މާލޭ ޖަލުގައި ގައިދީން ބޭތިއްބީ ކަނޑުގަދަވުމުން: ކަރެކްޝަންސް

މާލޭ ޖަލު ---

މޭލޭ ޖަލުގައި ގައިދީން ނުބޭތިއްބުމަށް އަންގާފައިވަނިކޮށް، ގައިދީން ބައިތިއްބާފައިވަނީ، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން އެ ގައިދީންނަށް ނުފުރުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) މިދިޔަ އެޕްރީލް މަހު ވަނީ، މާލޭ ޖަލުގެ ހާލަތު ހުރި ގޮތުން އެތަން ބަންދު ކުރުމަށް ކަރެކްޝަންސް އަށް އަންގާފައެވެ. އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެޕްރީލް މަހުގެ 15 ދުވަހުން ފެށިގެން އެ ޖަލު ބަންދު ކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން އެ ކޮމިޝަނަށް އެންގި ކަމަށެވެ. ނަމަވެސް އިއްޔެ އިއްޔެ އެ ކޮމިޝަނުން މާލޭ ޖަލަށް ޒިޔާރަތްކުރުމުން އެތަނުގައި 25 ގައިދީއަކާއި ބަންދު މީހެއް ބަންދު ކޮށްފައި ހުރިކަން ފާހަގަކުރެވުނު ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، އެކި ބޭނުންތަކަށް ކޮންމެ ދުވަހަކު 40 އަށްވުރެ ގިނަ ގައިދީން ރަށުން ބޭރު އެކި ޖަލުތަކުން މާލެ ގެންނަ ކަމަށެވެ. ނަމަވެސް އިއްޔެ ކަނޑުގަދަވުމުގެ ސަބަބުން ބައެެއް ގައިދީން ފުރުވާނުލެވުމުން ގައިދީން މާލޭ ޖަލުގައި ބޭއްތިބި ކަމަށެވެ.

"ކޮމިޝަންގެ އެންގުމާއެކު ޖަލު އަދިވެސް ހުރީ ބަންދުގައި ކޮށްފައި. އިއްޔެ އެއީ ކަނޑުގަދަވެގެން ފުރުވާނުލެވިފައި ތިބި ބައެއް. ކޮމިޝަޝަނުން އެބުނާގޮތަށް ގައިދީން ބަންދުކޮށްފައި ނުބައިތިނާނެ މިހާރު،" މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އިއްޔެ ވަނީ މާލޭ ސަރަހައްދަށް ޔެލޯ އެލާޓްވެސް ނެރެފައި. މިއަދު މޫސުން ރަނގަޅުވުމުން ގައިދީން ވަނީ ފުރުވާލާފައި،"

މީޑިއާ އޮފިޝަލް ވިދާޅުވީ، ކޮމިޝަނުން ކުރި ޒިޔާރަތުގައި ވެސް އެވާހަކަ ކޮމިޝަންގެ އޮފިޝަލުންނަށް ދެންނެވި ކަމަށާއި ކޮމިޝަނުން ބަޔާނުގައި އެފަދަ ދޮގު މައުލޫމަތު ރައްޔިތުންނަށް ދިނުމަކީ، ކަރެކްޝަންސް އިން ހިތާމަ ކުރާ ކަމެއް ކަމަށެވެ.

އެޗްއާރުސީއެމް މިއަދު ނެރުނު ބަޔާނުގައި އެކޮމިޝަނުން ވަނީ، ކޮމިޝަނަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން 48 ގަޑިއިރު ތެރޭ، މާލޭ ޖަލުން މީހުން ހުސްކުރަމަށްވެސް އަންގާފައެވެ.

މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި މިހާރު ޖަލުގައި އެއްވެސް ގައިދީއަކު ނުތިބޭނެ އެވެ.

https://sun.mv/124817

comment ކޮމެންޓް