ރިޔާސީ އިންތިހާބަށް އަހަރެއް: އުންމީދާއި ނާއުންމީދު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތެއްގެ ތެރެއިން --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލާން އެތައް ހާސް ދިވެހީން ކިޔޫ ދަމާލީ ބަދަލަކަށް ބޭނުންވެގެންނެވެ. ގަދަ އަވީގައި ފެނާއި ކޮއްތު ހިފައިގެން ކިޔުތަކުން ނުނިކުމެ މަޑުކޮށްލައިގެން ތިބީ ވޯޓު ކަރުދާހުން އެމީހުންގެ ބަސް ބުނެފައި ނޫނީ ގެއަށް ނުވަންނާށެވެ.

އިންތިހާބުގެ ވޯޓު ގުނައި ނިމުނު އިރު ދިވެހިންގެ ނިންމުން އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. ސެޕްޓެމްބަރު 24 ވަނަ ދުވަސް ވެގެން ދިޔައީ ގިނަ ދިވެހީންނަށް މުޅިން އައު ފެށުމަކަށެވެ. އެ ދުވަހުގެ އިރު އަރައިގެން އައި އިރު އުދަރެހުގައި ރަން ކުލައިން ފަވާލެވިގެން ދިޔައީ ފޮނި ހުވަފެންތަކެކެވެ. އިދިކޮޅު ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އެވެ. ގައުމުގެ ކުރިމަގާ މެދު އާ އުންމީދުތަކެއް ކުރެވެން ފެށީ އެވެ.

އޭގެ ފަހުން މިހާރު އެއް އަހަރު ވެފައި ވާއިރު، ދިވެހީން އެދުވަހު ކުރި އިހުސާސްތަކާއި، މިހާރު ކުރަމުން އަންނަ އިހްސާސްތަކުން ސޯޝަލް މީޑިއާ މިވަނީ ބަނޑުން ކޮށްލައިފަ އެވެ. އެދުވަހުގެ ހަނދާންތައް ދިވެހީން މިވަނީ އާ ކުރަން ފަށައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް މީހުން އެދުވަހު ކުރި އުންމީދުތަކުގައި ކުލަ ޖެހޭނެ ކަމަށް މިހާރު ގަބޫލު ނުކުރާ އިރު، އަނެއް ބަޔަކު އަދިވެސް ތިބީ އުންމީދުގެ ހުޅުކޮޅު ރޯކޮށްގެނެވެ. އެދުވަހު ވޯޓު ކަރުދާހުގައި ޖެހި ފާހަގައިން ނިންމި ނިންމުމާ މެދު އެއް ބަޔަކު ނާއުންމީދު ވެފައި ތިބި އިރު، އަނެއް ބަޔަކު ބުނަމުން އަންނަނީ ބޮޑެތި ކަންކަމަށް ވަގުތު ނަގާނެ ކަމަށެވެ.

އައްޑޫއިން ޝަކުވާގެ އަޑު!

ސޯޝަލް މީޑިއާއަށް ބަލާއިރު އެންމެ އަދުގަދަކޮށް އުޅެނީ އައްޑޫ މީހުންނެވެ. ވާނީވެސް އެހެންނެވެ. އިންތިހާބުގެ ނަތީޖާއިން އެންމެ ފޮނި އުންމީދުތަކެއް ކުރީ އައްޑޫ ރައްޔިތުންނެވެ. އައްޑޫއަށް ކުރީ ސަރުކާރުތަކުން އަޅާނުލާކަމަށް ބުނެ ވެރިކަން ބަދަލުކުރަން އެންމެ ގިނަ މަސައްކަތެއް ކުރީ އައްޑޫ ރައްޔިތުންނެވެ.

ނަމަވެސް އިންތިހާބަށް އަހަރެއްވެ، ސަރުކާރަށް އަހަރެއް ފުރެން ދާއިރު، އައްޑޫގައި ތަރައްގީގެ މަޝްރޫއެއް ފެށިފައި ނުވާ ކަމުގެ އަޑު ގަދަ އެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި އައްޑޫގެ ރައްޔިތަކު ބުނީ، ހާލަތަށް ބަދަލެއް އަންނަ މަންޒަރު ނުފެންނަ ކަމަށެވެ.

