޖަލުގައި ހައްޔަރުކުރެވޭ މީހުންގެ އިންސާނީ ހައްގުތަށް ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ފަށައިފައިވާ ކަމަށެވެ.

އެގޮތުން މީިގެ ކުރިން ގައިދީން ވަކީލުންނާ ބައްދަލުކުރަން އުފުލަން ޖެހުނު ތަކުލީފުތައް މިހާރު ނައްތާލައިފައިވާކަމަށް މުނާޒް ވިދާޅުވި އެވެ.

"ވަކީލެއްގެ ގޮތުގައި ރަޖިސްޓްރީވުމަށްފަހު ބައްދަލުކުރަން އެދޭ ކޮންމެ ފަހަރަކު އަލުން ހުރިހާ ލިޔުންތައް މިހާރު ހުށަހަޅާކަށް ނުޖެހޭނެ. އަދި ބައްދަލުވުންތަކަށް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ﷲ ގެ އިރާދަފުޅާއެކު ދާދި އަވަހަށް ހަމަޖެހިގެން ދާނެ." މުނާޒް ވިދާޅުވި އެވެ.

އާއިލީ ބައްދަލުވުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެ ބައްދަލުވުންތައް މިހާރު ދެ ގަޑިއިރަށް އިތުރުކޮށްފައިވާކަންވެސް މުނާޒް ވަނީ ފާހަގަކުރައްވައިފަ އެވެ.

މުނާޒް ވިދާޅުވީ ގައިދީންނާއި ބަންދު މީހުންގެ ޝަކުވާތައް އެކި މުވައްސަސާތަކަށް ހުށަހެޅުމަށް ސިޓީ ފޮނުވުމުން އެ ސިޓީ ރައްދުކުރެވުނުކަން ސިޓީ ފޮނުވި ފަރާތަށް މިހާރު ޔަގީން ކުރެވޭނެ ކަމަށެވެ.

ޖަލުގެ ހާލަތު ބަދަލުކޮށް އިންސާނީ ހައްގުތަށް ކަށަވަރުކުރުމުގެ ގޮތުން ޖަލުގައި މިހާރު ހުރި ގޮޅިތަކުގެ ފަރުމާއަށް ބަދަލު ގެނެސް، ވައި ދައުރުވާނެ ގޮތް ހެދުމަށް ގޮޅިތަކުގެ ޖާގަ ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މުނާޒު ވިދާޅުވި އެވެ. އެކަންތައްތައް ކުރަނީ ރެޑްކްރޮސްއާއި އައިސީއާރުސީގެ ލަފަޔާ އެއްގޮަތަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޔުނިޓްތަކުގެ ޔާޑްތައް ތަރައްގީކޮށްގެން މެނުވީ ގޮޅިތަކުގަ 24 ގަޑިއިރު ބަންދުކޮށްފައި މީހުންގެ ބޭތިއްބުން ނިމުމަކަށް ނުގެނެވޭނެތީ، ޔާޑްތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅެވޭނެހެން ޔާޑްތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ވަނީ ކުރަން ފެށިފައި،" މުނާޒް ވިދާޅުވި އެވެ.

comment ކޮމެންޓް