އެންމެ އަގުބޮޑު ސުވާލު، މާލެ އައީ ކީއްވެ؟

މީހަކު މާލޭ ނޯތު ހާބަރުގެ ބޯޓެއްގައި، ކުރިމަތިން ވެރިއަށް މާލެ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"މާލެ އައީ ކީއްވެ؟" މިއީ ވަރަށް ކުރު އެހާމެ ސާދާ، ނަމަވެސް މިވަގުތަށް އެންމެ އަގު ބޮޑު އެއް ސުވާލެވެ. މިހާރުގެ ހާލަތަށް ބަލާއިރު ބުރަދަން ހުރި ބޮޑު ސުވާލެކެވެ. މިއީ ދެލައްކައެއްހާ ރައްޔިތުންނާ ގުޅިލާމެހިފައިވާ ސުވާލެކެވެ.

އާބާދީގެ ބޮޑު ބައެއް ވެރިރަށް މާލެއަށް ޖަމާވާން މަޖުބޫރު ކުރުވި ސަބަބު އޮޅުންފިލުވަން، ޝޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރު ޝަމްއޫން ޖަލީލު (ލޫކަސް) ޓްވިޓާއަށް މި ކުރު ސުވާލު ދޫކޮށްލުމާ އެކު އެތައް ބައެއްގެ ޖަވާބުތައް މަތިމައްޗަށް އޮއްސާލި އެވެ.

ލޫކަސްގެ މި ސުވާލަށް ޖަވާބުދިން އެތައް ބަޔަކު ބުނެދެމުން ދިޔައީ ރަށް ފުށުގެ އަރާމު ދިރިއުޅުން ދޫކޮށް، ގަނަ ތެޅެން ނަމަވެސް މާލެ އަންނަން ޖެހުނު ސަބަބުތަކެވެ. ގިނަ ޒުވާނުން ބުނި ގޮތުގައި މައިންބަފައިންނަށް އެ މީހުން މާލެ ފޮނުވާލަން ޖެހުނީ ރަނގަޅު ތައުލީމެއް ރަށުގައި ލިބެން ނެތުމުން ތައުލީމު އުގަންނައި ދިނުމުގެ ބޭނުމުގަ އެވެ. އެ ހިސާބުން މާލޭގައި ތާށިވީ އެވެ. އަނެއް ބަޔަކު ބުނީ ވަޒީފާގަނޑެއް ނުލިބިގެން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރެއްގެ ވަޒީފާ އަދާކުރާ އަފްރާހު މި ސުވާލަށް ޖަވާބުދެމުން ކުރި ޓްވީޓްގައި ބުނީ، ރަށުގައި ވަޒީފާއެއް ހުސްވަނީ އެ ވަޒީފާއެއް އަދާކުރަމުން އަންނަ މީހަކު މަރުވުމުން ކަމަށެވެ. އަދި އޭނާ ސަން އަށް ބުނީ، އެ ވާހަކަ އެގޮތަށް ބުނީ ރަށުގައި ހުންނަ ވަޒީފާތަކުގެ އަދަދު މަދުކަން ބުނެދިނުމަށް ކަމަށެވެ.

މި ސުވާލަށް ޖަވާބު ދިން ގިނަ މީހުންގެ ޖަވާބުތަކުން ކުރަހާ މަންޒަރަކީ، މާލެއަށް ތޮއްޖެހެން ގިނަވަނީ އަސާސީ ހިދުމަތްތައް ރަށް ފުށުގައި ނެތުނީމަ އެވެ. ތައުލީމާއި ވަޒީފާގެ ފުރުސަތު ލިބެން ނެތީ އެވެ. އިގްތިސާދީ ހަރަކާތްތައް މާ ބޮޑަށް ވެސް މަދުވަނީ އެވެ.

ލޫކަސްގެ ޓްވީޓަށް ބައެއް މީހުން ދީފައިވާ ޖަވާބުތައް ---

މި ސުވާލު އަނެއްކާ ވެސް މުހިންމުވެގެން މި އުޅެނީ މި ފަހުން ހ. އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއިން މާލެ ތޮއްޖެހުމުގެ ނުރައްކާތަކާ ގުޅޭ ބަހުސެއް އަހަރުމެންގެ މެދުގައި ފެށުނީމަ އެވެ.

އެ ހާދިސާގައި ގާތްގަނޑަކަށް އެއް ބްލޮކެއްގައި ހުރި 26 އަށް ވުރެ ގިނަ ގޭ ބިސީއަށް އަލިފާނުގެ އަސަރު ކުރި އިރު، 700 އެއްހާ މީހުން ހާލުގައި ޖެހުނެވެ. މި ނަމްބަރުން ބުނެދެނީ މާލޭގެ ތޮއްޖެހުމުގެ މައްސަލަ ގޮސްފައިވާ ނާޒުކު ހިސާބެވެ. މިއީ ކުޑަ މައްސަލައެއް ނޫން ކަމުގެ ވަރުގަދަ އިންޒާރެކެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން 2014 ވަނަ އަހަރު އާންމުކޮށްފައިވާ ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 37 ޕަސަންޓު މީހުން ދިރިއުޅެމުން އަންނަނީ އެންމެ 9.27 ސްކޮއާ ކިލޯ މީޓަރުގެ މި ވެރިރަށް މާލޭގަ އެވެ.

އެ ތަފާސް ހިސާބުން ބުނެދޭ ގޮތުގައި މާލެއަށް ދިރިއުޅުން ބަދަލު ކުރާ 40 ޕަސަންޓް މީހުން މާލެ އަންނަނީ، ތައުލީމު ހާސިލުކުރާށެވެ. ބާކީ 60 ޕަސަންޓް ބެހިގެން އަންނަނީ، ވަޒީފާ ހޯދުމަށާއި އާއިލާ މާލެއަށް ބަދަލުވުމުން އައިލާއާ އެކު ދިރިއުޅުމަށާއި، އަދި އެހެނިހެން ސަބަބުތަކަށް ޓަކައި މާލޭގައި ދިރިއުޅެން ބޭނުންވާ މީހުންނަށެވެ.

މިއީ މީގެ ފަސް އަހަރު ކުރިން ހަދާފައިވާ ތަފާސް ހިސާބެކެވެ. މިހާރު ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ހަމަ ގައިމު ވެސް އެއަށްވުރެ ގިނަ ވާނެ އެވެ.

ސޯޝަލް މީޑިއާ އަށް އަގުބޮޑު ސުވާލު ދޫކޮށްލި ލޫކަސް ބުނި ގޮތުގައި، މާލެ އަށް އަންނަން ޖެހޭ ސަބަބުތައް ކޮންމެ ސަރުކާރަކަށް ވެސް އެނގޭ އިރު، މާލެ ތޮއްޖެހެން ޖެހޭ ސަބަބުތައް ނައްތާލަން މަސައްކަތެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި ކޮންމެ ސަރުކާރަކުން ވެސް އިތުރު އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ އެކު، އިތުރު ތަރައްގީ ގެންނަނީ މާލޭ ސަރަހައްދަށް ކަމަށް ލޫކަސް ބުންޏެވެ. ނަތީޖާއަކަށް ވަނީ، މާލެ ނޫން ތަނަކަށް ދިރިއުޅުން ބަދަލު ކުރަން ޖެހޭ ސަބަބެއް ދިވެހިންނަށް ހޯދައި ނުދެވުމެވެ.

"މާލެއަށް މީހުން އަންނަނީ މިތާގެ ފަސްގަނޑަކަށް ނޫން. މީހުން މާލެ އަންނަނީ ހިދުމަތްތައް ހޯދަން. ހުރިހާ ހިދުމަތެއް މިއޮތީ މިތަނަށް މަރުކަޒުވެފައި. ރާއްޖޭގެ ބާރުތައް މިއޮތީ މިތަނަށް މަރުކަޒު ވެފައި، ސިއްހީ ހިދުމަތް، ތައުލީމު، ވަޒީފާ، އިގްތިސާދާއި އެހެން ހުރިހާ ކަމެއް މިއޮތީ މިތަނަށް މަރުކަޒު ވެފައި،" ލޫކަސް ބުންޏެވެ.

ލޫކަސް ދެކޭ ގޮތުގައި މާލެ ތޮއްޖެހުމުގެ ޒިންމާ އަތޮޅުތަކުގެ މީހުންގެ ބޮލުގައި ވެސް އަދި މާލޭ މީހުންގެ ބޮލުގައިވެސް ނޭޅުވޭނެ އެވެ. މައްސަލަ އަކީ ސިޔާސަތުތަކުގެ މައްސަލަ ކަމަށް ލޫކަސް ދެކެ އެވެ.

"މިއޮތީ މުއްސަނދިންނާއި ފަގީރުންގެ ފަރަގުގެ މައްސަލައެއް. މުއްސަނދިކަން ބެހުމާއި އިގްތިސާދުގެ ބޭއިންސާފުގެ ބައިވަރުކަން ކަން މިއީ. މިއީ އެއްވެސް ހާލެއްގެ މީހުންގެ މައްސަލައެއް ނޫން،" ލޫކަސް ބުންޏެވެ.

"ފެން އޮތް ތަނަކަށް މަސް ދާނެ"

މާލެ މަތިން: އިމާރާތްތަކުން މާލެ މިހާރު ވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދެމެހެއްޓެނެވި ތަރައްގީއާ ގުޅޭ ގޮތުން ވަކާލާތު ކުރާ އަދި "ފަޅު އަލި ރަންމުތް" ފޮތުގެ މުސައްނިފު މުނާ މުހައްމަދު ވިދާޅުވި ގޮތުގައި މާލޭގެ ތޮއްޖެހުން އެއްވެސް ވަރަކަށް ކުޑަ ނުވެ ދުވަހެއް ދުވަހަކަށް ބޮޑުވާކަން ވޭތުވެ ދިޔަ ތިން ބޯހިމެނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް އެނގެ އެވެ. ތޮއްޖެހުން ކުޑަ ކުރުމަށް ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް ނަންބަރުތަކުން ތޮއްޖެހުން ކުޑަކަމަށް ނުދައްކާއިރު، ސަރުކާރުތަކުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމަށް މުނާ ވިދާޅުވި އެވެ.

"ފެން އަޅާ ތަނަކަށް މަސް ދާނެ. އަތޮޅުތަކަށް ސަރަހައްދީ ތަރައްގީ ގެނައުމުން އެތަންތަނަށް މީހުން ދާނެ،" މުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލެއަށް މީހުން އައުން މަދު ކުރުމަށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ކޮންމެހެންވެސް މުހިންމު ކަމަށެވެ. ނަމަވެސް އެ ނިޒާމް ގުޅާލަން ޖެހޭނީ ސަރަހައްދީ ގޮތުން ކަމަށް މުނާ ދެކެވަޑައިގަންނަވަ އެވެ.

"އަބަދުވެސް ދަތުރުފަތުރުގެ ނިޒާމް މި ގުޅާލަނީ، ތޮއްޖެހިފައިވާ މާލެއާ. އޭގެ ބަދަލުގައި އިސްކަން ދޭންވީ ނޫންތޯ، އަތޮޅު ތެރޭގެ އެއް ރަށުން އަނެއް ރަށަށް ދެވޭ ގޮތް ހެދުމަށް،" މުނާ ވިދާޅުވި އެވެ.

އޭނާގެ ވިސްނުމުގައި ތައްރަގީގެ ސިޔާސަތު ބައްޓަންވެފައި އޮޮތީ، އަބަދުވެސް ރާއްޖޭގެ ރަށްތަކާއި މާލެއާ ގުޅުވާލާ ގޮތަށެވެ. އެކަމަކު އެ ވިސްނުން ބަދަލުކޮށް ތަރައްގީގައި އަތޮޅުތަކުގެ އެއް ރަށް އަނެއް ރަށާ ގުޅުވާލައި، އަތޮޅު އަނެއް އަތޮޅާ ގުޅުވާލުން މުހިންމު ކަމަށް މުނާ ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް ކީއްވެގެންތޯ އައްޑޫއާއި ހުވަދޫއާ ދެމެދު ފްލައިޓްތައް ނުބާއްވަން ވީ. ދެ އަތޮޅެއް ގުޅުވާލެވުނީ އޭރުން. އައްޑޫއަށް އަންނަ ޓުއަރިސްޓުން ހުވަދޫއަށް ދެވޭނެ ނޫންތޯ،" މުނާ ސުވާލު އުފެއްދެވި އެވެ.

މުނާ ވިދާޅުވި ގޮތުގައި، ރަނގަޅު ދަތުރުފަތުރު ނިޒާމެއް ގާއިމު ކުރެވިއްޖެ ނަމަ އިގްތިސާދީ ހަރަކާތްތަކެއް ފެށިގެންދާނެ އެވެ. މީހުންނަށް ވަޒީފާ ލިބި، މީހުން މާލެ އަންނަން ޖެހިފައި ހުރި ސަބަބުތައް ނައްތާލެވޭނެ އެވެ.

ހުރިހާ ހިދުމަތެއް މާލޭގައި ގާއިމު ކުރުން ހުއްޓާލާ!

މާލޭގައި ގައިމުކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގައި ސްކޫލްތަކާއި ހޮސްޕިޓަލުތައް އެޅުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް އަބަދުވެސް ކުރެ އެވެ. ނަތީޖާ އަކީ، އެހެން އަތޮޅުތަކަށް ކުރަން ޖެހޭ ހަރަދު ނުކޮށް، މާލޭ ސަރަހައްދަށް ދައުލަތުގެ ބަޖެޓްގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހުމެވެ. ރަށުން ނުލިބޭތީވެ، އެ ހިދުމަތްތައް ހޯދަން އެހެން ރަށްތަކުގެ މީހުން އަންނަ މި ޖެހެނީ މާލެއަށެވެ.

މުނާ ވިދާޅުވި ގޮތުގައި އަތޮޅު ތެރެއަށް ބޭނުންވާ ހިދުމަތްތައް މާލޭ ސަރަހައްދަށް ގެނައުން ހުއްޓާލަން ޖެހެ އެވެ. އޭގެ ބަދަލުގައި އެ ހިދުމަތްތައް ރަށްތަކުގައި ގާއިމު ކުރުމަށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރަން ޖެހޭ ކަމަށް މުނާ ވިދާޅުވި އެވެ.

"ޖެހިގެން މިއުޅޭ މައްސަލައަކީ އަތޮޅުތަކަށް ބޭނުންވާ ހިދުމަތްތައް މާލޭގައި ގައިމު ކުރާތީވެ. ފެން އަޅާ ތަނަކަށް މަސް އަންނާނީ. ފެން ނެތީމާ މަޖުބޫރު ވާނެ ނޫންތޯ ފެން އޮތް ތަނަކަށް ދާން،" މުނާ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒު ކައުންސިލްތަކަށް ބާރުދީ ސަރަހައްދީ ތަރައްގީއަށް

ރައީސް ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް: މި ސަރުކާރުގެ އަމާޒަކީ ސަރަހައްދީ ތަރައްގީ -- ފޮޓޯ/ ރައީސް އޮފީސް

މާލެ ތޮއްޖެހުން ހައްލު ކުރަން މި ސަރުކާރުގެ އެއް ސިޔާސަތަކީ، ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ކައުންސިލްތައްކަށް މާލީ ބާރުވެރިކަން ދިނުމެވެ. މާލީ ބާރުވެރިކަމާ އެކު، އެ ސަރަހައްދެއް ތަރައްގީ ކުރުމުގައި އެ ކައުންސިލްތަކުގެ ހިއްސާ ބޮޑުކުރުމެވެ. އެއާއެކު ސަރަހައްދީ ގޮތުން ކޮންމެ ސަރަހައްދެއް ތަރައްގީ ކުރުމެވެ.

