ފިނޭންސްގެ 25 ބުރީގެ އިމާރާތުގެ މައްސަލައިގައި ދައުލަތާ ދެކޮޅަށް ބޮޑު ދައުވާއެއް

ފިނޭންސްގެ 25 ބުރީގެ އޮފީސް އިމާރާތުގެ މޮޑެލްއެއް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތް ހަދަން ހަވާލުކުރި މެލޭޝިއާ ކުންފުނިން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ހޯދުމަށް ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ވީޒެޑްއާރު ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގުރޫޕުން އެ މައްސަލަ އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ އިއްޔެ އެވެ.

އެކުންފުންޏާ ހަވާޅާދީ، މެލޭޝީއާގެ ނޫހެއް ކަމަށްވާ މެލޭ މެއިލްއިން ބުނެފައިވާ ގޮތުގައި އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މި މަޝްރޫއަށް އެ ކުންފުނިން މިހާތަނަށް ކޮށްފައިވާ މަސައްކަތަށް ފައިސާ ނުލިބުމާއި ސަރުކާރު ބަދަލުވުމަށްފަހު، އާ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުން ނުވުމުން ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ފެބްރުއަރީ، 1، 2016 ގައި ބިޑަށް ހުޅުވާލައިގެން ކާމިޔާބު ކުރި އެ މަޝްރޫއުގެ އަގަކީ 123 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް ކޮންޕްލެކްސް އެޅުމަށް 2016 ވަނަ އަހަރު އެ ކުންފުންޏާ ހަވާލު ކުރި އެ މަޝްރޫގެ ދަށުން 20 ޕަސެންޓް ނިމި، ޕައިލިން މަސައްކަތުގެ 60 ޕަސަންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް މިހާތަނަށް އައި އިރު، އެ މަސައްކަތުގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާކަމަށް ކުންފުނިން ހުށަހެޅި މައްސަލައިގައި ބުންޏެވެ.

އެ އިމާރާތް އެންމެ ފުރަތަމަ އަޅަން ނިންމީ ފިނޭންސް މިިނިސްޓްރީ މިހާރު ހުރިތަނާ އިންވެގެން އޮންނަ ހުސްބިމުގައެވެ. އެކަމަށް ޓަކައި ބިން ސާފުކޮށް އިމާރާތް އަޅަން ތައްޔާރުވުމަށް ފަހު، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އިމާރާތް މާލޭގައި ނާޅައި ހުޅުމާލޭގައި އަޅައި ގޮތަށް ނިންމި އެވެ.

މެލޭ މެއިންއަށް އެ ކުންފުނިން ބުނީ، މި މައްސަލައާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށްވެސް އެތަށް ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް އެއްވެސް ސިޓީއަކަށް ޖަވާބު ލިބިފައި ނުވާކަމަށެވެ. ސަރުކާރު އުޅެނީ، މައްސަލައަށް އަޅާނުލައި ވަގުތު ހޯދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ކުންފުނި ބުނިގޮތުގައި މި މަޝްރޫ ކުރިއަށް ނުގެންދިޔުމަށް ސަރުކާރުން ނިންމައިފި ނަމަ، އިތުރު 30-40 މިލިއަން ޑޮލަރު ހޯދުމަށް ދައުވާ ކުރާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހި ސަފީރު، ވިސާމް އަލީ މެލޭ މެއިލްއަށް ވިދާޅުވެފައި ވަނީ، މި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އެކުންފުންޏާ ވާހަކަ ދައްކަމުން ދާ ކަމަށެވެ. މިކަމާ ގުޅިިގެން އިތުރަށް ކޮމެންޓް ކުރަން ވިސާމް އިއުތިރާޒް ކުރި ކަމަށް މެލޭ މެއިލްއިން ބުނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 32،500 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާ އެ އިމާރާތް ނިންމުމަށް ރައީސް ޔާމީންގެ ސަރުކާރުން ރާވާފައި އޮތީ، 36 މަސް ތިން އަހަރު ދުވަހުގެ ތެރޭގަ އެވެ.

ބަދަލު ހޯދުމަށް މެލޭޝިއާ ކުންފުންޏަކުން ދައުވާ ކުރަން ހުށަހެޅިއުރު، މީގެ ކުރިން ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަނެއްހާ ރުފިޔާއަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

https://sun.mv/12129

comment ކޮމެންޓް