ޝަމާލްގެ ތައުރީފް ފަޔާ ފައިޓަރުންނަށް

މާލޭގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާ: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާނަ ވެސް ވަނީ ގެއްލިފަ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި އަލިފާން ނިއްވަން އުޅުނު ފަޔާ ފައިޓަރުން ދެއްކި ހިތްވަރާއި އެ މީހުންގެ މަސައްކަތަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެެރަލް އަބްދުﷲ ޝަމާލު ތައުރީފު ކުރައްވައިފި އެވެ.

އަލިފާން ނިއްވުމުގައި އެމްއެންޑީއެފްއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޝަމާލް ވިދާޅުވީ އެ އޮޕަރޭޝަނާމެދު އެންމެ ބޮޑަށް ހިތްހަމަ ޖެހެނީ ސިފައިންގެ ފަޔާ ފައިޓަރުން އަލިފާން ނިއްވުމަށް ކުރި މަސައްކަތާ ދޭތެރޭ ކަަމަށެވެ.

"ފަޔާފައިޓަރުން އަޅުގަނޑު އެތާ ކައިރިން ބަަލަން ހުރިއިރު ފަހުން އެ ލެޑާ ކައިރިކޮށްގެން މަސައްކަތް ކުރީ ހަތަރު ވަނަ ބުރިއާ ތިންވަނަ ބުރީގެ ތިބި މީހުން އިވެކުއޭޓްކުރަން. އެގޮތުން އެންމެ ފުރަތަމައިނުންވެސް މަސައްކަތް ކުރެވުނު. މިދެންނެވި ދެ މައިން ސަލާމަތްކުރުމަށްޓަކައި ވިސްނުނީ ހަރުގަނޑު ކައިރިކޮށްގެންނޭ ނެރެވޭނީ. އެހެންނަމަވެސް ހަރުގަނޑު ކައިރިކޮށްގެންވެސް ލަސްވާތީއާއެކު އަޅުގަނޑަށް ފެނުނީ މަޑުނުކޮށް އަޅުގަނޑުމެންގެ ފަޔާފައިޓަރުން ބިލްޑިންގްއަސް ވަދެގެން ދިޔަތަން،" ޝަމާލް ވިދާޅުވި އެވެ.

އަލިފާނުގެ ތެރެއަށް އެގޮތަށް ވަތް ކޮންމެ ޓީމެއްވެސް 18 ވަރަަކަށް ފަހަރު އިމާރާތުގެ ތެރެއަށް ވަތް ކަމަށް ޝަމާލް ވިދާޅުވި އެވެ. އެގޮތުން އެ އިމާރާތުގެ ތެރެއަށް ކުޑަކުއްޖަކު ސަލާމަތްކުރުމަށް ވަތް ފަޔާ ފައިޓަރުވެސް ކުއްޖާ ނަގައިގެން ބޭރަށް ނުކުތުމާއެކު ވަގުތުން އަނބުރައިގަތްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ދެމައިން ނެރެންވެގެންވެސް ތިން ވަނަ ފްލޯގައި އަލިފާންގަނޑު ބޯކޮށް ސިޓިން ރޫމް ކުޑަދޮރާ ދިމާލުން ނުކުމެ އޮއްވާ ވެދެގެން ގޮސް އެމީހުން ސަލާމަތްކުރީވެސް. އެމީހުން ގައިގައި މާސްކާ އެއްޗެތި އަޅައިގެން ނެރުނީ،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ މީހުން ސަލާމަތްކުރުމަށް އެތެރެއަށް ވެދެގެން އުޅުނުއިރު އޭސީތަކާއި އަދި ދޮރުތަކުގައި އަލިފާން ރޯވެގެން ވެއްޓެމުން ދިޔަ ކަަމަށެވެ.

ޝަމާލް ވަނީ އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އާންމުން ވެދިން އެހީއަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މާލޭގައި އިމާރާތްތައް ކުރުމާއި އެހެން ވެސް ކަންކަން ކުރުމުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތަކަށް ތަބައާވުމަށް އެންމެހާ ފަރާތްތަކަށް ޗީފް އޮފް ޑިފެންސްފޯސް ގޮވާލެއްވި އެވެ.

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ވަނީ ފިހުމުގެ ސަބަބުން ނިޔާވެސްވެފަ އެވެ.

comment ކޮމެންޓް