ލިވިންގް ބްރޯކް އިން މާލެ: އެއްޗެހި ދޮންނަން އެހީއެއް!

އެއްޗެހި ދޮންނަން ބޭނުންކުރާ ބައެއް ސާމާނު--- ފޮޓޯ: ފަޔާޒް މޫސާ/ސަންއޮންލައިން

ރަނގަޅު ފެންވަރެއްގެ ޑިޓާޖަންޓް ފުޅިއެއްނަމަ އެހާމެ އަގުވެސް ރީއްޗެވެ. ދެން އެއާއި އެކު މީރުވަސް ދުވާ ސޮފްނާއެއްވެސް ބޭނުންވެ އެވެ. އެހާމެ އަގުބޮޑުކޮށް ގަނެގެން ތިންފަހަރު ރަނގަޅަށް ދޮވެލާއިރަށް އެ ފުޅިތައް ހުސްވެ އެވެ. ދެން ގަންނަން ޖެހެނީ ބޮޑު ފުޅިތަކެވެ. އެެއިން ފުޅިއެއް ގަނެފިނަމަ ބަހައްޓާނެ ޖާގައެއްވެސް ނުހުރެ އެވެ. ސަލާމަތެއް ނެތްތާ އެވެ. އަދި މި ނިމުނީކީއެއް ނޫނެވެ. އެއްޗެހި ދޮވެވިދާނެ އެވެ. ނަމަވެސް ހިއްކަން ބަހައްޓާނޭ ޖާގަ އެވަރަށް އެބަހުރި ހެއްޔެވެ؟ އަވިދެނީވެސް ނަސީބުހުރި ގެއެއްގަ އެވެ. ދެން ހުރިގެތަކުގެ ހާލަކީ ކޮބައިހެއްޔެވެ؟ ކޮންމެއަކަސް މި ޝަކުވާތަކަކަށް ނިމުމެއް ނެތެވެ.

މި ހަފްތާގެ "ލިވިން ބްރޯކް އިން މާލޭ"ގެ އެޕިސޯޑުގައި މިއޮތީ ވީޑިއޯއެއް ނޫނެވެ. ފޮޓޯއިން މި މަރުހަަބާ ކިޔަނީ "ބްރޯކްއޭސްއެމްވީ"ގެ ލޯންޑްރީ ޑިޕާޓްމަންޓަށެވެ. މިއީ އޭނާ އެއްޗެހި ދޮންނަން އަދި އިސްތިރިކުރުމަށް ބޭނުންކުރާ ބައެއް ސާމާނެވެ. ބޭނުމަކީ ފަސޭހައިން އަދި ރަނގަޅަށް އަގުހެޔޮކޮށް މިކަން ކުރަން އެހީއެއް ވުމެވެ.

ޓޮޕް ބްރޭންޑްގެ ލިކުއިޑް ޑިޓާޖެންޓް-- ފޮޓޯ:ފަޔާޒް މޫސާ/ސަން

1. ޓޮޕް ބްރޭންޑްގެ ލިކުއިޑް ޑިޓާޖެންޓް

މިއީ އާންމުކޮށް ދޮންނަންޖެހޭ ހުރިހާ އެއްޗެއް (ހުދު ކުލައިގެ އެއްޗެހި ފިޔަވާ) ދޮންނަން ބޭނުންކުރާ ޑިޓާޖެންޓް ނުވަތަ "އޯމޯ" އެވެ. ހަރަދު ކުޑަކޮށް އަދި ޖާގަވެސް ސަލާމަތްކުރުމުގެ ގޮތުން ބްރޯކްއޭސްއެމްވީ އިން މި ބްރޭންޑްގެ ފުޅި ގަތުމުގެ ބަދަލުގައި ގަންނަނީ ޕެކެޓެވެ. އަދި އެ ޕެކެޓް އަޅަނީ އޭރިއަލް ފުޅިއަކަށެވެ. ސަބަބަކީ އޭރިއަލް ފުޅި ހުންނަނީ ތަންކޮޅެއް ހިމަކޮށްކަމުން އޭނާގެ ގޭގެ ޖާގައަށް ފިޓުވާތީ އެވެ.

ހުދުއެއްޗެހި ދޮވުމަށް ބޭނުންކުރާ ދޮންނަކުޑި/އޯމޯ

2. އޭރިއަލް އޯމޯ

ބްރޯކްއޭސްއެމްވީ އިން ބުނާގޮތުން އަގުހެޔޮ ތަފާތު އެތަށް ބްރޭންޑެއްގެ ޑިޓާޖެންޓް އޭނާ ވަނީ ތަޖުރިބާކޮށްފަ އެވެ. ނަމަވެސް އެންމެ ހިތްހަމަޖެހޭ ގޮތަށް ދޮވެވުނީ އޭރިއަލްގެ ދޮންނަކުނޑީންނެވެ. މިހާރަކަށް އައިސް އެހާ އާންމުކޮށް އޭރިއަލް ލިބެން ނުހުންނަކަން ފާހަގަކޮށް އޭނާ ބުނީ ގަންނައިރު ދެތިން ޕެކެޓު ގަނެ މިފަދަ ފުޅިއަކަށް އަޅާފައި އޭނާ ބަހައްޓަނީ އެވެ. އާންމުކޮށް އޭނާ މި ބޭނުންކުރަނީ ހުދުއެއްޗިއްސާއި ބެޑްޝީޓް ތަކަށެވެ.

