އިސްލާމިކް ބޭންކްގެ ހުރިހާ ހިއްސާއެއް ވިކިއްޖެ

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް --- ސަން ފޮޓޯ

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހިއްސާ ގަތުމަށް ހުޅުވާލުމާއެކު ހުރިހާ ހިއްސާއެއް ވިކި ހުސްވެއްޖެއެވެ.

އެމްއައިބީން ހިއްސާ ވިއްކަން ފެށީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ހިއްސާ ވިއްކުން ނިންމާލައިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

އިސްލާމިކް ބޭންކްގެ މާކެޓިން އޮފިސަރު އަހުސަން ޖަމީލް "ސަން" މިރޭ ވިދާޅުވީ އިސްލާމިކް ބޭންކުން ހިއްސާ ވިއްކަން ހުޅުވާލުމާއެކު ވަރަށް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން 6.9 މިލިއަން ހިއްސާ ވިކުނުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހުސަން ވިދާޅުވީ 6.9 މިލިއަން ހިއްސާ ވިއްކަން ހުޅުވާލި ނަމަވެސް އެއަދަށްވުރެ އިތުރަށް ހިއްސާ ގަތުމަށް ހުށަހެޅި ކަމަށެވެ.

އެހެންކަމުން ހިއްސާ ވިއްކާނެ އުސޫލު އެމްއައިބީގެ ބޭންކުން މިހާރު ނިންމާ އުސޫލު މޯލްޑިވްސް ސެކިއުރިޓީ ޑެޕޮސޮޓަރީސްއަށް އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އޮކްޓޯބަރު މަހު ކުރީކޮޅު ހިއްސާތައް ޑިޕޮސިޓް ކުރެވޭވަރުވާނެ. އަދި ނޮވެމްބަރު މަހު ހިއްސާ ޓްރޭޑް ކުރެވޭވަރުވާނެ. ހިއްސާ ވިއްކުމުގައި ބޮޑަށް ބަލާނީ އާންމުރައްޔިތުންނަށް،" އަހުސަން ވިދާޅުވިއެވެ.

އެމްއައިބީގެ ހިއްސާ ގަންނަން ރާއްޖޭގެ ކުންފުނިތަކާއި އަދި ކައުންސިލްތަކުންވެސް ހުށަހެޅިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް