އީއައިއޭ ނުހަދާ މަސައްކަތް ހަވާލުކުރީ ކުރީގެ ވެރިން، ޒިންމާ ކުރުވާނަން: ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު -- ފޮޓޯ: ފެނަކަ

ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް، އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނުހަދައި ފަސް ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކުރީގެ ސަރުކާރުން ކަމަށާއި، އެ މައްސަލައިގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ކުރުވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން 2017 ވަނަ އަހަރު އީއައިއޭ ނުހަދާ ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ހަވާލުކުރުމުން އެ ކުންފުނި ވަނީ ހަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

އަދި ޖޫރިމަނާ ފައިސާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ ފެނަކަ އަށް އަންގައިފަ އެވެ.

އެކަމާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ 2017 ވަނަ އަހަރުގެ ޖުލައި އަދި އޯގަސްޓު މަހު ފަށާފައިވާ މަސައްކަތަކެއް ކަމަށާއި، އެ ރަށްރަށުގައި އީއައިއޭ ހެދުމެއް ނެތި އަމަލީ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރެވި އެކަން އީޕީއޭގެ ސަމާލުކަމަށް ގެނެސް، ކަންކަން ރަނގަޅު ކުރެވޭނެ ގޮތްތަކެއް ހޯދަން މަސައްކަތް ފެށީ ފެނަކައިގެ އިސްނެގުމަށް ކަމަށެވެ.

ނަމަވެސް ކުރީގެ ވެރިން ކުރައްވާފައިވާ ޒިންމާދާރުކަން ކުޑަ ކަންކަމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 30 ދުވަހުގެ ތެރޭގައި ހަ ލައްކަ ރުފިޔާ ދައްކަން ޖެހުމަކީ އެ ކުންފުނިން ހިތާމަކުރާ ކަމެއް ކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.

ފެނަކައިން ބުނީ ޖޫރިމަނާގެ ސަބަބުން ކުރިން އަންދާޒާ ކުރެވިފައި ނުވާ ބޮޑެތި ގެއްލުންތަކެއް ކުންފުންޏަށް ލިބިގެންދާނެ ކަމަށެވެ.

"އިސްވެ ދެންނެވުނު އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، އެކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާ ކުރުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ "ކޮންމެ ހާލެއްގައިވެސް" ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަށް އުނިކަމެއް ނުވަތަ ލަސްކަމެއް އަޔަނުދިނުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް