ސިލްކް ރޫޓުގައި ފުރަތަމަ ބައިވެރިވެވުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް: އަސްލަމް

ސެޕްޓެމްބަރ 25، 2019: ޗައިނާގެ 70ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާގެ ވިޔަފާރި ފުޅާކުރުމަށް ގާއިމުކުރާ މެރިޓައިމް ސިލްކުރޫޓަށް އެއްބާރުލުން ދިނުމަށް އެންމެ ފުރަތަމަ ސޮއިކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ދިވެހިން ފަހުރުވެރިވާ ކަމެއް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދީ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއަކަށް ޗައިނާ ވެގެން ގޮސްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރާއްޖެ-ޗައިނާ ގުޅުން ބިނާވެފައި ވަނީ ރާއްޖެއިން ގެންގުޅޭ "ވަން ޗައިނާ ޕޮލިސީ"ގެ މައްޗަށް ކަމަށެވެ.

"ޗައިނާގެ މެރިޓައިމް ސިލްކް ރޫޓުގައި އެންމެ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ރާއްޖެއިން ފަހުރުވެރިވާ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.

އަދި އޭގެ ފަހުން ރާއްޖޭގައި އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތައް ހިންގަން ޗައިނާއިން އެހީތެރިިކަން ފޯރުކޮށްދީފައިވާކަން އަސްލަމް ފާހަގަ ކުރެއްވި އެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމަށާއި ހައުސިން މަޝްރޫއުތަކަށް ޗައިނާއިން ފޯރުކޮށްދިން އެހީ މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ހަމަ އެއާއެކު ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއް ގައުމަކީ ޗައިނާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި ބޮޑު ދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ.

ޗައިނާއިން ރާއްޖޭގެ ތަރައްގީ އާއި އިގްތިސާދު ކުރިއެރުވުމުގައި އަދާކުރާ ރޯލަކީ މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިގަންނަ ކަމެއް ކަމަށާއި އެހެންކަމުން މި ސަރުކާރުގެ ވެސް އަމާޒަކީ ޗައިނާ އާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.

އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ޗައިނާ އާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި ޗައިނާއަކީ ލީޑަރެއްގެ އިތުރުން ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި މުހިންމު ބައިވެރިއެއްގެ ގޮތުގައި އަބަދުވެސް ބަލާނެ ކަމަށް މިނިސްޓަރު ރޭ ވިދާޅުވި އެވެ.

ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ނައިބު ރައީސް ފައިސަލް ނަސީމަށް ވަނީ ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވާ ކަމަށެވެ.

comment ކޮމެންޓް