"ޖަޒީރާ ކެނޯ ރޭސް" ފަށައިފި

ޖަޒީރާ ކެނޯ ރޭސް ފަށަން ތައްޔާރުވެފައި --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ބާއްވާ "ޖަޒީރާ ކެނޯ ރޭސް" މިއަދު ފަށައިފިއެވެ.

ކެނޯ ރޭސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ކެނޯ ރޭސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ދެއްކެވި ވާހަކައިގައި ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުމުގެ މައިގަނޑު ދެ ބޭނުމަކީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ރައްޔިތުން ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ކަމަށެވެ.

ކެނޯ ރޭސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

އެހެންކަމުން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އެކަންކަން ދަމަހައްޓައިދިނުމަށް ނައިބު ރައީސް އެދިވަޑައިގަތެވެ. މީގެ 27 އަހަރުކުރިން އެމަނިކުފާނު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ހަނދާންތައް އާކުރައްވައި، ރާއްޖޭގައި ފަތުރުވެރިކަން އެންމެ ފުރަތަމަ ފެށިގެން އައި ދުވަސްވަރު މި ސިނާއަތުގައި ހަރަކާތްތެރިވި ފަރާތްތަކާއި މިއަދާ ހަމައަށް މިސިނާއަތް ތަރައްގީކޮށް ގެނެސްދިން ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޖަޒީރާ ކެނޯރޭސް ފެށުމުގެ ގޮތުން ފުރަތަމަ ބާއްވާފައި ވަނީ އަންހެން ޓީމުތަކުގެ ކެނޯ ރޭހެވެ. ރޭސް ފެށުމުގެ ގޮތުން އަންހެން ޓީމުތައް ވަނީ ކެނޯގައި ވ. ފެލިދުއަށް ދަތުރުކޮށްފައެވެ.

މި ހަރަކާތަކީ މާދަމާ ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެވެ. އެ މުބާރާތުގައި އަންހެނުންނާއި ފިރިހެނުންވެސް ބައިވެރިވާނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ކެނޯ ރޭހުގައި ރާއްޖޭގެ 18 އަތޮޅަކުން ބައިވެރިވެފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ގިނަ އަދަދެއްގެ ހަރަކާތްތަކެއް ރާވާފައެވެ.

comment ކޮމެންޓް