"ރިޔާސީ އިންތިހާބަށް އެއް އަހަރު، އައްޑޫ ސިޓީގެ ރައްޔިތުންގެ އުންމީދު ކުރި ގޮތަށް ކުރިމަގަށް އަދި މިހާތަނަށް ބަދަލެއް އައި ތަނެއް ނުފެނޭ. ބޮޑެތި ކަންކަމަށް ވަގުތު ނަގަނީ ކަމަށް ވެސް ވެދާނެ،" އަބްދުއްސައްތާރު ކިޔާ މީހަކު ޓުވިޓާގައި ބުނެފައިވެ އެވެ.

"އެއް އަހަރު ވީއިރުވެސް މަގުމަތީ"

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރި ގިނަ އަދަދެއްގެ ބަޔަކަށް ނުހައްގުން ވަޒީފާ ދީފައިވާ ކަމަށާއި، ރައީސް ޔާމީނަށް ތާއީދު ނުކުރާ ފަރާތްތައް ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް މި ސަރުކާރުގެ ވެރިން އޭރު ދިޔައީ ހަރުއަޑުން ގޮވާލަމުންނެވެ.

ވަޒީފާ ގެއްލުނު ފަރާތްތަކަށް އަލުން ވަޒީފާ ހޯދައިދެއްވާނެ ކަމަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. އެހެންކަމުން ވަޒީފާ ގެއްލުނު މީހުން ތިބީ އަލުން ވަޒީފާ ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ވަޒީފާ ލިބިފައި ނުވާކަމުގެ ޝަކުވާތައް މި ދެ ދުވަހު ވަނީ ގިނަވެފަ އެވެ. އަދި ކުރީ ސަރުކާރުގެ ބައެއް މީހުން އަދިވެސް ސަރުކާރުގައި ތިބުމަކީވެސް އެމީހުންގެ ކަންބޮޑުވުމެކެވެ.

"ރިޔާސީ އިންތިހާބުގެ ކާމިޔާބަށް އެއް އަހަރު ވީ އިރު ޔާމިން ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި އެތައް މުވައްޒަފުންނެއް އަދިވެސް ތިބީ ވަޒީފާ އަނބުރާ ހޯދަދޭނެ ދުވަހެއްގެ ދިގު އިންތިޒާރުގައެވެ. އޭރުގެ ކޮރަޕްޓް މީހުން މަގާމުތަކުގަ އެބަ ތިއްބެވެ. ރަނގަޅުކުރާށެވެ." ސޯޝަލް މީޑިއާ އެކްޓިވިސްޓް، އަދި މިހާރު ހެރިޓޭޖް މިނިސްޓްރީގައި މަސައްކަތްކުރާ ޝައްމޫން ޖަލީލް (ލޫކަސް) ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ދޮންބީފާނުގެ ނަމުގައި ޓްވީޓް ކުރި މީހަކު ބުނީ ކުރީ ސަރުކާރުން ވަޒީފާއިން ވަކިކުރި މީހުން އިންސާފު ލިބޭނެކަމުގެ އުންމީދުގައި އެއް އަހަރު ހޭދަކޮށްފައިވާ ކަމަށާއި، އަދިވެސް އުންމީދުގެ ހުޅުކޮޅު ފަނޑުވުމެއް ނެތި ފޮނި އުންމީދުގައި ތިބި ކަމަށެވެ.

"ބަދަލުވީ ހަމައެކަނި ސަރުކާރު"

ބަދަލަކަށް ބޭނުންވެގެން ގެނައި ސަރުކާރުން ވެސް ކުރަނީ ކުރީ ސަރުކާރުން ކުރި ކަންތައްތައް ކަމަށާއި، ވަކި ތަފާތެއް ނެތް ކަމަށް ބުނަމުން އަންނަ މީހުން ވެސް މަދެއް ނޫނެވެ.

އެމީހުން ބުނަނީ މި ސަރުކާރު ހޮވީ ކޮރަޕްޝަން މަދުކޮށް، ތަރައްގީގެ މަޝްރޫއުތައް އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް އެއްވެސް ކަމެއް ހައްލުވާތަން ނުފެންނަ ކަމަށް އެ މީހުން ބުންޏެވެ. އަދި ޖަޒީރާ ރާއްޖެ އާއި އެޖެންޑާ 19 ގެ ހުވަފެންތަކެއް ދައްކަމުން ވެރިކަމަށް އައި ސަރުކާރަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބަށް އެއް އަހަރު ވެގެން ދިޔައިރު، މި ސަރުކާރުގެ މަސައްކަތުގެ ދުވެއްޔާ މެދު ގިނަ ބަޔަކު ތިބީ ހިތްހަމަޖެހިގެނެއް ނޫނެވެ. އިންތިހާބަށް އެއް އަހަރުވުމުގެ އުފާ ފާޅުކުރަމުން އަންނަ އިރު، ސަރުކާރަށް ކުރެވުނު މަސައްކަތާ ގުޅިގެންވެސް ސުވާލުތަކެއް އަންނަނީ އުފައްދަމުންނެވެ.

ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް

ސަރުކާރުގެ ސްޕީޑާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް ހުރި އިރު، ސަރުކާރުން ވަނީ ވަރަށް ފަހުން ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލު ހާމަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް 1.8 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން 2.5 ބިލިއަން ރުފިޔާގެ މަސައްކަތް ކޮންޓްރެކްޓު ކުރާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތެއްގެ ތެރެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އޭގެ ތެރެއިން 170 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

ޕްލޭނިން މިނިސްޓްރީގެ ނޭޝަނަލް ޕްލޭނިން ޑިޕާޓްމެންޓުން ވަނީ ގައުމީ ތަރައްގީގެ ޕްލޭންގެ ދެވަނަ ޑްރާފްޓް އެކުލަވާލާ ކެބިނެޓް އެންޑޯޒްމެންޓަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފަ އެވެ.

ގައުމީ ތަރައްގީގެ ޕްލޭނެއް ނެތި 20 އަހަރު ހޭދަވެފައިވާއިރު އަލަށް އެކުލަވާލާ ޕްލޭންއަކީ 2020 އިން 2023 އަށް ހާސިލްކުރުމަށް އަމާޒުހިފާފައިވާ ކަންތައްތަކާއެކު އެކުލަވާލާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލަނީ ހަމަހަމަ، ފޯރުންތެރި، އެންމެން ބައިވެރިވާ، ގުޅާލެވިފައިވާ ޖަޒީރާ ރާއްޖެއަކަށް ވާސިލުވުމުގެ ތަސައްވަރާއެކުއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގުމަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކަށް އެހީ ހޯދުމަށް ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މި ޕްލޭންގައި ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއްގެ އިތުރުން ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލާ ގައުމީ ތަރައްގީގެ އޮނިގަނޑާއި ސްޕޭޝަލް ޕްލޭން ހިމަނާނެއެވެ.

ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެންޓްރަލް ހަބްތަކެއް ގާއިމްކޮށް އެ ހަބްތަކުގެ ވަށައިގެންވާ ރަށްތަކާ ގުޅާލާ، ހުރިހާ ރަށަކަށް ތަރައްގީގެ ރަހަ ފެންނާނެ މަޝްރޫއެއް ހިންގާނެއެވެ. މި މަޝްރޫއުގެ ދަށުން ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅާލާ، އެ ސަރަހައްދެއްގައި ތިބެގެން އެންމެ މަތީފެންވަރުގެ ހިދުމަތްތައް ހޯދޭނެއެވެ.

ގައުމީ ތަރައްގީގެ ތަސައްވަރުގެ ދަށުން ތަރައްގީ ގެންނާނީ އެއް ރަށް އަނެއް ރަށަށް ބަރޯސާވާން ޖެހޭ ގޮތަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް