ލުޖެއިންގެ ފޮތި ނެޕީ: ލޯތްބާ އެކު ތިމާވެއްޓަށް!

އުމުރުން 24 އަހަރުގައި އޭނާއަކީ މަގްބޫލު ޑައިވިން އިންސްޓްރަކްޓަކެވެ. އެމެޖެންސީ ފަސްޓް އެއިޑް ޓްރެއިންނިން ދިނުމާއި، ސްކޭޓް ކުރަން ދަސްކޮށްދިނުމުގައިވެސް މީހުން ދަންނަ މޫނެކެވެ. އަދި ރާއްޖޭގައި މަޖަލަށް ނަމަވެސް ސާފްކުރާ މަދު އަންހެނުންގެ ތެރެއިން އެކަކެވެ.

އެހެންނަމަވެސް މިއަދު އެންމެންގެ ތެރޭގައިވެސް އެންމެ ބޮޑަށް އޭނާގެ ނަން މަޝްހޫރުވެފައިވަނީ، ތިމާވެއްޓާއި ރަށްޓެހި ދިރިއުޅުމެއް އުޅޭ ޒުވާން މަންމައެއްގެ ގޮތުގަ އެވެ. އޭނާގެ އިންސްޓަގްރާމް ފީޑް ހާއްސަކޮށްފައި ވަނީ އޭނާގެ ތުއްތު ތުއްތު ދެ ދަރިން ކަމުގައިވާ އައިލީ އާއި ޖޫލްއާ އެކު ހޭދަކުރާ އުފާވެރި އަދި ސަސްޓެއިނަބަލް ލައިފްސްޓައިލް އެންމެނަށް ހިއްސާކުރާށެވެ.

މިއީ ލުޖެއިން ހަސަނެވެ. ދިވެހިންގެ މި ޖީލުގެ ފޮތި ނެޕީގެ މަންމައެވެ. ތިމާވެއްޓާއި މޫދާއި ކަނޑަށް އޭނާގެ ހިތުގައި ދެވިފައިވާ ހާއްސަ ލޯތްބާއެކު، މަންމައަކަށްވުމުގެ އުފާވެރި ޚަބަރު ލިބުމުން އޭނާބެލީ ވީ އެންމެ ބޮޑަކަށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ދަރިފުޅު ބޮޑުކުރެވޭތޯ އެވެ. މިގޮތުން އޭނާއަށް ވިސްނުނީ އޭނާއާއި ދަރިންގެ ފަރާތުން ތިމާވެއްޓަށް ވެދެވެން އޮތް އެންމެ ބޮޑު އެހީއަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ "ޑިސްޕޯސަބަލް ނެޕީ"ގެ ބަދަލުގައި ފޮތި ނެޕީ ބޭނުންކުރުން ކަމަށެވެ.

އިންސްޓަގްރާމުން ފާހަގަކޮށްލެވޭ ތަފާތު، އަދި "އިންސްޕަޔަރިން" ފީޑްތައް ބަލަމުންދަނިކޮށް ލުޖެއިންގެ ސްޓޯރީއަށް މީހަކު މިފަހަކުން ކޮށްފައި އޮތް އެއް ސުވާލަކީ ފޮތި ނެޕީ ޖަހާގޮތް ވީޑިއޯއެއްގެ ޒަރިއްޔާއިން ދެއްކިދާނެ ހެއްޔެވެ؟ މި މެސެޖު ފެނި އަދި އެކަން އެހެން މީހުންނަށް އަންގައިދީ ކިޔައިދޭން ލުޖެއިންވެސް ބޭނުންވާތީ "ސަން"ގެ ޓީމަށް ލުޖެއިންގެ ފޮތި ނެޕީގެ ވާހަކަ ކިޔާދޭން މިއަށްވުރެ މުނާސަބު ވަގުތެއް އޮތް ހެނެއް ހިޔެއް ނުވެ އެވެ.

ލުޖެއިން ބުނާގޮތުން ފޮތި ނެޕީއަކީ ބޭނުންކުރަންށާއި ހަރަދާއި ސިއްހަތަށް އަދި ތިމާވެއްޓަށް ބެލިކަމުގައިވިޔަސް އެންމެ ރަނގަޅު ޗޮއިސް އެވެ. މިކަމުގައި ދިމާވެދާނެ ހަމައެކަނި އުނދަގުލަކަށްވާނީ، ދޮންނަންޖެހޭ އެއްޗެހި ގިނަވުމެވެ. ނަމަވެސް މިޒަމާނުގައި އެއްޗެހި ދޮންނަނީ އަހަރެމެންނެއް ނޫންތާ އެވެ. ކޮންމެވެސް އިލެކްޓްރިކް މެޝިނެކެވެ. އެނޫން ގޮތަކަށްވިޔަސް، އަތުން ރަނގަޅަށް ދޮވެ، އަވިން ހިއްކައިފިނަމަ މި ފޮތި ނެޕީގައި އެއްވެސް އިތުރު މައްސަލައެއް ދިމައެއް ނުވެ އެވެ.

އެންމެ ފޮތީ ނެޕީއަކުންވެސް އެތަށް ފަހަރަކު އުކާލަންޖެހޭ "ޑިސްޕޯސަބަލް" ނެޕީތަކުގެ އަދަދު މަދު ކުރެވިދާނެ އެވެ. ލުޖެއިން ބުނާގޮތުން އެކި މަންމައިންގެ ދުވަހުގެ ޝެޑިއުލް އާއި، މަސައްކަތްކުރަންޖެހޭ ގޮތްވެސް ތަފާތުވާނެ އެވެ. އެހެންކަމުން އެންމެންނަށް މިއީ އަދި އެންމެ "ފަސޭހަ" ކަމަކަށް ނުވެދާނެ އެވެ. އަދި ކޮންމެހެން އެންމެން މިފަދައިން ފޮތި ނެޕީ ޖެހުމުގެ މަޖުބޫރު ކަމެއްވެސް ނެތެވެ. ނަމަވެސް ދުވަހެއްގެ ކޮންމެވެސް އެއްވަގުތެއްގައި ނުވަަތަ އަޖުމަ ބަލާލުމަށް އެއްފަހަރު ވިޔަސް ފޮތި ނެޕީ ބޭނުންކުރުމުން އުކާލެވޭ އަދި އަންދާލަންޖެހޭ ކުނީގެ ނިސްބަތް މަދުވެ، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްގެ މިންވަރު ދަށްކުރުމުގައި ފަރުދީގޮތުން ބައިވެރިވެވުނީ އެވެ.

ފޮތިނެޕީ އޭ ބުންޏަސް، ޑިސްޕޯސަބަލް ނެޕީތަކުގެ ތަފާތު ބްރޭންޑްތައް ހުންނަހެން މި ނެޕީގެ ވެސް އެކިއެކި ބްރޭންޑްތަކެއް އެބަހުއްޓެވެ. ހުސް ކޮޓަން އިން ތައްޔާރުކުރެވިފައިވާ އެކި ވައްތަރުތަކުގެ ޕްރީފޯލްޑާއި، ޕީޔޫއެލްއިން ހަދާފައި ހުންނަ ނެޕީއާއި ހުރިހާ އުމުރަކާއި ގުޅޭނެހެން އޯލްއިންވަން ނެޕީވެސް މިހާރު ލިބެން ހުރެއެވެ.

އަޖުމަ ބަލާލުމުގެ ގޮތުންނާއި، މިކަމަށް މީހުން ހޭލުންތެރިކުރުމަށް، ލުޖެއިން އެކި ވައްތަރުތަކުގެ ނެޕީ ގެންގު ޅެއެވެ. އޭނާ ބުނިގޮތުން ފުރަތަމަ ދަރިފުޅު ވިހަންވާއިރަށް އޭނާގަތީ 6،000 ރުފިޔާގެ ނެޕީ އެވެ. ދެވަނަ ދަރިފުޅުވެސް ވަރަށް ކައިރިން ލިބުމުން އަދިވެސް އެ ސްޓޮކް އޭނާއަށް އެބަ ބޭނުންކުރެވެ އެވެ. ސަލާމަތް ކުރެވެނީ އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 12،000 ރުފިޔާ އެވެ.

ލުޖެއިންގެ ގޭގައި އަހަރެމެން ނަގާފައިވާ މި ކުރު އިންޓަވިއުގައި ނެޕީތައް އޭނާގެ ގޭގައި ބަހައްޓާފައިވާ ގޮތާއި، ފޮތި ނެޕީ ޖަހާގޮތާއި އަދި ދޮވެ ސާފު ކުރާގޮތްވެސް އޭނާ ވަނީ ދައްކައިދީފަ އެވެ.

އަމިއްލަ ތަޖުރިބާ "ސަން"އަށް ހިއްސާކުރަމުން ލުޖެއިން ބުނީ މިފަދައިން ފޮތި ނެޕީ ބޭނުންކުރުމަކީ އޭނާއަށް އުނދަގޫކަމެއް ނޫން ކަމަށެވެ. އާންމު އެހެން ނެޕީތައް ފަދައިން މި ފޮތި ނެޕީތަކުންވެސް ލީކެއް ނުވެ އެވެ. އަދި ޑިސްޕޯސަބަލް ނެޕީތަކާއި އަޅާބަލާއިރު، ފޮތި ނެޕީއަކަށްވުމުން ހަމުގެ މައްސަލަތައް ޖެހުން ވެސް ކުޑަ އެވެ. އަދި މިފަދަ މައްސަލައެއް ނުކުތަސް، ހައްލު ނުވެވޭނެ ވަރުގެ ކަމެއް ދިމާވެދާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.

ކޮންމެއަކަސް، ފޮތި ނެޕީޖެހުމަކީ ވަރަށް ދިރާސާ ކުރުމަށްފަހު އަދި ވަރަށް ގިނަ އެއްޗެހިތަކެއް ބަލައި ހޯދުމަށްފަހު ލުޖެއިން ކުރަމުންދާ ކަމެކެވެ. ހުރިހާ ގޮތަކުންވެސް އޭނާއަށް އެންމެ ރަނގަޅު ނިންމުމެވެ. އެހެންކަމުން ހަރަދު ކުޑަ އަދި ތިމާވެއްޓާއި ރަށްޓެހި ދިރިއުޅުމަކަށް ފޮތި ނެޕީއެއް އަޖުމަބަލައިލަން ހިނގާށެވެ.

comment ކޮމެންޓް