ސޮފްނާ --ފޮޓޯ: ފަޔާޒް މޫސާ/ސަން 3. ކޮމްފޯޓް ބްރޭންޑްގެ ސޮފްނާ

އެއްޗެހި ދޮންނައިރު އާންމުކޮށް މީރުވަސް ދުއްވުމަށް ސޮފްނާ ބޭނުންކުރިއަސް، މިއީ ލޯންޑްރީއިން ބޭރުގައިވެސް އެތަށްކަމަކަށް ބޭނުންތެރިއެއްޗެކެވެ. މިގޮތުން ހާޑްވެއާ ސާމާނުގެ ލައް ފިމުވުމަށާއި ކުރީގެ ވޯލްޕޭޕަރު ސާފުކުރުމަށްވެސް މިއީ ބޭނުންތެރި އެއްޗެކެވެ. ބައެއް ވައްތަރުތަކުގެ ފޮތީގައި ސޮފްނާ ބޭނުންކުރުން އެހާ އެދެވިގެނެއް ނުވެ އެވެ. އޭގެ ތެރޭގައި ތުވާލި ހިމެނެ އެވެ. ބްރޯކްއޭސްއެމްވީއިން ސޮފްނާވެސް ބޭނުންކުރަނީ މިކަހަލަ ބިއްލޫރި ފުޅިއެއްގަ އެވެ. އަދި ބޭރުގައި ލޭބަލްއެއް ހަރުކޮށްލަންވެސް ވާނެ އެވެ.

ހެދުމުަގައި ޖެހޭ އެކިކަހަލަ ލައްތައް ފިލުވުމަށް ބޭނުންކުރާ ތަކެތި 4. އެކިކަހަލަ ލައްތައް ފިލުވުމަށް ބޭނުންކުރާ ބައެއް ސާމާނު

މި ފޮޓޯގައި މި ފެންނަނީ ވައިޓް ވިނެގާ އާއި، ވެނިޝް ސްޓެއިން ރިމޫވާ އަދި އެސެންސް ސްޓެއިން ރިމޫވާ އެވެ. މި ތަކެއްޗަކީ ހެދުންތައް ނުވަތަަ ބެޑްޝީޓްގައި ޖެހޭ ނަމަވެސް ފިލުވަން އުދަނގޫ ލައްތައް ފިލުވުމަށް ބޭނުންކުރާ ތަކެއްޗެވެ. ހާއްސަކޮށް ފިރިމީހާގެ ހުދު ގަމީސްތަކާއި ބެޑްޝީޓްތަކުގެ މިފަދަ ސްޓެއިން އެއް ޖެހިއްޖެނަމަ އެސެންސް ނުވަތަ ވެނިޝް ސްޓެއިން ރިމޫވާ އެތަނެއްގައި ހޭކުމަށްފަހު މެޝިނުން ދޮވެލަނީ އެވެ.

ރަޕީކާ : އިސްތިރި ކުރާއިރު ބޭނުންކުރާ އެއްޗެއް

5. ރަޕީކާ: އިސްތިރިކުރާއިރު ރޫ ފިލުވުމަށް ހާއްސަ އެއްޗެއް

އެއްޗެހި ދޮވެ ހިއްކާ ދެންއޮތީ އިސްތިރިކުރުމެވެ. އިސްތިރިކުރާއިރު ރޫތަށް ފިލުވުމަށާއި ގިރުވާން ފަދަ ތަންތަނާއި އިސްތިރިކުރަން އުނދަގޫ ފަތިތައް ރީތިކޮށް ގިނައިރު ބަހައްޓަން ބޭނުންކުރާ އެއްޗެކެވެ. ގައިމުވެސް ގިނައިރު އިސްތިރި ކުރަންޖެހޭ ފަރާތްތަކުގެ މަސައްކަތް ލުއިކޮށްދޭނެ އެވެ.

މިއީ ބްރޯކްއޭސްއެމްވީ ދޮވެ އިސްތިރިކުރުމަށް ބޭނުންކުރާ ތަކެއްޗެވެ. މި ނޫނަސް ކުޑަކުއްޖެއް ހުންނަނަނަމަ އޭނާއަށް ހާއްސަ ޑިޓާޖެންޓްތަކެއް ބޭނުންކުރެވިދާނެ އެވެ. މަހެއްގެ މައްޗަށް އެންމެ ގިނަވެގެންވެސް -/150 ރުފިޔާއަށްވުރެ ގިނައިން ހޭދަކުރާކަށް ނުޖެހެ އެވެ.

މި އާޓިކަލްގައި ފެންނަން މިހުރި އެއްވެސް ބާވަތަކީ ސްޕޮންސާ ކޮށްފައިވޭ ބްރޭންޑެއް ނޫނެވެ. އެކިމީހުންގެ ޓޭސްޓް ތަފާތުވާހެން ކަމުދާ ޑިޓާޖެންޓާއި އެހެނިހެން ތަކެތީގެ ބްރޭންޑުތައްވެސް ތަފާތުވާނެކަން ގަބޫލު ކުރަމެވެ.

comment ކޮމެންޓް