ނިއުކުލިއާ ހަތިޔާރު މަނާކުރާ މުއާހަދާގައި ރާއްޖެ ބައިވެރިވެއްޖެ

ނިއުކުލިއާ ހަތިޔާރު މަނާކުރުމުގެ މުއާހަދާގައި ރާއްޖެ ސޮއިކޮށް ލިޔުން ބަދަލު ކުރަނީ -- ފޮޓޯ/ ފޮރިން މިނިސްޓްރީ

ނިއުކުލިއާ ހަތިޔާރު މަނާ ކުރާ މުއާހަދާގައި ރާއްޖެއިން ބައިވެރިވެ ސޮއިކޮށްފި އެވެ.

ނިއުކުލިއާ ހަތިޔާރުގެ ބޭނުން ކުރުމާއި، އެފަދަ ހަތިޔާރު އުފެއްދުމާއި އެކަމަށް އެހީތެރިވުން މަނާކުރާ އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިހާރު އދ. އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

އެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށް ލިޔުން ބަދަލުކުރުމުގެ ރަސްމިއްޔާތު އޮތީ އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައިމަރުކަޒުގައި އިއްޔެ އެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ނިއުކުލިއާ ހަތިޔާރު ބޭނުން ކުރުން ހުއްޓުވެން އޮތް ހަމައެކަނި ގޮތަކީ، ނިއުކުލިއ ހަތިޔާރު ދުނިޔެއިން އެކީ ނައްތާލުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި ރާއްޖެއިން އެ މުއާހަދާގައި ބައިވެރިވީ، ނިއުކުލިއާ ހަތިޔާރު ނައްތާލުމަކީ އިންސާނިއްޔަތަށް ޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

އެ މުއާހަދާގައި ބައިވެރިވާން ކެބިނެޓުން ނިންމީ މިދިޔަ އޮގަސްޓް 27 ވަނަ ދުވަހު އެވެ. އަދި އެކަމަށް މަޖިލީހުން ރުހުން ދިނީ، މި މަހުގެ ތިން ވަނަ ދުވަހު އެވެ.

comment ކޮމެންޓް