ކާރިސާއެއް މެނޭޖު ކުރުމުގެ ގާބިލް ކަމެއް މި ސަރުކާރުގެ ނެތް: އާދަމް ޝަރީފް

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުއްލި އަކަށް ދިމާވާ ކާރިސާއެއް މެނޭޖު ކުރުމުގެ ގާބިލްކަން މިސަރުކާރުގެ ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ނިމިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މިހާރުގެ ހާލަތާއި ގުޅޭ ގޮތުން އިދިކޮޅުން ދެކޭ ގޮތް ހާމަ ކުރުމަށް ޕީޕީއެމް އަދި ޕީއެންސީގެ އޮފީސް ހުންނަ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ޝަރީފް ވަނީ، ސަރުކާރުން ކުރި ރަނގަޅު ކަންކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށް ސަރުކާރަށް ނުކުރެވެ ހުރި ކަން ކަން އަވަސް ކުރުމަށް ބާރުއަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ހާދިސާ ހިނގި ދުވަހު މަގުމަތިވި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ދެއްވުމުގައި ސަރުކާރުން އަވަސްވެގަތް ކަން ފާހަގަ އެކަމަށް އާދަމް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އެހެން ނަމަވެސް އެ ހާދިސާއަށް ހަފްތާއެއް ވާން ކައިރިވެފައިވާއިރު އެ ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ފޯރު ކޮށްދިނުމުގައި ލަސްތަކައް ހުރުމުން މާޔޫސްވެފައިވާ ކަމަށް އާދަމް ޝަރީފް ފާހަގަ ކުރެއްވި އެވެ.

އަލިފާނުގެ ހާދިސާއިން ބޮޑު އަނިޔާއެއް ނުލިބި ގިނަ ފަރާތްތަކެއް ސަލާމަތްވި ނަމަވެސް އެ ފަރާތްތަކަށް ކޮށްފައިވާ ނަފްސާނީ އަސަރުތަކުން އަރައިގަތުމަށް އެއްވެސް ކަހަލަ ސައިކޯ ސޯސަލް ސަޕޯޓެއް ދީފައި ނެތުމުން އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުނު ލިބުނު ނުވަތަ އަނދައިގެން ގޮސްފައިވާ ބައެއް މުދަލަކީ ތާޑް ޕާޓީ އިންސިއުރެންސް ކޮށްފައިވާ ތަކެތިކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ އެ ފަރާތްތަކުން ބަދަލު ހޯދުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ހުރިހާ ކަމެއް ކުރުން ވެސް ޖެހެނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރު މެދުވެރިކޮށް ކަމަށް ވާއިރު ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"މިފަދަ ކްރައިސިސް އެއް މެނޭޖް ކުރުމުގެ ގާބިލް ކަން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްގައި ނެތް ކަން އަޅުގަނޑުމެނަށް ފާހަގަކުރެވުނު،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނިސްބަތުން ރާއްޖޭގެ ރަށެއްގެ އާބާދީއަށް ބަލާނަމަ، ހާލުގައި ޖެހިފައި ވަނީ ރަށެއްގެ އާބާދީގެ ކުޑަ ބައެއްކަން ފާހަގަ ކޮށް އާދަމް ޝަރީފް ވިދާޅުވީ، އެ ފަރާތްތަކަށް ދާއިމީ ބޯހިޔާ ވަހިކަމެއް ހޯދައި ދިނުމަށް ސަރުކާރަށް އެކަށީގެންވާ ކަމެއް ކޮށްދެވިފައި ނުވާ ކަމަށެވެ.

"ހާލުގައި ޖެހުނު މީހުނަށް ސަރުކާރުން މި ދެއްވަނީ ބޮލަކަށް 200 ރުފިޔާ ކެއުމަށް. މި ފައިސާއިން ވެސް ކެއުމުގެ ހަރަދު ހަމަޖައްސާފައި ދެން އެހެން އެއްވެސް ކަމެއް ކުރުމަށް ފައިސާ ނުހުންނާތީވެ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން އެބަޖެހޭ. މި ހުރިހާ ކަމެއް މިހެން ހުރުމާއި އެކީގައި އަޅުގަނޑުމެނަށް ފާހަގަ ކުރެވިގެން ދަނީ ކްރައިސިސް އެއް މެނޭޖް ކުރުމުގެ ގާބިލްކަމެއް މި ސަރުކާރުގައި ނެތް ކަމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް