އެކައުންޓަށް ވަނީ އެ ފައިސާތޯ މިފައިސާތޯ ވަކި ނުކުރެވޭނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ --

އެމަނިކުފާނުގެ އެކައުންޓަށް ވަނީ އެސްއޯއެފްގެ ސައްހަ ފައިސާތަކެއް ކަމެއް ނުވަތަ އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ދައުލަތުގެ ފައިސާއެއް ކަމެއް ޕްރޮސެކިއުޓާ ޖެނެރަލްއަށް ވަކި ނުކުރެވޭ ކަމަށާއި، ވަކި ނުވެސް ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ އެމްއައިބީ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށެވެ. އަދި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލުކުރުމަށްފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރި ކަމަށް ދައުވާގައި ވެއެވެ. ދައުވާގެ ސީޣާގައި އިތުރަށް ބުނެފައި ވަނީ ޔާމީންގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭސީސީއާއި ޔާމީނާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަކަށް ޔާމީންގެ ޑޮލަރު އެކައުންޓަށް ވަތް އެއް މިލިއަން ޑޮލަރު ނޫން އެހެން ފައިސާއެއް ޖަމާ ކުރުމަށް ފަހު އެއީ ޑޮލަރު އެކައުންޓަށް ވަތް ފައިސާ ކަމަށް ދައްކައި އޮޅުވާލާފައިވާ ކަމަށެވެ.

މިއަދު ހަމަޖެހިފައި އޮތީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ޝަފަވީ ހެކިވެރިޔާ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ހެކިބަސް ނެގުމާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ތަހުގީގަށް ދިން ބަޔާނުގެ ވީޑިއޯ ޝަރީއަތުން ބެލުމާ މެދު ގޮތެއް ނިންމުމާއި، ދެ ފަރާތުން ހުށަހެޅި ކިތާބީ ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. ހެކިބަސް ދިނުމަށް އުޒުރުވެރިވެވަޑައިގެން ޑރ. އަޒީމާ ކޯޓަށް ސިޓީ ހުށަހަަޅުއްވާފައި ވުމުން، ގާޒީ ނިންމެވީ އޭނާގެ ހެކިބަސް ނުނެގުމަށެވެ. އަދި ޝަރީއަތަށް ފަހު ހަަސަން ލުތުފީ ދެއްވި ބަޔާނުގެ ވީޑިއޯ ބައްލަވަން ގާޒީ ނިންމެވި އެވެ.

ރައީސް ޔާމީންގެ މައިގަނޑު ދިފާއުތައް

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކެވެ.

މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ 1،2،3

  • (1) ވަކި މުދަލަކީ ޣައިރު ގާނޫނީ އަމަލަކުން ހޯދާފައިވާ މުދަލެއްކަން ސިއްރު ކުރުމުގެ ނުވަތަ އޮޅުވާލުމުގެ މަގުސަދުގައި، ނުވަތަ މަނީ ލޯންޑަރިންގެ ކުށެއް ކުށާ ގުޅިފައިވާ ކުށެއް ކުރުމުގައި ބައިވެރިވި ފަރާތްތަކަށް ހައްގުވާ އަދަަބުން އެ ފަރާތެއް މިންޖުކޮށްދިނުމަށްޓަކައި، އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައި ހުރި މުދަލެއްކަން އެނގި ހުރެ، ނުވަަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި އެއްވެސް ފަރާތަކުން އެ މުދަލެއް ބަދަލު ކުުރުން ނުވަތަ ނުވަތަ އެ މުދަލަށް ބަދަލެއް ގެނައުމަށް ނުވަތަ
  • (2) ވަކި މުދަލަކީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި، އެއްވެސް ފަރާތަކުން އެ މުދަލުގެ އަސްލު، ނުވަތަ އެ މުދަލެއް ލިބުނު ގޮތް ނުވަތަ އެ މުދަލެއް ހުރިތަން، ނުވަތަ އެ މުދަލެއް ބަދަލުކުރެވޭ ފަރާތެއް، ނުވަތަ އެ މުދަލެއް ގެންދެވޭ ތަނެއް، ނުވަތަ އެ މުދަލެއްގެ ވެރިފަރާތް، ނުވަތަ އެ މުދަލާ ގުޅޭގޮތުން އެއްވެސް ފަރާާތަކަށް ލިބިދޭ ހައްގެއް ސިއްރު ކުރަން ނުވަތަ އޮޅުވާލުމަށް، ނުވަތަ
  • (3) ވަކި މުދަލަކީ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއްކަން އެނގިހުރެ، ނުވަަތަ އެ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ޝައްކު ކުރެވޭ ހާލަތުގައި،އެއްވެސް ފަރާތަކުން އެ މުދަލެއް ހޯދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަަތަ ބޭނުންކުރުން

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުން މި ނަންބަރުތަކުގައި ބުނާ ކުށާއި ރައީސް ޔާމީން ކުރި އަމަލުތަކާ ވަނީ ގުޅުވައިފައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ކިތާބީ ހެއްކަށް ޖަވާބު ދެއްވަމުން ދިފާއީ ވަކީލުން ވަނީ ރައީސް ޔާމީންގެ ދިފާއުގައި ގިނަ ކަންތައްތަކެއް ހުށަހަޅާފައެވެ. ވަކީލުން ދިފާއުތައް ބިނާ ކުރެއްވީ ދައުލަތުން ހުށަހެޅި ހެކިވެރިން ދެއްކި ވާހަކަތަށާއި ދައުލަތުގެ ކިތާބީ ހެއްކަށާއި، ދިފާއުން ހުށަހެޅި ކިތާބީ ހެއްކާ ގުޅުވައިގެންނެވެ.

  • ދައުވާ ސާބިތު ކުރުމަށް، ކުށުގެ ނިޔަތާއި އަމަލު ސާބިތުކޮށްދޭން ޖެހޭ އިރު މަނީ ލޯންޑަރިންގެ އަމަލެއްގެ ގޮތުގައި ރައީސް ޔާމީން ކުރެއްވީ ކޮން އަމަލެއް ކަމެއް ދައުލަތަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާކަމަށާއި، ކުށް ކުރުމުގެ ނިޔަތުގައި ކުރީ ކޮން ކަމެއްކަންވެސް ދައުލަތަށް ގާއިމް ނުކުރެވޭ ކަމަށް ވަކީލުން ވިދާޅުވި.
  • ރައީސް ޔާމީންގެ އެކައުންޓަށް ވަތް ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނަމަ ދައުލަތަށް އެ ފައިސާ ދިނުމަށް، އެސްކްރޯ އެކައުންޓު ހެދުމަށް އެމަނިކުފާނު އިސްނެގިކަން ވަކީލުން ފާހަގަކުރެއްވި. އެކަމުންވެސް އެނގެނީ އެމަނިކުފާނުގެ ނިޔަތް ރަނގަޅުކަންކަމަށް ވަކީލުން ވިދާޅުވި.
  • ރައީސް ޔާމީންގެ އެކައުންޓަށް ވަތް ފައިސާއަކީ ޣައިރުގާނޫނީ އަަމަލަކުން ހޯދާފައިވާ ފައިސާއެއްކަން، އަދި އެކަން އެނގިހުރެ އެ ފައިސާ ސިއްރު ކުރިކަން، ނުވަތަ އޮޅުވާލުުމުގެ މަގުސަދެއް އޮތްކަން ދައުލަތަށް ސާބިތުކޮށްދޭން ޖެހޭ އިރު ދައުލަތަށް އެކަންތައް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވަކީލުން ވިދާޅުވި.
  • 10 މިލިއަން ޑޮލަރު އެސްއޯއެފްއަށް ދޭން އެމްއެމްޕީއާރްސީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަކާ ހަވާލާދެއްވައި ވަކީލުން ވިދާޅުވީ އެ ނިންމުމުން އެނގެނީ އެސްއޯއެފްއާއި އެމްއެމްޕީއާރްސީއާ ދެމެދު ސައްހަ މުއާމަލާތްތައް ކުރެވިފައިވާކަމަށް. އަދި އެސްއޯއެފްއަށް ވަން ފައިސާއަކީ ޣައިރު ގާނޫނީ ފައިސާއެއް ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކަނޑަައަޅާފައި ނުވާކަން ފާހަގަކުރައްވައި، އެމްއެމްޕީއާރްސީއިން އެސްއޯއެފްއަށް ޖަމާކުރާ ހުރިހާ ފައިސާއަކީ ޣައިރު ގާނޫނީ ފައިސާ ކަމަށް ބެލެވޭނެ ސަބަބެއްވެސް ދައުލަތަށް ދެއްކިފައި ނުވާކަމަށް ވަކީލުން ވިދާޅުވި.
  • ރައީސް ޔާމީންގެ އެކައުންޓަށް ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރުކަމަށް ދައުލަތުން ބުނާ އިރު، އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުގެ ކުރިންވެސް އެސްއޯއެފްގެ އެކައުންޓުގައި 800،000 ޑޮލަރު ހުރިކަން ދިފާއީ ވަކީލުން ފާހަގަކުރެއްވި. އެހެންކަމުން، ރައީސް ޔާމީންގެ އެކަައުންޓަށް ވަނީ ދައުވާގައި ބުނާ ގޮތަށް ކަނޑައެޅިގެން ވޮޑަމުލާގެ ފައިސާ ކަމެއްވެސް ދައުލަަތަށް ސާބިތުކޮށް ނުދެވޭނެ ކަމަށާއި ސާބިތުކޮށްދެވޭނެ ގޮތެއްވެސް ނޯންނާނެ ކަމަށް ވަކީލުން ވިދާޅުވި.
  • އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީއަތުގެ މަޖިލީހުގައި ނަގާފައިވާއިރު އެ ދެ މީހުންނަކީ ޖިނާއީ ބޮޑެތި ކުށްތައް ސާބިތުވެފައިވާ ބައެއް ކަމުން އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވަކީލުން ވިދާޅުވި

"ދައުވާ ކުރީ ސަރުކާރުން ބޭނުންވެގެންކަމަށް ލަފާ ކުރެވޭ"

އެމަނިކުފާނު ވިދާޅުވީ، އެއް މިލިއަން ޑޮލަރުގެ މައްސަލަ ބަލަން އޭސީސީއަށް "ހަތަރު ފަސް އަހަރު" ލިބުނު ކަމަށެވެ. އެެހެން ނަމަވެސް، ވަރަށް ފަހުން އެމްއެމްއޭގެ އެފްއައިޔޫއިން ނެރުނު އެސްޓީއާރުތަކެއްގެ މައްޗަށް ބިނާކޮަށް ތަހުގީގުކޮށް ދައުވާ ކޮށްފައިވާއިރު އެއީ ސަރުކާރުން ބޭނުންވެގެން ކުރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ވަރަށް ފަހުން، ވަރަށް ފަހުން ޕޮލިސްގެ ބޭނުމަށް އެމްއެމްއޭއިން މިހިރީ އެސްޓީއާރުތަކެއް ނެރެދީފައި. ތާރީހުތައް އެހެރީ ފެންނަން. މި މުއާމަލާތް ހިނގި އިރު އެސްޓީއާރުއެއް ނެތް ނުކުމެފައެއް. ވަރަށް ފަހުން ނުކުމެފައި ހުރި އެސްޓީއާރުތަކެއް މިއީ. އެހެންވީމަ މި ދަންނަވަނީ މިއީ ސަރުކާރުގެ ފަރާތުން ބޭނުންވެގެން ކުރެވޭ ދައުވާއެއް ކަމަށް އަޅުގަނޑަށް ލަފާ ކުރެވެއޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެސްއޯއެފްއިން އެމަނިިކުފާނުގެ އެކައުންޓަށް ފައިސާ ޖަމާވި އިރު، އެސްއޯއެފްގެ އެކައުންޓުގައި 800،000 ޑޮލަރު ހުރުމުން، އެމަނިކުފާނުގެ އެކައުންޓަށް ވަނީ އެތަނުން ކޮން ފައިސާއެއްކަން ދައުލަތަށް ބުނެނުދެވޭ ކަމަށެވެ. އަދި ބުނެދެވޭނެ ގޮތެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ ދައުލަތަކަށް ސާބިތެއް ނުކުރެވޭ، އަދި ނުވެސްކޮށްދެވޭނެ، އެއީ މި ފައިސާތޯ އެ ފައިސާތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދު ރައީސް ޔާމީންގެ ވަކީލުން އެމަނިކުފާނުގެ ދިފާއުގައި ދެ ގަޑިއިރެއްހާއިރު ވާހަކަފުޅު ދެއްކިއެވެ. ދަައުލަތުން ސާބިތުކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް ސާބިތުކޮށް ނުދޭކަމަށް ވަކީލުން ވިދާޅުވިއެވެ. ވަކީލުން ވާހަކަފުޅު ނިމުމުން، ރައީސް ޔާމީން އަމިއްލަފުޅަށްވެސް އެމަނިކުފާނުގެ ދިފާއުގައި ކުރުކޮށް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކައިގައި ވަކީލުން ދެއްކެވި ބައެއް ވާހަކަތައް ތަކުރާރުވެސް ކުރެއްވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވީ އެސްއޯއެފްއާއި އެމްއެމްޕީއާރްސީއާ ދެމެދު ކުރި ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކަކީ ޣައިރު ގާނޫނީ މުއާމަލާތްތަކެއްކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާފައި ނުވާ ކަމަށެވެ. އަދި އެ ދެ ކުންފުނީގެ ހުރިހާ މުއާމަލާތްތަކަކީ ޣައިރު ގާނޫނީ މުއާމަލާތްތަކެއް ކަމަށް ވާނަަމަ ކަމާ ބެހޭ ފަރާތްތަކުން އެ ދެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި ފްރީޒްނުކުރުމުގެ ސަބަބުން ފަރުދަކަށް ގެއްލުމެއް ލިބިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ގަސްދުގައި ފައިސާ ފޮރުވަން އުޅުނުކަމަށް ދައުލަތުން ތުހުމަތުކުރާ އިރު، އެކައުންޓަށް ޖަމާވި ފައިސާ ޓްރާންސްފާކުރީވެސް އެއް ބޭންކެއްގައި ހުރި އެކަނިކުފާނުގެ އެކައުންޓުތަކުގެ ތެރޭގައި ކަަމަށެވެ.

"ދައުލަތުން މި ބުނަނީ ރައީސް ޔާމީނަށް އެނގިހުރެ، އެސްއޯއެފްގެ ލާރި ރައީސް ޔާމީނަށް އެނގި ހުރެ ނުބައި ނިޔަތެއް އޮވެގެން މި ލާރި ފޮރުވައިދޭން ނުވަތަ މި ލާރި ފޮރުވައިދޭން ކުރާ މަސައްކަތެއް ކަމަށެވެ. އަޅުގަނޑު ދަންނަވާލާނީ ލޯންޑާކުރުމުގެ ޑެނިނިޝަނަށް ބަލާ ކަމުގައި ވަންޏާ ގާނޫނުގައި އޮންނަ ގޮތަށްވެސް ބައިނަލްއަގުވާމީ ކޮންވެންޝަންތަކުގައި އޮންނަ ގޮތަށް ބެލިޔަސް މީގެ އަސްލު އޮޅޭ ގޮތަށް އެއްވެސް ކަމެއް ނުކުރޭ. އެ އެކައުންޓަށް ވަން ފައިސާ، އަދިވެސް އެހެރީ، އަޅުގަނޑުގެ އެކައުންޓުގައި އެމްއައިބީގައި ހަމަ ކުރީގައިވެސް ފައިސާ ވަތް ބޭންކުގައި. އެހެންވީމާ ފައިސާ ފޮރުވާކަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ކުރުމަށް އެމަނިކުފާނު އިސްނެންގެވި ކަމުންވެސް އެނގެނީ ގޯސް ނިޔަތެއް ނެތްކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެސްކްރޯ އެކައުންޓުގައި ފައިސާ ބަހައްޓައިދޭން އިސްނެގީ އަޅުގަނޑު. އެއީކީ އޭސީސީއިން އެއްގޮތަކަށްވެސް އެޅި ފިޔަވަޅެއް ނޫން. މި ފައިސާ ހޯދަން، ދައުލަތުން ގެއްލިގެން އުޅޭ ފައިސާއެއް ހޯދަން އޭސީސީއިން ކުރި މަސައްކަތެއް ނޯންނާނެ މިހާތަނަކަށް. މިތަނުގައި ހެކި އަދާ ކުރައްވަމުން މުއައްވިޒުވެސް ވަނީ އެހެން ވިދާޅުވެފައި އަދި ލުތުފީގެ ބަޔާނުގައިވެސް އެ ވާހަކަ ދައްކާފައިވޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ދެ ފަރާތުގެ ހެކިތައް ނަގާ ނިންމާލާފައެވެ. ދެން މައްސަލައިގައި އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އެއަށްފަހު އިތުރު ކަމެއް ނެތްނަމަ ހުކުމް ކުރާނެއެވެ.

comment ކޮމެންޓް