"އަޑަފި" އެޕްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި

ނޫސްތަކުގެ ހަބަރާއި މައުލޫމާތު ރީޕަބްލިޝްކޮށް މާލީ މަންފާ ހޯދަމުން އަންނަ ކަމަށް ބުނެ "އަޑަފި" އެޕްލިކޭޝަންގެ މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަން ފަށާފައިވާތީ، އެ އެޕްލިކޭޝަންގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ނޫސްތަކުގެ ޚަބަރުތައް ރީ ޕަބްލިޝްކޮށްގެން މަންފާ ހޯދާ މައްސަލަ ބަލަން އެމްއެމްސީން ނިންމީ އިއްޔެއެވެ. "އަޑަފި" އެޕްގެ އިތުރުން "ފަސޭހަ" އެޕްގެ މައްސަލަ ވެސް އެމްއެމްސީން އަންނަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން "އަޑަފި" އެޕްލިކޭޝަން އިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެމްއެމްސީން މައްސަލަ ބަލާތީ މިއަދުގެ ވަގުތެއްގައި އެ އެޕްލިކޭޝަންގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އަދި "އަޑަފި" އެޕްލިކޭޝަނަކީ ކިޔުންތެރިންނާއި ލިޔުންތެރިން ގުޅުވައިދޭ މާހައުލެއްގެ ގޮތުގައި އަދި ފަސޭހައިން ހަބަރާއި މައުލޫމާތު ކިޔުންތެރިންނާއި ހަމައަށް ވާސިލުކޮށްދިނުމަށް އުފައްދާފައިވާ އެޕްލިކޭޝަނެއް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި އެ އެޕްލިކޭޝަންގައި ހަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކަކީ އެ ނޫސްތަކުން އަމިއްލައަށް އެދިގެން އެޕްލިކޭޝަންގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްތައް ކަމަށް ވެސް ޕޯސްޓުގައިވެއެވެ.

"ނަމަވެސް "އަޑަފި" މި އެޕްލިކޭޝަނުން ނޫސްތަކުގެ ޚަބަރާއި މައުލޫމާތު ރީޕަބްލިޝްކޮށް މާލީ މަންފާ ހޯދަމުން އަންނަކަމަށްބުނެ އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަން ފެށުމާއެކު މި އެޕްލިކޭޝަންގެ ޚިދުމަތް ވަގުތީ ގޮތުން ވާނީ މިއަދުގެ ވަގުތެއްގައި މެދުކަނޑާލާފައެވެ." އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެހެން ނަމަވެސް ހިދުމަތް މެދުކެނޑުމުން އެޕްލިކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ނޫސްތަކުން ވެސް އެކަމާ ކަންބޮޑުވުން ފާޅުކޮށް ހިދުމަތް އަލުން ފަށައިދިނުމަށް އެދެމުން ދާތީ އަމިއްލައަށް އެދިފައިވާ ބައެއް ނޫސްތަކުގެ ހަބަރުއް އެޕްލިކޭޝަނަށް އަންނަ ގޮތަށް އެޕްލިކޭޝަންގެ ޚިދުމަތް އަލުން ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

އަދި ހަބަރު ފަތުރާ އެއްވެސް އިތުރު ވަސީލަތަކުން އެ އެޕްލިކޭޝަންގައި އެ ވަސީލަތެއްގެ ހަބަރު ހިމަނަން ނުވަތަ ރަޖިސްޓްރީ ކުރަން ބޭނުން ނަމަ އެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

"މި އެޕްލިކޭޝަނުން އެއްވެސް ބައެއްގެ ހައްގަކަށް އަރައިނުގަންނާނޭ ކަމާއި ގާނޫނާ ގަވާއިދުތަކަށް މި އެޕްލިކޭޝަންގެ ފަރާތުން އަބަދުވެސް ހުރުމަތްތެރިކޮށް ހިތާނެ ކަމުގެ ޔަގީންކަން ކިޔުންތެރިންނަށާއި ލިޔުންތެރިންނަށް އަދި ނޫސްވެރިންނަށް އަރުވަމެވެ." އެ ޕޯސްޓުގައިވެއެވެ.

comment ކޮމެންޓް