ރާއްޖޭގެ ތިން ސިޓީގައިވެސް ބުރާސްފަތި ދުވަހު މޫސުމާ ބެހޭ ހަޅުތާލު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އާދީއްޔަ ދުވަހު ކުރި މުޒާހަރާ --

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ކްލައިމެޓް ސްޓްރައިކް ނުވަތަ މޫސުމާ ބެހޭ ހަޅުތާލު ބުރާސްފަތި ދުވަހު ރާއްޖޭގެ ތިން ސިޓީގައިވެސް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި މަހުގެ 20 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށް ސްކޫލު ކުދިން އިސްވެ ބާއްވާ ކްލައިމެޓް ސްޓްރައިކުގެ އެންމެ ބޮޑު އިވެންޓު ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. ހުކުރު ދުވަހަކީ ބަންދު ދުވަހަކަށް ވުމުން ރާއްޖޭގައި ހަޅުތާލު ކުރަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ރާއްޖޭގައި ހަޅުތާލު އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ސޭވް މޯލްޑިވްސް މޫވްމެންޓުގެ ހުމޭދާ އަބްދުލްޣަފޫރު (ހުމޭ) މީގެ ކުރިން "ސަން"އަށް ބުނީ މާލޭގައި އެ ހަޅުތާލު ކުރިއަށް ދާނީ ބުރާސްފަތި ދުވަހު ވެލާނާގެ ކުރިމަތީގައި ކަމަށެވެ. ހަޅުތާލު ފަށާނީ ހެނދުނު 7:45ގައެވެ. ސޭވް މޯލްޑިވްސްގެ އެދުމަކީ ގިނަ އަދަދެއްގެ ދަރިވަރުންނާއި މަސައްކަތްތެރިން ހަޅުތާލުގައި ބައިވެރިވުމަށް އައުމެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ބުރާސްފަތި ދުވަހު ހަރަކާތްތައް ބާއްވާނެއެވެ. އެގޮތުން ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ހެނދުނު 6:45ގައި ހަޅުތާލު ބާއްވާނެއެވެ. އަދި ހުޅުމާލޭގެ ޒުވާނުން އިސް ނަގައިގެން ސާފު ކުރުމުގެ ހަރަކާތެއްވެސް ބާއްވަން ދަނީ ރާވަމުންނެވެ.

ބުރާސްފަތި ދުވަހު ފުވައްމުލަކުގައިވެސް ހަޅުތާލު ކުރިއަށްދާނެ އެވެ. ފުވައްމަލުކުގައި ހަޅުތާލު ރޭވުމުގައި އިސްކޮށް އިސްކޮށް އުޅުއްވާ އާދަމް އިޝާމް ވިދާޅުވި ގޮތުގައި އެ ރަށުގައި ހަޅުތާލު ކުރިއަށްދާނީ ހަވީރު 4:30ގައި ބޮޑު ފަންނު ބީޗު ސަރަހައްދުގައެވެ. އަދި ހަޅުތާލުގައި ރަށް ގިރުން އަދި ތުނޑި ސަރަހައްދު ޓޫރިޒަމަށް ދޫކުރުން ފަދަ ފުވައްމުލަކާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ހިޔާލު ފާޅު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ހަޅުތާލު ރާވާ ފަރާތްތަކުން މައުލޫމާތު ދިން ގޮތުގައި އެ ސިޓީގައި ހަޅުތާލު ކުރާނީ ސިޓީ ކައުންސިލުގެ ކުރިމަތީގައެވެ. އެ ސިޓީގައިވެސް ހަޅުތާލު ކުރާނީ ހެނދުނު 7:45ގައެވެ.

ރާއްޖޭގެ ތިން ސިޓީ ފިޔަވައި އެންމެ ގިނަ މީހުން އުޅޭ އެއް ރަށް ކަމަށްވާ ކުޅުދުއްފުށީގައި ކްލައިމެޓް ސްޓްރައިކްގެ ހަރަކާތެއްގެ ގޮތުގައި އަންނަ ހުކުރު ދުވަހު ގަސް އިންދުމުގެ ޕްރޮގްރާމެއް ބާއްވާނެއެވެ. އެ ހަރަކާތް ރޭވުމުގައި އިސްކޮށް އުޅުއްވާ އާދަމް އަބްދުﷲ ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ ވީހާވެސް ފުޅާކޮށް އެ ހަރަކާތް ބޭއްވުމަށް ކަމަށެވެ. އާދަމް އެދެނީ ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް އައުމަށެވެ.

މޫސުމާ ބެހޭ ހަޅުތާލު މި މަހުގެ 20 ވަނަ ދުވަހު ފަށައިގެން ކުރިއަށްދާއިރު ރާއްޖޭގައިވެސް މި ހަފްތާގެ ތެރޭގައި އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ކުޅުދުއްފުށި، އައްޑޫ ސިޓީ، އަދި މާލޭގައިވެސް އެއްވުންތަކެއް ބާއްވާފައިވެއެވެ. އެގޮތުން މާލޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި އެއްވެ ހަޅުތާލުކޮށްފައިވެއެވެ.

comment ކޮމެންޓް