ފިނޭންސްގެ އިމާރާތުގެ މަޝްރޫއުގައި އެއްބަސްނުވެވޭ ކަންކަން ހުރުމުން މަޝްވަރާއަށް

ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ ޑިޒައިން -- ސަން ފައިލް ފޮޓޯ

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއުގެ މައްސަލައިގައި ކޮންޓްރެކްޓަރު އާބިޓްރޭޝަނަށް ދިޔައިރުވެސް އެ އެއްބަސްވުމާ މެދު "އެއްބަސްނުވެވޭ" ކަންކަން ހުރުމުން އެފަރާތާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް ކޮންޕްލެސް އިމާރާތެއް އެޅުމަށް މެލޭޝިއާގެ، ވީޒެޑްއާރު ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގުރޫޕާ ހަވާލުކުރީ، 2016 ވަނަ އަހަރުގެ މާޗު މަހު އެވެ. އަދި އޭގެ ފަހުން އެ މަޝްރޫއުގެ އެގްރިމަންޓްގައި އެޗްޑީސީއާއެކު ސޮއި ކުރީ، 123 މިލިއަން ރުފިޔާއަށް 2017 ވަނަ އަހަރު މާޗު މަހު އެވެ.

އެ ކުންފުންޏާ ހަވާލާދީ މެލޭޝިއާގެ ނޫހެއް ކަަމަށްވާ، މެލޭ މެއިލް އިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ކުންފުނިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ސަރުކާރުން ފައިސާ ދެމުން ނުދިޔުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުން ނުދާތީ، ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހޯދުމަށް ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު "ސަން" އަށް މިއަދު ވިދާޅުވީ، އެ މަޝްރޫރު ކުރިއަށް ނުގެންދަން ނުނިންމާ ކަމަށާއި ނަމަވެސް "އެއްބަސް ނުވެވޭ ކަންތަތައްކެއް ހުރުުމުން އެ ކުންފުންޏާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"މަޝްރޫ ހުއްޓުވާލާފައެއް ނޫން އޮތީ. ނަމަވެސް މިވަގުތު އެއްބަސް ނުވެވޭ ކަންތައްތަކެއް ހުރުމުން، އަދިވެސް ނެގޯޝިއޭޓް ކުރަމުން މިދަނީ،" ސުހައިލް ވިދާޅުވި އެވެ.

އެއްބަސް ނުވެވޭ ކަންތައްތަކެއް ހުރި ކަމަށް ސުހައިލް ވިދާޅުވި ނަމަވެސް އެއީ ކޮން ކަންކަމެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެެވެ. އިތުރު ތަފްސީލު ފަހުން ހާމަ ކުރައްވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

މެލޭ މެއިލްއަށް އެ ކުންފުނިން ބުނި ގޮތުގައި، އެ މަޝްރޫގެ 20 ޕަސެންޓް ނިމި، ޕައިލިން މަސައްކަތުގެ 60 ޕަސަންޓް ވަނީ ނިމިފަ އެވެ. ނަމަވެސް މިހާތަނަށް އައި އިރު، އެ މަސައްކަތުގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް ކުންފުނިން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށްވެސް އެތަށް ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައި ނުވާކަމަަށް ކުންފުނިން ބުނެ އެވެ. ކުންފުނިން ބުނީ، ސަރުކާރު އުޅެނީ މައްސަލައަށް އަޅާނުލައި ވަގުތު ހޯދުމަށް ކަމަށެވެ.

މި މައްސަލަ މިހާރު އާބިޓްރޭޭޝަނަށްލާފައިވާއިރު، މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ކުންފުނި ބުނިގޮތުގައި މި މަޝްރޫ ކުރިއަށް ނުގެންދިޔުމަށް ސަރުކާރުން ނިންމައިފި ނަމަ، އިތުރު 30-40 މިލިއަން ޑޮލަރު ހޯދުމަށް އިތުރު ދައުވާއެއް ކުރާނެ އެވެ.

އެ އިމާރާތް އެންމެ ފުރަތަމަ އަޅަން ނިންމީ ފިނޭންސް މިިނިސްޓްރީ މިހާރު ހުރިތަނާ އިންވެގެން އޮންނަ ހުސްބިމުގަ އެވެ. އެކަމަށްޓަކައި ބިން ސާފުކޮށް އިމާރާތް އަޅަން ތައްޔާރުވުމަށް ފަހު، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އިމާރާތް މާލޭގައި ނާޅައި ހުޅުމާލޭގައި އަޅައި ގޮތަށް ނިންމި އެވެ.

comment ކޮމެންޓް