ގައިދީން ޖަލު އޮފިސަރުންނަށް ހަމަލާ ދެނީ ވާނުވާ ޖަހާފައި ބައިތިއްބާތީ: މުނާޒް

މާފުށީ ޖަލު ---ސަން ފޮޓޯ// ފަޔާޒު މޫސާ

ޖަލުގައި ތިބޭ ގައިދީން ޖަލު އޮފިސަރުންނަށް ހަމަލާ ދެނީ ވާނުވާގައި ބައިތިއްބާތީކަމަށް ކޮމިޝަނާ އޮފް ޕްރިޒަން އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ މާފުށީ ޖަލުގައި ބޭއްވި ހަފްލާގައި މުނާޒް، ގައިދީންއަށް އިޝާރާތް ކުރައްވައި ވިދާޅުވީ ކުށުގެ ވެއްޓަށް އަހުލުވެރިވެފައިވާ ބަޔަކު ބެލެހެއްޓުމަކީ ވަރަށް ބޮޑު ޒިންމާއެއް ކަަމަށާއި އެމީހުންގެ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކުރެވޭ މަސައްކަތުގައި ގޮންޖެހުން އެބަހުރި ކަމަށެވެ.

އެގޮތުން ޖަލުގެ އޮފިސަރުންނަށް ޖިސްމާނީ އަނިޔާދީ ފުރައްސާރަކޮށް ހަނގާކޮށް އަދި މަރުގެ އިންޒާރުވެސް ގައިދީންނާ ބަންދު މީހުންގެ ފަރާތުން ޖަލުގެ އޮފިސަރުންނަށް އަބަދުވެސް ލިބެމުންދާ ކަމަށް ވިދާޅުވި އެވެ.

މުނާޒް ވިދާޅުވީ މިއަހަރުގެ މިހާތަނަށް މާފުށީ ޖަލުގައި އެކަނިވެސް ޖަލުގެ އޮފިސަރުންނަށް ޖިސްމާނީ އަދި ގޯނާ ކުރުމަގެ 40 މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. ނަމަވެސް އެފަދައިން ދިމާވަނީ ގައިދީންނާއި ޖަލުގެ އޮފިސަރުންނާމެދު މައްސަލައެއް ޖެހިގެން ނޫން ކަަމަށްވެސް މުނާޒް ވިދާޅުވި އެވެ.

"ކަރެކްޝަނަލް އޮފިސަރުން މިއަދު ގަބޫލުކުރަނީ އެކަން އެހެން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު ވާނުވާގައި އަހަރު ދެއަހަރު ވަންދެން ނުވަތަ އެއަށްވުރެވެސް ގިނަ ދުވަހު ބޭތިއްބުމާ ހުކުުމުގެ މުއްދަތުގައި އަބަދު ގޮޅިތެރޭގައި މީހުން ބަންދުވެފައި ތިއްބުމުގެ ނަތީޖާއެއްގެ ގޮތުން އެމީހުންގެ ރުޅިގަނޑު ފިލުވާލުމަށް އެމީހުންގެ ކުރިމަތިން ގޮޅީގެ ބޭރުން ފެންނަ މީހަކަށް ކުރާ ގޯނާއެއްގެ ގޮތުގައި،" މުނާޒް ވިދާޅުވި އެވެ.

މުނާޒް ވިދާޅުވީ ޖަލުގެ އޮފިސަރުން، ބަންދު މީހުންނާ ގައިދީންގެ ހައްގުގައި ޖަލުގެ ހާލަތު ހުރިހާ ގޮތަކުންވެސް ރަނގަޅުކުރުމަށް މަސައްކަތް މިއަދު ކުރަން ޖެހިފައިވާ ކަމަށެވެ.

މުނާޒް ވިދާޅުވީ ޖަލުގެ ހާލަތު އޮތީ ވަރަށް ނިކަމެތި ދަރަޖައަކަށް ވެއްޓިފައި ކަމަށާއި ނަމަވެސް އެކަން ބަދަލުކޮށް ރައްޔިތުންގެ އިތުބާރު ހިފޭފަދަ މުވައްސަސާއަކަށް ކަރެކްޝަންސް ދާދި އަވަހަށް ހައްދަވާނެ ކަމަށެވެ.

އެގޮތުން ޖަލުތަކުގައި އަމަލުކުރަމުންދާ އުސޫލާއި ގަވައިދުތައް އިސްލާހްކޮށް ގާނޫނުގައ ބަޔާންކޮށްފައިވާ ޖަލު އަމުރުތަކުގެ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން ގެޒެޓް ކުރައްވާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.

comment ކޮމެންޓް