ފުވައްމުލަކުން ފްލެޓު ލިބޭ މީހުންގެ ގުރުނެގުން މާދަމާ

ފުވައްމުލަކުގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތަކެއް--- ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓުގައި ނަން ހިމެނުނު މީހުންގެ މެދުގައި ގުރުއަތު ނެގުން މާދަމާ ބާއްވަން ނިންމައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ މާދަމާ ސިޓީކައުންސިލުގައި ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓްގެ ތެރެއިން، 120 ފްލެޓް ހާއްސަ ކުރެވިފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. އެ ފްލެޓްތަކަށް އެދި 138 ފަރާތަކުން ފޯމު ހުށަހެޅި އެވެ.

ޕްރޮގްރާމުގެ ދަށުން 20 ފްލެޓު ހާއްސަކޮށްފައި ވަނީ ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށެވެ. އެ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅައިފައި ވަނީ 15 ފަރާތަކުންނެވެ.

މި 200 ފްލެޓުގެ ތެރެއިން ބާކީ ހުރި 40 ފްލެޓަށް ކުރިމަތިލާން ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އިތުރު 200 ހައުސިން ޔުނިޓު އަޅާނެކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް