ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޕްރޮޖެކްޓުތަކެއް ނުދެން: ފިނޭންސް

ފިނޭންސް މިނިސްޓަރު އަމީރު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޓެންޑާ މެދުވެރިކޮށް ޕްރޮޖެކްޓުތައް އެވޯޑުނުކުރާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބައެއް މަޝްރޫއުތައް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެވޯޑު ކުރާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިނިސްޓަރު މިއަދު ވިދާޅުވީ؛ "ޔަގީންކަންދެން ނޭޝަނަލް ޓެންޑާ އިން ސަރުކާރު ތެރޭ ކުރިއަށްގެންދާ ޕްރޮޖެކްޓުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނުކުރާނެކަން. 99 ޕަސެންޓް ޔަގީންކަން ދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް 15 އެމްބިޔުލާންސް ގެނައުމަށް ބިޑު ކުރި ކުންފުނިތަކުގެ ތެރެއިން އަގުބޮޑުކޮށް ހުށަހެޅި އިންޑިއާގެ ކުންފުންޏަކަށް ބިޑް އެވޯޑު ކުރި މައްސަލައިގެ އަޑު ގަދަވެފައިވަނިކޮށް މިއަދު މިނިސްޓަރު ވިދާޅުވީ ބިޑް އިވެލުއޭޓް ކުރާއިރު ބަލަނީ ހަމައެކަނި އަގަށާއި ޑެލިވަރީ މުއްދަތަށް އެކަނި ނޫން ކަމަށެވެ. ބިޑް އެވޯޑު ކުރަނީ ޓެކްނިކަލް އިވެލުއޭޝަންގައި ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގިވެން ފެކްޓެއް ނޫން އެންމެ އަގުހެޔޮ މީހާ އަށް އަދި އެންމެ މުއްދަތު ކުރުމީހާ އަށް ލިބުމަކީ. އެއީ މަޖުބޫރު ކަމެއް ނޫން. އެކަމަށްވެސް ބަލަންޖެހޭ. އެކަމަކު އެމީހުން ޓެކްނިކަލް އިވެލުއޭޝަން އިން ފެއިލްވާނަމަ އެހެން ބަޔަކަށްވެސް ދެވިދާނެ،" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ބިޑުތައް ކާމިޔާބުކުރާ ކުންފުނިތަކާއި އެ ޕްރޮޖެކްޓުގެ އަގު އަދި ނިންމަންޖެހޭ ތާރީހުވެސް ފިނޭންސް މިނިސްޓްރީ އިން މިހާރު ދަނީ އާންމު ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގިނަ ޕްރޮޖެކްޓުތައް އެވޯޑުކޮށް އިއުލާނު ކުރުމުން ބިޑް ކާމިޔާބު ނުކުރެވޭ ކުންފުނިތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހަޅާ ކަމަށާއި އެއީ އާންމުކޮށްވެސް ހިނގާ ކަމެއް ކަމަށެވެ.

"އޭސީސީ އިން ބަލަމުންދޭ ޕްރޮޖެކްޓުތައް އިވެލުއޭޓް ކުރަނީ ރަނގަޅަށްތޯ. އަޅުގަނޑުމެންވެސް ބޭނުންވަނީ އެގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްބިއުލާންސް ގެނައުމުގެ މަސައްކަތް އެވޯޑުކޮށްފައިވަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓަށެވެ. އެ ބިޑު އެކުންފުނިން ކާމިޔާބުކުރި ނަމަވެސް އަދި އެއްބަސްވުމުގައި ސޮޔެއް ނުކުރެ އެވެ.

"އޭސީސީ އިން ވެސް ބަލާފައި ޓެކްނިކަލް އިވެލުއޭޝަންގައި ގޯހެއް އުޅޭނަމަ އެކަންތައް ރަނގަޅު ކޮށްފައި ހައްލުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބީލަމުގެ މައްސަލަތައް ބަލާނެ ކޮމެޓީއެއްވެސް މިހާރު އުފައްދާފައިވާ ކަމަށާއި ބީލަން އިވެލުއޭޓް ކުރުމުގައި މައްސަލަ އުޅޭކަމަށް ފާހަގަވާނަމަ މައްސަލަ ހުށަހަޅައިގެން ބެލޭނެ ކަމަށެވެ.

އެމްބިޔުލާންސްގެ މަޝްރޫއަށް އެންމެ ކުޑަ އަގެއް ހުށަހެޅީ އޭޑީކޭ އިންނެވެ. ނަމަވެސް އެކުންފުންޏަށް ބިޑް ކާމިޔާބު ނުކުރެވުމުން މައްސަލަ ވަނީ އޭސިީސީ އަށް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް