ބަހްރެއިންއާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުގެ އެއްބަސްވުމެއް

ރާއްޖެ އާއި ބަހްރެއިން އާއި ދެމެދު ވައިގެ ދަތުރުގެ އެއްބަސްވުމެއްގައި ސޮއި ކުރުން -- ފޮޓޯ: ޓްރާންސްޕޯޓް

ރާއްޖެއާއި ބަހްރެއިންއާ ދެމެދު ވައިގެ ދަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކެނެޑާގެ މޮންޓްރިއޯލްގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ)ގެ 40 ވަނަ އާންމު ޖަލްސާގެ ހަވާސާގައި ސޮއިކުރެވުނު މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއެވެ. ބަހްރެއިންގެ ފަރާތުން އެއްބިަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު ކަމާލް ބިން އަހުމަދު މުހައްމަދެވެ.

މި އެއްބަސްވުމަކީ ރާއްޖެއާއި ބަހްރެއިންއާ ދެމެދު ދަތުރުފަތުރު ފެށުމަށް މަގުފަހިކުރުމަށް 1995 ގައި ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ސޮއިކުރި އެއްބަސްވުމެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ބުންޏެވެ.

ރާއްޖެއާއި ބަހްރެއިންއާ ދެމެދު ވައިގެ ދަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު ބަހްރެއިންގެ ގައުމީ އެއާލައިނުން ދަނީ އަންނަ މަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފް އެއާގެ ދަތުރުތައް އަންނަ މަހުގެ 28 ގައި ފަށާއިރު ބަހްރެއިން-މާލެ-ކޮލަމްބޯ-މާލެ-ބަހްރެއިން ރޫޓުން ހަފްތާއަކު ހަ ފްލައިޓު ބާއްވާނެއެވެ.

ބަހްރެއިންއާއެކު ސޮއިކުރި އެއްބަސްވުމާއެކު ރާއްޖެއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ގާއިމްކޮށްފަައިވާ ގައުމުތަކުގެ އަދަދު 47 އަށް އެރީއެވެ. މިހާރު 21 ގައުމެއްގެ 29 އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރެއެވެ.

comment ކޮމެންޓް