އުރުދުޣާންގެ ތަގުރީރު: އިސްރާއީލްގެ ޗާޓާއި އަލަން ކުރުދީގެ ފޮޓޯއާއެކު

އދ.ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ތުރުކީގެ ރައީސް ވަނީ އިސްރާއީލްގެ އިން ވަކި ކުރާ ބޯޑަރެއް މިހާރު އޮވޭތޯ ސުވާލު އުފައްދަވާ -- ފޮޓޯ: ރޮއިޓާސް

އދ. (ސެޕްޓެމްބަރު 25): ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އދގެ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށާއި ސީރިއާގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހެމުންދާ މީހުންގެ ހާލަތަށް އަލިއަޅުވާލައްވައިފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ 74 ވަނަ އާންމު މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް އިތުރުވެފައިވާ މިންވަރު، ޗާޓަކުން ދައްކަވާފައެވެ. އަދި އިސްރާއީލްގެ އިންތައް ވަކިކުރާ ބޯޑަރެއް މިހާރު އޮވޭތޯ ސުވާލު އުފެއްދެވިއެވެ.

"ކޮބާ އިސްރާއީލް ދައުލަތުގެ ބޯޑަރަކީ؟ އެއީ 1948ގެ ބޯޑަރުތޯ ނުވަތަ 1967ގެ ބޯޑަރުތޯ ނުވަތަ އެހެން ބޯޑަރެއް އޮވޭތޯ؟،" އިސްރާއީލްގެ ޗާޓެއް ހިއްޕަވައިގެން ހުންނަވައި، އުރުދުޣާން އެއްސެވިއެވެ.

އިސްރާއީލުން 1948 ވަނަ އަހަރު މިނިވަންކަން އިއުލާން ކުރުމުން، އަރަބި ގައުމުތަކުން އެގައުމާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރޭގައި އިސްރާއިލުން ފަލަސްތީނުގެ ބިމުގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިފިއެވެ. އަދި އޭގެ ފަހުން 1967ގައި އެގައުމާއި އަރަބި ގައުމުތަކާ ދެމެދު އަނެއްކާވެސް ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ ހިފިއެވެ.

އދ.ގެ އާއްމު މަޖިލީހުގައި ތުރުކީގެ ރައީސް ދެއްވި ތަގުރީރުގައި ވަނީ އެގައުމުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނުނު އަލަން ކުރުދީގެ ފޮޓޯއެއް ދައްކާލާފަ -- ފޮޓޯ: ރޮއިޓާސް

އުރުދުޣާންގެ ތަގުރީރުގައި ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ ދުނިޔެއިން ބޭއިންސާފު އެންމެ ބޮޑަށް ފެނިގެންދާ އެއް ސަރަހައްދު ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އުރުދުޣާން ވަނީ ސީރިއާގެ އަށް އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ހަނގުރާމައާއި ބަނޑުހައިހޫނުކަމުން ސަލާމަތްވެ، ތުރުކީން ހިމާޔަތް ހޯދުމަށް އެގައުމަށް ގޮސްފައިވާ މީހުންގެ އަދަދު މިހާރު ފަސް މިލިއަނަށް އަރާ ކަމަށާއި އޭގެ ތެރޭގައި ސީރިއާގެ ތިން މިލިއަނަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މެޑިޓެރޭނިއަން ކަނޑު ހުރަސް ކުރަނިކޮށް ޣަރަގުވެގެން މަރުވި ނުވަ އަހަރުގެ އަލަން ކުރުދީގެ ފޮޓޯއެއް ދައްކާލަމުން އުރުދުޣާން ވިދާޅުވީ އަލަން ފަދަ ކުދިން ދުނިޔޭގެ ހަނދާނުން ފޮހެވިގެން ދަނީ މާ އަވަހަށް ކަމަށެވެ. ނަމަވެސް ތުރުކީން އެގޮތަށް އަމަލު ނުކުރާނެކަމަށާއި، މިއަހަރުގެ ފުރަތަމަ އަށް މަސް ތެރޭ އެކަނިވެސް ތުރުކީ ކައިރިން 32،000 ހިޖުރަވެރިން އެގައުމުން ސަލާމަތްކުރިކަމަށް ވިދާޅުވިއެވެ.

ދެހާސް ފަނަރަވަނަ އަހަރު، ސީރިއާގެ އަލަން ކުރުދީގެ ހަށިގަނޑު ތުރުކީގެ ގޮނޑުދޮށަށް ލައްގާފައި އޮތް މަންޒަރު ފެންނަ ފޮޓޯއަށް ދުނިޔޭގެ ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. ސީރިއާގެ ހަނގުރާމައިން ސަލާމަތްވުމަށް ތުރުކީއަށް ގޮސް، އެގައުމުން ގްރީސްއަށް ދާން އަލަންގެ އާއިލާއިން ކުރި ދަތުރުގައި އެއާއިލާގެ ތިން މެމްބަރުން މަރުވިއެވެ. އެއީ އަލަންއާއި ހަތަރު އަހަރުގެ ގާލިބުއާއި ދެ ކުދިންގެ މަންމަ ރިހާނާއެވެ. އެކުދިންގެ ބައްޕަ އަބްދުﷲ އެ ހާދިސާގައި ސަލާމަތްވިއެވެ.

comment ކޮމެންޓް