މޫސުމީ ބަދަލުތަކުން ދިވެހީންގެ ސަލާމަތަށް ވަނީ ނުރައްކާވެފައި: ޝާހިދު

ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެއަށް ކަމަށާއި އެއީ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ "ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީ" އިން އިންތިޒާމްކޮށްގެން އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި މޫސުމާއި ސަލާމަތާއި ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މޫސުމާއި ރާއްޖޭގެ ސަލާމަތާ ގުޅުން އޮތް މިންވަރުގެ މައްޗަށް ވާހަކަ ދައްކަވާފައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ގައުމުކަމަށް ވުމާއިއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރުވެސް އެބައޮތްކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލަމާތަށް އޮތް ނުރައްކާ ހާމަކޮށް، އެކަމަށް ހޭލުންތެރިކުރުމަށް ގްރޫޕް އޮފް ފްރެންޑްސްގެ ފަރާތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރު ވަނީ އެމަސައްކަތަށް ތައުރީފް ކުރައްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ޕެރިސް މުއާހަދާގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާކަން ކަށަވަރު ކުރާ ކަމަށެވެ. ރާއްޖެއިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވީހާވެސް އަވަހަކަށް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރު ހާމަކުރެއްވި އެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާނެކަން އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މި ބައްދަލުވުމަށްފަހު މިނިސްޓަރު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާއި ބެހޭ މައުލޫމާތާއި، އެނުރައްކާތަކުން އަރައިގަތުމަށް ކުރެވިދާނެކަންކަމުގެ ލަފާ މެމްބަރު ގައުމުތަކާއި ހިއްސާކުރެއްވުމަށް އދގެ ސެކްރެޓަރީ ޖެނެރަލްއަށް ގޮވާލާ ޖޮއިންޓް ޕޮޒިޝަންގައި ސޮއިކުރައްވާފަ އެވެ.

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީ އުފެދުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. އެ ޖަމާއަތަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެދާއިރާއިން އދ. ގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ. މި ގްރޫޕްގައި 27 މެމްބަރު ގައުމު ހިމެނެ އެވެ.

comment ކޮމެންޓް