ރައީސްގެ ހަރުކަށި ބަސްތަކެއް އިސްރާއީލަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހާފައި އިސްރާއީލުުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް މިހާރު އަރައިގަންނަމުން ދަނީ މީގެ ކުރިން އެކަން ކުރަމުން ގެންދިޔަ މިންވަރަށްވުރެ މާ ގޯސްކޮށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ އދގެ 74 ވަނަ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ރައީސް ވަނީ އދއިން ފަލަސްތީނުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާތާ އެތައް އަހަރެއް ފަހުން މިއަދުވެސް އެ މައްސަލަ އދގައި އެޖެންޑާ ކުރެވިފައިވާކަން ފާހަގަކުރައްވައިފައެވެ. އަދި މިއަދު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު އަމަލުކުރަމުން ދަނީ މީގެ ކުރިން އަމަލުނުކުރާހާ ހަރުކަށިކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދގެ ގަރާރުތަކަށް ގޮންޖަހައި، އަދި މީގެ ކަން ނުކުރާހާ ހަރުކަށިކޮށް ފަލަސްތީނުގެ ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކަށް އަރައިގަންނަމުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަށް ހައްލެއް ލިބޭނީ އިސްރާއީލާއި އަރަބި ދުނިޔޭގެ ގައުމުތަކާ މެދުު މަޝްވަރާކޮށް، އިސްރާއީލާއި ފަލަސްތީނު ވަކިވާ ގޮތަށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް އެއްބަސްވެވިގެން ކަމަށް ރާއްޖެއިން ގަބޫލު ކުރާ ކަމަށެވެ. އަދި އެ ނަތީޖާ ހާސިލު ކުރުމަށް މަސައްކަތްކޮށްދެއްވުމަށް އދއާއި އދގެ މެމްބަރު ގައުމުތަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އދގެ އާންމު މަޖިލީހުގައި -- ފޮޓޯ/ ރައީސް އޮފީސް

"1967ގައި އެއްބަސްވި ބޯޑަރުތަކާ އެއްގޮތަށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ދިވެހިރާއްޖޭގެ ނުގުޑާ އެއްބާރުލުން ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުމެ ލިބިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

މިރޭ ރައީސްގެ ތަގުރީރު ފެއްޓެވީ ދުނިޔެ ދާ މިސްރާބުން ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރައްވަމުންނެވެ. އެގޮތުން ސުލްހަ ގެއްލެމުންދާ ކަމާއި، ނަސްލީ ތަފާތު ކުރުމާއި، ސިޔާސީ ހައްދުފަނައަޅާ ދިޔުމާއި، ޓެރަރިޒަމާއި ދުނިޔޭގެ ހޫނުމިން އިތުރުވުމާއި، ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު އެންމެ ފަހުން އދގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާފައިވަނީ 2012 ވަނަ އަހަރުއެވެ. އޭރު ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަސް އަހަރުގައިވެސް އދގައި ރާއްޖޭގެ ފަރާތުން ތަގުރީރުކުރެއްވީ ރައީސްގެ މަންދޫބުންގެ ގޮތުގައި އެކިއެކި ބޭފުޅުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް ޑރ. ވަހީދާއި، ރައީސް ޔާމީން ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ މައުމޫނާއި ޑރ. މުހައްމަދު އާސިމްގެ އިތުރުން އެމެރިކާގައި ހުންނަވާ ދާއިމީ މަންދޫބުކަން ކުރެއްވި ޑރ. އަލީ ނަސީރު މުހައްމަދެވެ.

comment ކޮމެންޓް