މާލޭގައި ސަރުކާރުގެ އިތުރު އުސް އިމާރާތްކެއް ނޭޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވައިފަ އެވެ.

ނަމަވެސް މި ސަރުކާރުން ވެސް މާލެ ސަރަހައްދަށް ބޮޑެތި މަޝްރޫއުތައް ގެންނަން ވަނީ ރާވައިފަ އެވެ. މިހާރުވެސް މާލޭގައި ބޮޑު ދެ ޕާކެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. ތިލަފުށީގައި ބައިނަލްއަގުވާމީ ބަނދަރެއް އެޅުމަށް ވަނީ ހުޅުވާލާފަ އެވެ. މާލެއާއި ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ބުރިޖަކުން ގުޅުވާލުމަކީ ވެސް މި ސަރުކާރުން މިހާރު ރާވާފައިވާ މަޝްރުއޫއެކެވެ. އެއީ އަނެއްކާ ވެސް މާލޭ ސަރަހައްދަށް މީހުން ޖަމާކުރަން ބާރު އެޅޭނެ ސަބަބެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

ނަމަވެސް ސަރުކާރުން އެގޮތަކަށް ނުދެކެ އެވެ.

ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ސަރައްހަދީ ތަރައްގީ ގެނައި ނަމަވެސް އެެއްވެސް ތަނަކަށް އިހުމާލު ނުވުން ކަމަށެވެ. މާލެއަށް ވެސް އަޅާލުން ކަމަށެވެ. މާލޭ ސަރަހައްދުގައި އިތުރު ބުރިޖެއް އެޅުމަކީ، މާލެ އިތުރަށް ތޮއްޖެއްސުން ކަމަށް އަސްލަމް ދެކެވަޑައިނުގަންނަވަ އެވެ.

"ސަރުކާރުގެ އަމާޒަކީ، ސަރަހައްދީ ތަރައްގީއާއެކު އިންވާޑް މައިގްރޭޝަން ހުއްޓުވުމަށް ގެނައުނުން. އިންވާޑް މައިގްރޭޝަން ހުއްޓުވައިގެން މާލެ ތޮއްޖެހުން ކުޑަ ކުރެވޭނީ،" އަސްލަމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. "އަޅުގަނޑު ގަބޫލުކުރަނީ ރަނގަޅު ގޮތުގައި އަޅުގަނޑުމެންނަށް މިކަން ކުރެވިއްޖެ ނަމަ، ސަރަހައްދީ ތަރައްގީއަށް ފޯކަސްއެއް ދީގެން މާލޭގެ ކަންތައްތަކަށް އަޅާލެވޭކަމަށް ވާނަމަ، އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވާ ބުރިޖެއް އެޅުމަކުން މާލެ އިތުރަށް ތޮއްޖެހޭކަށް ފުރުސަތެއް ނެތް،"

ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ ބޮޑެތި މައްސަލަތަކުގެ އަސްލަކީ މާލެ ތޮއްޖެހި ފުރި ބާރުވުން ކަމަށް ބަލަން ޖެހެ އެވެ. މި ހާލަތުން އަރައިގަންނަން ބޭނުންވަނީ މުޅި ރާއްޖެއަށް ފަތުރާލެވޭ ތަރައްގީ އެކެވެ. ބޭނުން ވަނީ، މާލެ އަންނަން ޖެހޭ ސަބަބުތައް އެކީ މަރާލާނެ ފަދަ ސިޔާސަތެކެވެ. މާލެ ނޫން ގޮތެއް ދިވެހިންނަށް ހޯދައިދޭން ވެއްޖެތާ ކިތަންމެ ދުވަހެކެވެ.

comment ކޮމެންޓް